ރިޕޯޓް

މެނޭޖްކުރާނީތަ؟ ނުވަތަ މައިކްރޯމެނޭޖް ކުރާނީތަ؟

May 12, 2016
1

މިފަހަރުގެ ލިޔުމުގައި މިބަލާލާނީ، ވަރަށްގިނަ އާ މެނޭޖަރުންނަށް ކުރިމަތިވާ މައްސަލައެއް ކަމުގައިވާ، މައިކްރޯ މެނޭޖްކުރުމުގެ މައްޗަށެވެ.
މައިކްރޯ މެނޭޖްކުރުމޭ މިބުނެވޭ ބަހުގެ މާނައަށް ބަލާލާއިރު، އިނގިރޭސި ބަހުގައި މައިކްރޯ މެނޭޖްކުރުމޭ ބުނެވޭ ބަހުގެ މާނަޔަކީ، ކުދިކުދި ތަފްސީލުތަކަށް މާބޮޑު އިސްކަމެއް ދީގެން ކަންތައްތައް ހިންގުވަން މަސައްކަތް ކުރުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދަށުން މަސައްކަތް ކުރަން ތިބި މީހުންނަށް މާބޮޑު ކޮންޓްރޯލެއް ނުދީ، މެނޭޖަރު ހުރިހާ ކަމެއްގެ އެންމެ ކުދިކުދި ކޮންޓްރޯލްތައް ވެސް ނަގައިގެން މަސައްކަތް ކުރުވަން އުޅުމެވެ.

މީގެ އަނެއް ކޮޅަކީ ޑެލިގޭޓް ކުރުމެވެ. ޑެލިގޭޓް ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ، (ދަށުން މަސައްކަތްކުރާ ފަރާތަކާއި) މަސައްކަތެއް ފުރިހަމަ އިޚްތިޔާރާއިއެކު ޙަވާލުކުރުމެވެ.

މައިކްރޯ މެނޭޖް ކުރުމަކީ އަލަށް މެނޭޖްމަންޓް ދާއިރާ އަށް ވަންނަ ފަރާތްތަކަށާއި، މެނޭޖްމަންޓްގެ މަޢުލޫމާތުތައް މާރަނގަޅަށް ނޭގޭ މީހުންނަށް ވަރަށް ބޮޑަށް ދިމާވާ މައްސަލައެއްކަމުގައި ފަހަގަ ކުރެވެއެވެ. ވަކިން ޚާއްސަކޮށް އެމީހަކު ކުރިން ކުރަމުން އައި މަސައްކަތުގައި ގިނަދުވަސްވެ ހަމަ އެ މަސައްކަތުގައި ސީނިޔާ ނުވަތަ ސުޕަވައިޒް ކުރުމުގެ ވަޒީފާއަކަށް ބަދަލުވާ މީހުންނަށް ޑެލިގޭޓް ކުރުމުގައި މައްސަލަތައް ދިމާވާކަމަށް ފާހަގަކުރެވިފައި ވެއެވެ.

މި ލިޔުމުގައި ބޮޑަށް އަލިއަޅުވާލަން ގަސްދު ކުރަނީ މައިކްރޯ މެނޭޖް ކުރުމާއި މައިކްރޯ މެނޭޖް ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި މެދުގައެވެ. މިކަމުގެ ޙައްލަކީ، ކުރީގައިވެސް ދެންނެވުނު ފަދައިން ޑެލިގޭޓް ކުރުމެވެ.

މައިކްރޯ މެނޭޖްކުރާކަމުގެ ބައެއް ނިޝާންތަކަށް ބަލާލަމާތޯއެވެ. ތިރީގައި މިދަންނަވާ ފަދަ ކަންތައްތައް މެނޭޖަރެއްގެ ކިބައިން ފާހަގަކުރެވޭނަމަ، އެ މެނޭޖަރަކީ މައިކްރޯ މެނޭޖްކުރާ މެނޭޖަރެކެވެ.

- ދަށުން މަސައްކަތް ކުރާ ފަރާތްތަކާއި އިތުބާރާއިއެކު މަސައްކަތް ޙަވާލުކުރަން ޖެހިލުންވުން
- ބޮޑު މަންޒަރަށް ބެލުމުގެ ބަދަލުގައި ކުދިކުދި ތަފްސީލުތަކައް ވިސްނުން
- ޖުމްލަ ނަތީޖާ އާއިމެދު ވިސްނުމުގެ ބަދަލުގައި ކުދިކުދި ކަންތައްތަކާއި މެދު ވިސްނުން
- ދަށުން މަސައްކަތްކުރާ މުވައްޒަފުންނާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް، އެފަރާތެއްގެ މަޝްވަރާއެއް ނެތި އަމިއްލައަށް ކުރުން
- ދަށުން މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތްކުރުމާބެހޭގޮތުން ގޮތް ނިންމުމަށް ދޫނުކުރުން
- ކާމިޔާބު ކަމާއިއެކު މަސައްކަތް ނިންމާލުމަށް ފޯކަސް ކުރުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި ގޮަތަކަށް މަސައްކަތް ކުރުވުމަށް ބާރުއެޅުން
- ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާއި ޙަވާލުކޮށްފައިވާ މަސައްކަތް ނިންމުމުގެ ކުރިން އަނބުރާ މަސައްކަތް އަތުލުން
- މަސައްކަތް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ނުދީ، ތަކުރާރުކޮށް މަސައްކަތް ކުރާގޮތް ގާތުން ބަލަހައްޓަމުން ގެންދިއުން
- މުވައްޒިފުންނާއި މަޝްވަރާކުރުމެއްނެތި، މަސައްކަތް ނިންމަންޖެހޭ ވަގުތު އަމިއްލައަށް ކަނޑައެޅުން

މިދަންނަވާލެވުނީ މައިކްރޯ މެނޭޖްކުރާ މެނޭޖަރެއްގެ ކިބައިން ފެނިގެން ހިނގައިދާނެ ބައެއް ކަންތައްތަކުގެ ވާހަކައެވެ. މިހާހިސާބުން ބައެއް މެނޭޖަރުން މައިކްރޯ މެނޭޖްކުރަނީ ކީއްވެގެންތޯ ބަލާލުމަކީ މުހިންމު ކަމެއްކަމަށް ފެނެއެވެ. ބައެއް މެނޭޖަރުން މައިކްރޯ މެނޭޖްކުރުމުގެ އެކި ސަބަބުތައް ހުރެއެވެ. މީގެތެރެއިން މައިގަނޑު ސަބަބެއްކަމުގައި ފަހަގަކުރެވިފައިވަނީ އެހެން މީހުން ކުރާ، ފެންވަރު ދެރަ މަސައްކަތުގެ ޒިންމާ އެމެނޭޖަރަކު ނަގަން ޖެހިދާނެކަމުގެ ބިރު ހީވުމާއި، އެހެން މީހުން ކުރާ މަސައްކަތްތައް ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ބޭނުން ކަމެއްކަމަށް އެ މެނޭޖަރަކަށް ވިސްނިފައި އޮތުމެވެ. މިގޮތަށް މިކަންކުރަން ޖެހޭ ބައެއް ސަބަބުތަކުގެ ތެރޭގައި:

- އެމަސައްކަތަކީ ކުރީގައި އެމީހަކު އަމިއްލައަށް ކުރި މަސައްކަތެއް ކަމުގައި ވެފައި، އެމީހަކު އެމަސައްކުރީ ވަރަށް ރަނގަޅު ފެންވަރެއްކަމުގައި ވުމުގެ ސަބަބުން އެމީހަކު މެނޭޖަރެއްގެ މަޤާމަށް ޕްރޮމޯޓް ކުރެވިފައިވާތީ، އެމަސައްކަތް އެންމެ ފުރިހަމައަށް ކުރަން އެނގޭނީ ހަމައެކަނި އެމީހަކަށް ކަމުގައި ހީވާހީވުން
- އެހެން މީހަކާ ޙަވާލުރި މަސައްކަތް ފުރިހަމަ ނުކުރެވި ފޭލިވާތަން ފެނި، އެމީހަކަށް އެހީވުމުގެ މަޤްސަދުގައި
- އެމަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމުގައި ވެފައި، އެހެން މީހެއްގެ ދޯހަޅިކަމުން އެމަސައްކަތް ފޭލިވިޔަ ނުދިނުން
- އެމަސައްކަތަކީ ކުރީގައި އެމީހަކު ކުރި މަސައްކަތަކަށްވެފައި، މިހާރު އެމަސައްކަތް ކުރަންނުލިބޭތީ އެކަމާ ކަންބޮޑުވުން (މަސައްކަތް މިސްވުން)

މައިކްރޯ މެނޭޖްކުރުމަކީ އެކަމުގެ ސަބަބުން އެ އޯގަނައިޒޭޝަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. މިގޮތުން މައިކްރޯ މެނޭޖްކުރާނަމަ، އެ މެނޭޖަރެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން މާޔޫސްވުމާއި، މަސައްކަތުގެ ފެންވަރު ދަށްވުމާއި، މުވައްޒަފުން މެނޭޖަރާއި ދޭތެރޭ ކުރާ އިތުބާރު ގެއްލުމާއި، މުވައްޒަފުން އަމިއްލައަށް އިސް ނަގައިގެން މަސައްކަތް ކުރުމުގެ ރޫޙު ގެއްލުމާއި، އެ އޯގަނައިޒޭޝަނަކުން މުވައްޒަފުން ކެނޑިގެން ދިއުން (ޓާންއޯވާ) އިތުރުވުމާއި، މުވައްޒަފުންނަށް އަމިއްލައަށް ކަންތައްތައް ނިންމުމުގެ ބާރު ގެއްލުން ފަދަ، މުވައްޒަފުންނާއި އޯގަނައިޒޭޝަންގެ އުފެއްދުންތެރިކަން ގެއްލިގެން ހިގައިދާނެ ކިތަންމެ ކަންތައްތަކެއް ކުރިމަތި ވެގެން ހިގައިދާނެއެވެ.

އަދި މިކަމުގެ ސަބަބުން އެތަނެއްގެ ވިޔަފާރި ހީނަރުވުމާއި އަޑިއަޅާލުންފަދަ ކަންތައްތައް ކުރިމަތިވެގެން ހިނގައިދާނެއެވެ. ވީއިރު މައިކްރޯ މެނޭޖްކުރުމާބެހޭގޮތުން އަދިވެސް އެއްފަހަރު ވިސްނާވަޑައިގެން މަސައްކަތެއް ހިންގުމުގައި އެންމެ ފައިދާ ބޮޑުގޮތަކީ މިއީ ނޫންކަން ގަބޫލުފުޅުކުރެއްވުމަކީ ފައިދާ ބޮޑު ގޮތެކެވެ.

ކަންމިހެންއޮތްއިރު މައިކްރޯ މެނޭޖްކުރުމުން ދުރުވާނެގޮތަކީ ކޮބައިތޯ ކުޑަގޮތަކަށްނަމަވެސް ބަލާލުމަކީ މުހިންމުކަމެކެވެ. އާދެ ކުރީގައިވެސް ދަންނަވާލެވުނު ފަދައިން މައިކްރޯ މެނޭޖްކުރުމުގެ އަނެއްކޮޅަކީ، ޑެލިގޭޝަން ނުވަތަ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާއި މަސައްކަތް ޙަވާލު ކުރުމެވެ. ޑެލިގޭޝަންއަކީ އެކަމަށް ޚާއްސަ ވަކި މާއްދާއެއް ކަމުން މާތްﷲގެ ވާގިފުޅާއިއެކު، އެހެން ލިޔުމެއްގައި ޑެލިގޭޓް ކުރުމާ ބެހޭގޮތުން ތަންކޮޅެއް ތަފްސީލުކޮށް ބަލާލުމަށް މަސައްކަތް ކުރާނަމެވެ. އެހެންނަމަވެސް ޑެލިގޭޓް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ކުޑަގޮތަކަށް ނަމަވެސް މިލިޔުމުގައި ބަލާލާނަމެވެ.

އެންމެ ފުރިހަމަ ގޮތެއްގައި މެނޭޖްކުރުމަކީ، ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް ޙާޞިލްކުރުންކަމުގައި މެނޭޖްމަންޓާއި ބެހޭގޮތުން އަޅުގަނޑު ލިޔުނު ލިޔުމެއްގައި ވާނީ ދަންނަވާފައެވެ. ކަން މިހެން އޮތްއިރު، ލިބެން ހުރި ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ކުރުމަކީ ލަނޑު ދަނޑި ޙާޞިލްކުރުމަށް މުހިންމު ކަމެއް ނޫންތޯއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ލިބިހުރި ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ނުހިފާނަމަ، އެކުރެވެނީ އިސްރާފެއް ނޫންތޯއެވެ. މިގޮތުން ވަޞީލަތްތަކުގެ ތެރޭގައި އިންސާނީ ވަސީލަތް، ނުވަތަ ހިއުމަން ރިސޯސަސް ވެސް ހިމެނޭނެއެވެ.

އޯގަނައިޒޭޝަނަކަށް ލިބެހުރި އިންސާނީ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަކީ، މުވައްޒަފުންނަށް، އެމީހުންގެ އަމިއްލަ ވިސްނުންތެރިކަމާއި، އުފެއްދުންތެރިކަމާއި ސިކުނޑީގެ ފުރިހަމަ ބޭނުން ހިފައިގެން، އެ ކުރާމަސައްކަތެއް ކުރުމަށް ޖާގަދީ މަގުފަހިކޮށްދިނުން ނޫންތޯއެވެ. މައިކްރޯ މެނޭޖްކުރުމުގެ ސަބަބުން ދަށުން މަސައްކަތް ކުރާ މީހުންގެ އުފެއްދުން ތެރިކަމާއި މަސައްކަތް ކުރުމުގެ ފެންވަރު ދަށްވާކަން މިލިއުމުން އެބައެނގެއެވެ.

މިޒަމާނުގެ ހޯދުން ތަކުން ދައްކާގޮތުގައި، މުވައްޒަފަކު، އެންމެ އުފެއްދުންތެރިކަމާއެކު މަސައްކަތް ކުރަނީ، އޭނާ ކުރާ މަސައްކަތް ކުރާނެގޮތުގެ އިޚްތިޔާރާއި ގޮތް ނިންމުމުގެ ބާރު އޭނާއަށް ދިނުމުންނެވެ. އެހެންކަމުން ޑެލިގޭޓް ކުރުމޭ މިކިޔާ ކަމުގެ ބޭނުން ފުރިހިމަ ގޮތުގައި ހިއްޕަވައި، މައިކްރޯ މެނޭޖްކުރެއްވުން ހުއްޓަވާލައްވާ، ދަށުން މަސައްކަތް ކުރާމީހުން ލައްވާ މަސައްކަތް ކުރުވުމަކީ، އޯގަނައިޒޭޝަނަށް އެކަމުގެ އެންމެ ފައިދާ ބޮޑުގޮތް ނޫންތޯއެވެ.

އަދި މިކަމުގެ ސަބަބުން ތިމާގެ މަށްޗަށް އޮންނަ ބުރަ ކުޑަވެ، ތިމާކުރަންޖެހޭ އަސްލު މަސައްކަތަށް ބޮޑަށް އަހުމިއްޔަތުކަން ދިނުމުގެ މަގު ހުޅުވިގެންގޮސް، ކުރިއަށްވުރެ އުފެއްދުންތެރި މެނޭޖަރަކަށް ވުމުގެ ފުރުސަތު ތިބާއަށް ލިބިވަޑައިގަންނަވާނެއެވެ.

* މެނޭޖްމަންޓްގެ މިނޫން ދާއިރާތަކާއި ގުޅޭގޮތުން www.bizconsultancy.co/blog ގައި އެކި ލިޔުންތައް ޝާއިޢު ކޮށްފައި ހުންނާނެއެވެ.


އަލީ އާމިރަކީ ކާކު؟

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ ޢާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ.