އާދަމް ޝަރީފު އުމަރު

މިނިވަންކަން ގެއްލޭވަރަށް ބޭރުގެ ނުފޫޒު އާދޭ: މިނިސްޓަރު

May 8, 2016
5
  • ޑިމޮކްރަސީގެ ނަމުގައި ނުފޫޒު އަންނަނީ އިސްލާމްދީން ދެކޮޅަށް
  • ދިވެހިންގެ ވަތަނިއްޔަތު ނަގައި ނުލަން ގޮވާލެއްވި
  • ޓެރަރިސްޓުންގެ ގޮތުުގައި ދިވެހިން ލޭބަލް ކުރާތީ ކަންބޮޑުވޭ

ޑިމޮކްރަސީގެ ނަމުގައި ބޭރުގެ ނުފޫޒުތައް ރާއްޖެއަށް މިހާރު އަންނަމުން ދަނީ މިނިވަންކަމަށް ނުރައްކާވާ ވަރަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި އެންމެ ގިނައިން ރާއްޖެއަށް އަންނަ ނުފޫޒަކީ އެކި ދީން ތަކަށް ރާއްޖޭގައި ފުރުސަތު ނުދިނުމާއި، އެއް ޖިންސުން ކައިވެނި ކުރުން ފަދަ އިސްލާމް ދީނާއި ހިލާފު އެންމެހާ ކަންކަމަށް ރާއްޖޭގައި ފުރުސަތު ދޭން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގައުމާއި އިސްލާމް ދީނުގެ ދިފާއުގައި މި ކަންކަމާ ދެކޮޅު ހަދަން ޖެހޭ ކަމަށާއި ރާއްޖޭގައި މިނިވަންކަމާ ކުޅެން ބޭނުންވާ މީހުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އިސްލާމް ދީނުގެ ނޫރު ގައުމުން ފުހެލަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ އޭރު ގޮތަށް ކަޑި ބަޑި ހިފައިން މި ޒަމާނުގައި ނާންނާނެކަން. އެ މީހުން ވެސް އެ މީހުންގެ ގޮތްތައް މިހާރު ހުންނާނީ ބަދަލުކޮށްފައި. ފިކުރީ ގޮތުން އަޅުގަނޑުމެންނާ ކުޅެމުން މި އަންނަނީ. ޑިމޮކްރަސީގެ ނަމުގައި ކެނޑިނޭޅި މި އަންނަ ބޭރުގެ ނުފޫޒުތައް މި އަންނަނީ މިނިވަންކަން ގެއްލޭ ދަރަޖައަށް. އަޅުގަނޑުމެން އެބަ ޖެހޭ އަގީދާއެއްގެ މަތީގައި ދެމިތިބެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބޭ ބަޔަކު ދިވެހިންނަކީ ޓެރަރިސްޓުން ގޮތަށް ލޭބަލްކޮށް ދައްކާ ވާހަކަތަކުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި މިއީ ގައުމު ދެކެ ލޯބިވާ އަދި ދީން ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެއިން އަބަދުވެސް ސުލްހަޔަށް މަސައްކަތް ކުރާ އިރު ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ދާ ދިޔުން ރާއްޖެ އަބަދުވެސް ކުށްވެރި ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ހުއްޓުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

މިނިސްޓަރު އަދި ވިދާޅުވީ، ބޭރުގެ ނުފޫޒުތައް ދިވެހި ބަހަށާއި ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި އަށް ވަރަށް ބޮޑަށް ވަންނަމުންދާ ކަމަށެވެ. އެގޮތުން ދިވެހި ބަސް ވެސް އޮޅުވާލައި ބަހުގެ ހަމަތަކުން ބޭރުގައި އެކި ބަސްތައް ވައްދައިގެން މުއާމަލާތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދަރިން ބަލަން ވެސް ބޭރު މީހުން މިހާރު ގެންނަ އިރު ދިވެހި ވަންތަ ކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބޭރުގެ ވައްޓަފާޅި އާއި ނުފޫޒު ބޮޑުވެގެން ގޮސް ދިވެހި ވަންތަކަމަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.