- ރާސްބެރީ ކިޓަކީ ކުދިން ބޭނުންކުރާ ކޮމްޕިއުޓަރު ވަސީލަތެއް
- އެލައިޑުން ހަދިޔާކުރީ 30 ކިޓް
- މި ކިޓްތަކުން ދެ ކްލާހަށް ކިޔަވައިދެވޭ


ކޮމްޕިއުޓަރުގެ ހުނަރު ތަރައްގީ ކުރަން ހިތްވަރު ދިނުމުގެ ގޮތުން، އެލައިޑު އިންޝުއަރެންސުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް "ރާސްބެރީ ޕައި" ކިޓްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
ގިިޔާސުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ރާސްބެރީ ޕައި" ކިޓްތައް ހަދިޔާކޮށްދެއްވީ އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އެވެ. އަދި މި ކިޓްތަކާ ހަވާލުވީ ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ.
ރާސްބެރީ ޕައި ކިޓަކީ ކުޑަކުދިންގެ މެދުގައި ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ ހާއްސަ ވަސީލަތެކެވެ.

"ރާސްބެރީ ޕައި" ކިޓްތަކާ ބެހޭ ގޮތުން އެލައިޑް އިންޝުއަރެންސުގެ މެނޭޖަރު މާކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ ރާސްބެރީ ޕައި ކިޓްތަކުގެ ސަބަބުން ކުދިންގެ ކޮމްޕިއުޓަރުގެ ހުނަރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށެވެ.
"މިފަދަ ކަންކަމުގެ ސަބަބުން ސްކޫލް ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނައިރު ހުނަރުތައް އިތުރު ވެގެންދާނެ،" ނިއުޝާދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮމްޕިއުޓަރު ރޮބޮޓިކް ޕްރޮގާމެއް ހަމައެކަނި ހިންގަމުންދާ ގިޔާސުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ޝިރުމީނާ ފަހީމް ވިދާޅުވީ އެލައިޑުގެ ސްޕޮންސާއެއްގެ ދަށުން އެ ސްކޫލަށް ހަދިޔާކުރި 30 ރާސްބެރީ ޕައި ކިޓު ބޭނުންކޮށްގެން ދެ ކްލާހަށް ކޮމްޕިއުޓަރު ކްލާސްތައް ކުރިއަށް ގެންދެވޭނެ ދެވޭނެ ކަމަށެވެ.
"މި ރާސްބެރީ ޕައި ކިޓްތައް ބޭނުންކޮށްގެން ގްރޭޑް، އެކެއް، ދޭން އަދި ތިނަކަށް ކްލާސްތައް ކުރިއަށް ގެންދެވޭނެ،" ޝިރުމީނާ ވިދާޅުވި އެވެ.