ހަބަރު

މާދަމާ ހަނާއަށް ހުކުމް ކުރަނީ

ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ސާބިތުވެ މަރު ހިފަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލައި ހުކުމް އިއްވުން މާދަމާއަށް ތާވަލްކޮށްފި އެވެ. މާދަމާ ހައިކޯޓުގައި މި މައްސަލަ ތާވަލްކޮށްފައިވަނީ މެންދުރުފަހު ދެއެއް ޖަހާއިރަށެވެ.

ހަނާގެ މައްސަލަ ހައިކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި އަބްދުﷲ ދީދީ އާއި އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހިމާއި ޝުޖާއު އުސްމާނެވެ. ދެފަހަރެއްގެ މަތިން މި މައްސަލަ ބަލާ ބެންޗް ބަދަލުވެފައިވެ އެވެ.

ހަނާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ހަނާގެ އޭރުގެ ލޯބިވެރިޔާ އަދި ނަޖީބްގެ ގާތިލް މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އަދި މަރުގެ ހުކުމް ޔަގީންކުރުމަށް ސްޕްރީމް ކޯޓުގައި ވަނީ ޝަރީއަތް ފަށާފަ އެވެ.

ޖަލުގައި ހުރެގެން ގާރީ ގޯސް ފުރިހަމަކޮށްފައިވާ ހަނާއަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި މަރުގެ ހުކުމެއް އައި ފުރަތަމަ އަންހެނާގެ އިތުރުން މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެނަކާ އެވެ.