ޗައިނާ

ޗައިނާ ފަތުރުވެރިން ހިމާޔަތް ކުރަން އެގައުމުގެ ފުލުހުން އިޓަލީގެ މަގުމައްޗަށް!

ދުނިޔޭގައި ހުރިހާ ގައުމެެއްހެން މިވަނީ ފަތުރުވެރިކަމުގެ އަވައިގައި ޖެހި ބަނދެވިފަ އެވެ. ގައުމުތަކުގައި އިންތިހާއަށް ފަތުރުވެރިކަން ކުރިއަރާފައިވިޔަސް ބޭރުގެ ގައުމުތަކަށް ދާ މިންވަރު އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. މިގޮތުން ޗައިނާ އަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މީހުން ފަތުރުވެރިންގެ ގޮތުގައި ބޭރުގެ ގައުމުތަކަށް ގޮސް އުޅޭ ގައުމެކެވެ.

އެމީހުން އެންމެ ގިނައިން ގޮސް އުޅޭ އެެއް ގައުމަކީ އިޓަލީ އެވެ. އަހަރަކު މިލިއަނެއްހާ މީހުން ޗުއްޓީ ހޭދަކޮށްލަން ޗައިނާއިން އިޓަލީއަށްދެ އެވެ. ހާއްސަކޮށް އިޓަލީގެ ރޯމެވެ. އިޓަލީއަކީ ޓޫރިސްޓް ހަމަލާތަކުގެ އަމާޒު ފަތްގަނޑަކަށް ވަމުންދާ ޔޫރަޕްގެ ގައުމެކެވެ. އެހެން ކަމުން ޗައިނާގެ ފުލުހުން މިވަނީ ރައްޔިތުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއް އަޅާފަ އެވެ.

ޗައިނާ ފުލުހުންގެ ފައުޖެއް މިހާރުވަނީ އިޓަލީއަށް ގޮސް ރޯމްގެ މަގުތަކުގައި އާންމުންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަށާފަ އެވެ. ރޯމްގެ އިތުރުން މިލާންގައި ޗައިނާ ފުލުހުން ދަނީ އިޓަލީ ފުލުހުންނާ ގުޅިގެން އެގައުމުގެ ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދެމުންނެވެ. ރައްޔިތުން އެހީއެއް ބޭނުންވެއްޖެނަމަ އެކަމަކަށްވެސް އިޖާބަ ދެމުންނެވެ.

ކަމެއް ދިމާވެއްޖެނަމަ ގުޅަންވީ ނަންބަރުތަކާއި އެއްޗެހި ފޯރުކޮށްދީ މީހުންނަށް މައުލޫމާތު ދިނުމުގައި ޗައިނާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިޓަލީގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނަނީ މިއީ 2014 ވަނަ އަހަރު ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސަލާމަތީ ކަންކަން މިހާވަރަށް ވަރުގަދަ ކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މި ގޮތަށް ޗައިނާ ފުލުހުން އިޓަލީގެ އެހެން ސިޓީތަކުގައި ވެސް ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔޫރަޕަށް ފަތުރުވެރިންގެ ގޮތުގައި ދިޔަ އެތައް ބަޔަކު ޓެރަރިސްޓް ހަމަލާތަކުގެ އަމާޒަކަށްވަނީ ވެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޗައިނާގެ 109 މިލިއަން ފަތުރުވެރިން ޔޫރަޕަށް ދަތުރު ކުރަން 229 ބިލިއަން ޑޮލަރު ހަރަދުކުރި ކަމަށްވެ އެވެ.