ހަބަރު

ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް ގާސިމް ގޮވާލައްވައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.

ޖޭޕީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާތީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ އުފުލަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ ތެރެއަށް ވަނުމަށާއި ނޫނީ އިސްތިއުފާ ދެއްވުމަށް ރައްޔިތުން ގޮވާލަމުން ދަނިކޮށް ނަޝީދު އިސްތިއުފާ ދެއްވާފައިވާތީ ނަޝީދުގެ މައްޗަށް އެ މައްސަލައިގައި ދައުވާ އުފުލުމުގެ "ލެގިޓިމަސީ" އެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ގާނޫނު އަސާސީއަށް ރުޖޫއަވާށޭ އެހެން ނޫނީ އިސްތިއުފާ ދެއްވާށޭ، އޭނާ އިސްތިއުފާ ދެއްވީ. ދެއްވީމަ ދެއްތޯ އަބްދުﷲ ގާޒީ ސަލާމަތްވީ. އަބްދުﷲ ގާޒީ ސަލާމަތުން ނޫންތޯ ގޮނޑީގައި އެ އިންނެވީ. އެހެންވީމަ ކޮބައިތޯ އެ ޝަރީއަތް ހިންގުމުގެ ބޭނުމަކީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ނަޝީދަށް ވެރިކަމަށް ކުރިމަތި ނުލެވޭ ފަދަ ހުކުމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ޒާތީ ދައުވާތައް މީހުންގެ މައްޗަށް ނުއުފުލުމަށާއި ނަޝީދުގެ މައްޗަށް ކުރާ އެ ދައުވާ އަނބުރާ ގެނައުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ގާސިމް މިރޭ ގޮވާލެއްވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކޮށް ދަންނަވާލަން އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރި ދައުވާ ނުކުރައްވާށޭ. އެހެންވީމާ އެ ދައުވާ އަނބުރާ ގެންނަވާށޭ. ފައިލް ކްލޯސް ކޮށްލައްވާށޭ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ޗެޕްޓާ ކްލޯސްވީ އޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާތީ ކަންބޮޑުވެ ވަޑައިގަންނަވަނީ އޭނާއަށް ވެރިކަމަށް ކުރިމަތި ނުލެވިދާނެތީ ނޫން ކަމަށެވެ. އެކަމާ އޭނާ ދެކޮޅު ހައްދަވަނީ ވަކި މީހަކާ މެދު ޒާތީގޮތުން ޖައްސާލައި، ވަކި މީހަކަށް އަމާޒުކޮށްގެން އެފަދަ ކަންތައްތައް ކުރާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ވެސް ވަކި އުމުރަކަށް ވުރެ މައްޗަށް ދިއުމުން ސިޔާސީ މަގާމުތަކަށް ކުރިމަތިނުލެވޭ ގޮތަށް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދާތީ އެއް ނޫން، އުސޫލު މުގުރާލާތީ." ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ހިންގާ ކޮމެޓީން މިރޭ ވަނީ ގާނޫނު އަސާސީގެ ހިމާޔަތުގައި އެމްޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފާސްކޮށްފަ އެވެ. މާދަމާ ރޭ އެ ދެ ޕާޓީ ގުޅިގެން ބާއްވާ ޖަލްސާގައި އެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށާއި ނަމަވެސް އެއީ ދެ ޕާޓީގެ ދެމެދުގައި ހެދޭ ކޯލިޝަނެއް ނޫން ކަމަށް ޖޭޕީން ބުންޏެވެ.