އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ޑޮމިނިކަން ރިޕަބްލިކަށް

ޑޮމިނިކަން ރިޕަބްލިކްގައި އޮންނަ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ ޓީމެއް އެ ގައުމަށް ގޮސްފި އެވެ. މި އިންތިހާބު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ޑޮމިނިކަން ރިޕަބްލިކަށް ދިޔަ ޓީމުގައި ހިމެނެނީ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމާއި އެ ކޮމިޝަންގެ ސީނިއާ އައިޓީ އޮފިސަރު އައިމިނަތު އަޒީފާ އެވެ.

އީސީއިން ބުނީ، މި ޓީމު ޑޮމިނިކަން ރިޕަބްލިކަށް މިކުރާ ދަތުރުގައި އެ ގައުމުގެ އިންތިހާބުގެ ނިޒާމު އޮންނަ ގޮތުގެ ފުރިހަމަ މައުލޫމާތު އެއްކޮށް އިންތިހާބު ހިނގާ ނުހިނގާ ގޮތް ވަރަށް ގާތުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ އިލެކްޓްރޯނިކް ވޯޓިން ނިޒާމާ ގުޅޭގޮތުން ތަފާތު ގައުމުތަކުގެ ކަމާގުޅޭ ވެރިންނާ މަޝްވަރާކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރު ނިންމާލުމަށްފަހު ކޮމިޝަންގެ ޓީމު އެނބުރި މާލެ އަންނަނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.