ވިޔަފާރި

ދަރަނި ބޮޑުވެ ރާއްޖޭގެ އިގްތިސާދު ނުރައްކަލަކަށް ވެއްޓިދާނެ: ވޯލްޑް ބޭންކް

  • ވަޒީފާ އަށް ނިކުންނަ ދިވެހިން އިތުރުވެފައިވޭ
  • ޓޫރިޒަމަށް ކުރިއެރުން ލިބޭ ވަރު ވަރަށް ކުޑަވާނެ
  • ދަރަނި އިތުރު ނުވާނެ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ

ދައުލަތުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވާތީ، ދަރަނި ޖީޑީގެ 100 ޕަސެންޓަށް ވުރެވެސް ބޮޑަށް އުފުލި، އޭގެ ނުބައި އަސަރު އިގްތިސާދަށް ކުރުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ބޮޑު ކަމަށް ބުނެ، ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިގްތިސާދު ތަކުގެ މައްޗަށް ވޯލްޑް ބޭންކުން އެކުލަވާލައި، މިދިޔަ މަހު އާންމު ކުރި، "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް 2016" ރިޕޯޓްގައި ބުނެފައި ވަނީ، އަހަރުން އަހަރަށް ލިބޭ އާމްދަނީ ބޮޑުވި ނަމަވެސް، ހަރަދުތައް އެއަށް ވުރެ މާ ބޮޑުތަން އިތުރުވަމުން އަންނަ ކަމަށެވެ. އަދި މުސާރަތަކަށާއި ސަބްސިޑީ ފަދަ ތަކެއްޗަށް ކުރާ ރިކަރަންޓް ހަރަދުތައް އިތުރު ނުވެ ހިފެހެއްޓިފައި ހުރި ނަމަވެސް ބޭރުން ލޯނު ނަގައިގެން ފަށާފައިވާ ބައެއް ބޮޑެތި ޕްރޮޖެކްޓްތަކުގެ ސަބަބުން، ރާއްޖޭގެ ދަރަނި އިތުރުވެ، އިގްތިސާދީ ގޮތުން، "އިމްބެލެންސަކާ" ކުރިމަތިވެދާނެ ކަމަށެވެ.

ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ކުރާ ހަރަދު އިތުރުވުމުގެ ސަބަބުން، ރާއްޖޭގެ ފިސްކަލް ޑެފިސިޓް 2018 ވަނަ އަހަރު ޖީޑީޕީގެ 20 ޕަސެންޓަށް އިތުރުވުން އެކަށީގެންވާ ކަމަށް ވޯލްޑް ބޭންކް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި 2020 ގައި އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 120 ޕަސެންޓަށް އެ އަދަދު އިތުރުވާނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ވޯލްޑް ބޭންކުން ބުނަނީ އެއީ ދުނިޔެ ގަބޫލު ކުރާ މާލީ މިންގަނޑުތަކުން މިނެ ކިރާ އިރު ވަރަށް ގައުމުގެ ދަރަނި ނާޒުގު ފައްތަރަކަށް ދިޔުން ކަމަށެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު އެކުލަވާލާފައިވާ ސިޔާސަތުތަކުން އެކަށީގެންވާ ފައިދާއެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ސިޔާސަތު މިހާރަށް ވުރެ ހަރުދަނާކޮށް ދަރަނީގެ ކަންކަން ހަމަޔަކަށް އަޅުވަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުގައި އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ޑެފިސިޓް އިތުރުނުވާނޭ ގޮތަކަށް ފަރުމާކޮށްފައިވާ އިންވެސްޓްމެންޓްތަކަށް މި ވަނީ އިސްކަން ދޭން ޖެހިފަ އެވެ.

ވޯލްޑް ބޭންކުން ބުނަނީ، ރާއްޖޭގެ އިގްތިސާދު ތަރައްގީވެ ކުރިއަރައި، ޕްރައިވެޓް ސެކްޓަރަށް ވެސް ކުރިއެރުންތައް ލިބޭނީ، ސަރުކާރުން ފަށާފައިވާ މެގަ ޕްރޮޖެކްޓްތަކުން އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބޭ ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ.

ރިޕޯޓްގައި ފާހަގަ ކުރާ ގޮތުގައި، ރާއްޖޭގެ ސިޔާސީ ހާލަތަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޓޫރިޒަމަށް އިތުރު ގެއްލުން ލިބުން އެކަށީގެންވެ އެވެ. މީގެ އިތުރުން، ޗައިނާ އާއި ޔޫރަޕްގެ ގައުމުތަކުން ޒިޔާރާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންނުދާނަމަ، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރާއްޖޭގައި ބޭނުން ކުރެވޭގޮތަށް ހުންނަ ރިޒާވްގެ މިންވަރު އިތުރު ނުވާތީ އެކަމުެ ކަންބޮޑުވުން ވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޓޫރިޒަމް ފިޔަވައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި އިންވެސްޓް ކުރެވޭ އިތުރު ސިނާއަތްތަކެއް ނެތް ކަމަށް އެ ބެންކުން ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ގޮންޖެހުންތައް ހުރިކަން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް ވަޒީފާއަށް ނިކުންނަ ދިވެހިންގެ އަދަދު އިތުރުވެފައިވާކަން ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފަ އެވެ.

ވޯލްޑް ބެންކުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގައި އަގުތައް މިއަހަރު މާބޮޑެތި ބަދަލުތަކެއް ނާންނާތީ، ރާއްޖޭގެ އިންފްލޭޝަނަށް ނޫނީ ތަކެތީގެ އަގުތައް ބޮޑުވުން އެއް ހަމައެއްގައި ހިފެހެއްޓޭނެ އެވެ. ވޯލްޑް ބެންކުން ބުނާ ގޮތުގައި ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން އެކުލަވާލަން ފަށާފައިވާ އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ އިން ރާއްޖޭގެ ހާލަތު ފުރިހަމައަށް ދެނެގަންނަން ފަސޭހަވާނެ އެވެ.

ވޯލްޑް ބޭންކް ރިޕޯޓްގެ ލިންކް: https://openknowledge.worldbank.org/bitstream/handle/10986/24016/9781464809156.pdf