ބޭރު ކުޅިވަރު

އައިވަރީ ކޯސްޓްގެ ކުޅުން ރަނގަޅުކުރަންޖެހޭ: ރެނާޑް

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް އިން އައިވަރީ ކޯސްޓް ޖާގަ ހޯދި ނަމަވެސް، އެފްރިކާގެ ޗެމްޕިއަންކަން ހޯދުމަށް އައިވަރީ ކޯސްޓް އިން ކުރަމުންދާ ދިގު އިންތިޒާރު ނިންމާލެވޭނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު ހެވޭ ރެނާޑް ބުނެފި އެވެ.

އީކުއެޓޯރިއަލް ގިނީގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް އިން އައިވަރީ ކޯސްޓް ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން 3-2 އިން މޮޅުވެެގެންނެވެ.

"މި މެޗާމެދު އަހަރެން ހިތްހަމައެއްނުޖެހޭ. އަހަރެމެން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ނުވި،" މެޗަށް ފަހު ރެނާޑް ބުންޏެވެ. "ބައެއް ފަހަރު އަހަރެމެން މާބޮޑަށް ފަސޭހަކޮށްލަނީ. އެކަމަކު އެންމެ މުހިންމު ކަމަކީ ފައިނަލް އިން ޖާގަ ހޯދުން. އެކަން މި އޮތީ ހާސިލްވެފައި."

އެފްރިކާ ކަޕް 1992 ވަނަ އަހަރު ކާމިޔާބުކުރި އައިވަރީ ކޯސްޓްއާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ދެވަނަ ސެމީގައި މިރޭ ކުރިމަތިލާ އީކުއެޓޯރިއަލް ގިނީ ނުވަތަ ގާނާ އެވެ. މިއީ ނުވަ އަހަރުގެ ތެރޭގައި އައިވަރީ ކޯސްޓް މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދި ތިން ވަނަ ފަަހަރެވެ.

މެޗުގެ 20 ވަނަ މިނިޓުގައި އައިވަރީ ކޯސްޓް އިން ލީޑު ނެގީ ޔާޔާ ޓޫރޭ ޖެހި ލަނޑުންނެވެ. އެކަމަކު އޭގެ ހަތަރު މިނިޓު ފަހުން ކޮންގޯ އިން ނަތީޖާ އެއްވަރުކުރީ ފޯވަޑް އެމްބޮކާނީ ބެޒުއާ ޖެހި ލަނޑުންނެވެ.

ފުރަތަމަ ހާފު ނިމެނިކޮށް އައިވަރީ ކޯސްޓް އިން އަލުން ލީޑު ހޯދީ ރޯމާގެ ފޯވަޑް ޖާވީނިއޯ ޖެހި ލަނޑުންނެވެ. އަދި އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި ޖެހީ ވިލްޑްރެޑް ކަނަން ޖެހި ލަނޑުންނެވެ. -- ބީބީސީ