ހަބަރު

ގާސިމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހަބަރު ލިޔެފައި ވަނީ ތެދު މައުލޫމާތެއްގެ މައްޗަކަށް ނޫން: ޕީޖީ އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިއުޓާ ޖެނެރަލް އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައި ވާހަކަ ދެެއްކެވުމުން، އެއީ ގާނޫނު އަސާސީއާ ހިލާފުވުން ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވި ކަމަށް ބުނާ ހަަބަރަކީ ތެދު މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ހަބަރެއް ނޫން ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ދުވަހު ނޫސް "ހަވީރު" ގައި ޕީޖީ މުހްތާޒް މުހްސިންއާ ހަވާލާދީ ރޭ ޝާއިއުކުރި ހަބަރަކާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަބަރު ލިޔެފައި ވަނީ ޕީޖީ ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް، ހަބަރާއި މައުލޫމާތު ފެތުރުމުގައި ބަލަންޖެހޭ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ތެދު ނޫން މައުލޫމާތުގެ މައްޗަށް ކަމަށެވެ.

"ޕްރޮސިކިއުޓާ ޖެނެރަލް ފާހަގަކުރައްވާފަައި ވާނެ ކަމަކީ ރައީސް ނަޝީދުގެ މައްސަލާގައި އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ވާހަކަ އަކީ، ގާނޫނީ ހަމަތަކުގެ މަތިން ކަން އޮތްގޮތް ބައްލަވައި، ގާނޫނީ އަދި ޝަރުއީ އިލްމުގެ އަލީގައި އެކަން ހިންގަންޖެހޭނެ ގޮތް ކަމަށް ފާހަގަކުރެއްވުމުގެ ބަދަލުގައި، ސިޔާސީ ގޮތުން ކަންކަން ނިންމުމަށް ދައްކަވާފައިވާ ވާހަކައެއް ކަމުގައި ފާހަގަކުރެވޭ ކަމަށެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމްގެ އަދި އެހެން ބޭފުޅެއްގެ ތައުލީމީ ގާބިލްކަމާ މެދު ޕީޖީ އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށާއި އެގޮތަށް ވާހަކަ ދެއްކުމަކީ ޕީޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫ ނާރާ ގޮތަށް ހިޔާލު ފާޅުކުރުމަށް ކަމަށާއި "އެއީ އަދުލު އިންސާފާއި ޖިނާއީ އަދުލުގެ ނިޒާމް ފުނޑުފުނޑުވެ ގައުމާއި އަދި ރައްޔިތުންގެ ހަމަޖެހުން ގެއްލިގެން ދިޔަ ކަމުގައި ވިޔަސް އެ މީހަކަށް ފެންނަ ހިޔާލެއް ފާޅުކޮށް ބޭނުންހާ ވާހަކައެއް ދެއްކުމުގެ ރޫހެއްގައެއް ނޫން" ކަމަށެވެ. އެހެންވެ ރައީސް ނަޝީދުގެ މައްސަލަ އަކީ ޝަރުއީ މަރުހަލާގައިވާ މައްސަލައަކަށް ވާއިރު ޝަރީއަތުގެ މަޖިލިސްތަކުގެ ހުުކުމްތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލިގެންދާ ފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.