އެމްޑީޕީ

އީ ވޯޓިންގެ އިތުރު މައުލޫމާތު ހޯދަން އެމްޑީޕީން އެދެފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ބޭނުން ކުރަން ނިންމަވާފައިވާތީ އެ ނިޒާމާބެހޭ އިތުރު މައުލޫމާތު ހިއްސާކުރުން އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ. އެމްޑީޕީން ބުނީ މީގެ ކުރިންވެސް އެކަމާބެހޭ މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށާއި ނަމަވެސް އިލެކްޝަނުން އެމައުލޫމާތު ސާފުކޮށްދީފައި ނުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަންއިން އީ-ވޯޓިންގެ ނިޒާމް ބޭނުން ކުރެއްވުމަށް ނިންމަވާފައިވާކަމަށް މީޑިޔާގެ އެކިފަރާތްތަކުން ރިޕޯޓުކުރަމުން ގެންދާތީ އެފަދަ އެއްވެސް ނިންމެވުމެއް ނިންމަވާފައިވާނަމަ އެމް.ޑީ.ޕީއަށް އެކަން އަންގަވައިދެއްވުމަށް އެދި 2 މެއި 2016 ގައި ސިޓީއަކުން އެދުނެވެ. އެ ސިޓީގައި އެދިފައިވާ މައުލޫމާތު ހިއްސާކުރެއްވުމުގެ ބަދަލުގައި 3 މެއި 2016 ގައި އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީއަށް ސިޓީއަަކުން ދެންނެވީ “ކުރިއަރަމުންދާ ދުނިޔޭގައި، ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު މި ކޮމިޝަނުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންކަން މި ކޮމިޝަނުން ދަނީ ކުރަމުންނެވެ. މިގޮތުން އިލެކްޓްރޯނިކް ވޯޓިން ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ދެންނެވީމެވެ.”" އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.

އެމްޑީޕީން ބުނީ އެޕާޓީން ފޮނުވި ސިޓީގައި އީ-ވޯޓިންގެ ނިޒާމު ރާއްޖެއަށް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން އެޕާޓީގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށްވެފައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޮޓު ފޮށިތަކުގެ ނަތީޖާތައް އިއުލާންކުރެވޭހިނދު އީ-ވޯޓިންގެ ނިޒާމަށް ކުއްލިގޮތަކަށް ބަދަލުކުރަން ޖެހޭ ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް އެސިޓީގައި ބުނެފައިވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ އެޕާޓީ އަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ވޯޓު ހޯދާ ޕާޓީއަށް ވާހިނދު އީ - ވޯޓިން ތައާރަފް ކުރުމާއި ގުޅޭގޮތުން އެޕާޓީއާ މަޝްވަރާ ނުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޓީގައި އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ނުފޫޒު ފޯރާފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާފަ އެވެ.