ވިޔަފާރި

ރާއްޖެއާ އެއްގޮތް މޫދު ކޮޓަރިތަކާއެކު އޮމާންގައި ރިސޯޓެއް ހުޅުވަނީ

May 11, 2016
1

ރާއްޖެއާ އެއްގޮތަށް މޫދު ކޮޓަރިތައް ހިމަނައިގެން އޮމާންގައި ރިސޯޓެއް ހުޅުވަން "މޮސްކަޓް ހިލް ރިސޯޓް" ކުންފުނިން ތައްޔާރުވެއްޖެ އެވެ.

މެދުއިރުމަތީގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ގޮތަށް މޫދު ކޮޓަރިތައް ލާފައިވާ މި ރިސޯޓް މި އަހަރުގެ ޖުލައި މަހު ހުޅުވާނެ އެވެ.

މޮސްކަޓް ހިލް ރިސޯޓް ޗެއާމަން ރަވާއީ ކައިސް އަލް ސައުދު ވިދާޅުވީ މި ރިސޯޓް ތަރައްގީ ކުރަނީ ރިސޯޓުން ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަކަށް ކަމަށާއި ރޯދައިގެ ފަހުން މި ރިސޯޓުގެ ފުރަތަމަ ބައި ހުޅުވާނެ ކަމަށެވެ.

"މި ރިސޯޓުގައި މިސާލަކަށް ގޮލްފް ކުޅޭނެ ގޮލްފް ކޯހެއް އޮންނާނެ. މޫދު ކުޅިވަރުތަކާއި އެފްއެންބީ ހިދުމަތުގެ އިތުރުން މުސްތަގުބަލުގައި ޖިމާއި ޓެނިސް ކޯޓްތައް ވެސް އޮންނާނެ،" އަލް ސައުދު ވިދާޅުވި އެވެ. "އެފްއެންބީ ހިދުމަތުގެ ސޮފްޓް އޯޕަނިން ޖުލައި މަހު އޮންނާނެ. އެކަމަކު ގްރޭންޑް އޯޕަނިން އޮންނާނީ އޮކްޓޫބަރު މަހު،"

ބީޗް ކްލަބެއްގެ ގޮތަށް ތަރައްގީކުރާ މި ރިސޯޓުގައި އެއް ފަހަރާ 400 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި ރިސޯޓުން 300 އެއްހާ މީހުންނަށް ވަޒީފާ ލިބޭނެ އެވެ.