ދިވެހި އުފެއްދުމޭ ބުނުމުން ކޮންމެ މީހެއްގެ ހިތައް ފުރަތަމަ ގެނެވޭނީ އެއީ ކަނޑައި ގުޅިފައިވާ އުފެއްދުމެއް ކަމަށެވެ. މިއީ މުޅިން ކުށްހިޔެއް ނޫނެވެ. ބިމުގެ ވަސީލަތްތަކަށްވުރެ ދިވެހިން ބަރޯސާވެފައި އޮންނަނީ ކަނޑުން އުފެއްދޭނެ ބާވަތްތަކަށެވެ. މިއީ އާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ 99.74 ޕަސަންޓު ހިއްސާ ކުރަނީ ކަނޑުކަންވެސް އެންމެނަށް އެނގެއެވެ. ނަމަވެސް މާސިންގާ ކަނޑުގެ އެކަށީގެންވާ ވަރަށް ބޭނުން ހިފޭ ހެއްޔެވެ؟ ކަނޑުން ހަމައެކަނި ކުރެވޭ ކަމަކީ މަސްބޭނުން ހެއްޔެވެ؟
އެކާވީސް ވަނަ ގަރުނުގައި ކުރިއަރަން މަސައްކަތް ކުރަމުން އަންނަ ގައުމެއްގެ ވިސްނުން ވެސް އެ ގަރުނަކަށް ފެތެން ޖެހެއެވެ. ކަނޑުން އާމްދަނީ ހޯދިދާނެ ގިނަ ގޮތްތަކަކަށް ވިސްނާލަން ޖެހެއެވެ. އެފަދަ ހުރިހާ ކަމަކަށް އަލިއަޅުވާނުލެވުނަސް ކުރެވިދާނެ ބޮޑު އެއް މަސައްކަތެއް އެބައޮތެވެ. އެއީ ކަނޑުން ކައްކާ ލޮނު އުފެއްދޭނެ ގޮތްތަކަށެވެ. ލޮނު އުފެއްދުމޭ ބުނުމުން ބޮޑެތި ފެކްޓަރީތައް ސިފަވީ ނަމަވެސް މިއީ ގޭގައިވެސް ކުރެވިދާނެ ފަސޭހަ މަސައްކަތެކެވެ.
ލޮނު ފެން ބޭނުންކޮށްގެން ކައްކާ ލޮނު އުފެއްދުމަކީ ވަރަށް ފަސޭހަ ނަމަވެސް އެކަމަށް ވަގުތު ހޭދަވާ ކަމެކެވެ. އަދި އެއީ ރާއްޖެ ފަދަ ގައުމެއްގައި ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ވަށައިގެން ކައިރީގައި މި އޮންނަނީ ކަނޑެވެ. މިކަމަކީ ހަރަދު ކުޑަކޮށް އަދި ފުޅާދާއިރާއެއްގައި ކޮށްފި ނަމަ އޭގެން ރަނގަޅު އާމްދަނީއެއް ވެސް ލިބިދާނެ މަސައްކަތެކެވެ. ނަމަވެސް އާމްދަނީ ހޯދުމަށް ގިނަ އަދަދެއްގެ ލޮނު އުފައްދާނަމަ ލޮނުފެން ބޭނުންވާ ވަރު ގިނަ ވާނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި 19 ލީޓަރު ލޮނު ފެނުން ހަތަރު ޖޯޑު ތާޒާ ފުށްލޮނު އުފެއްދިދާނެ އެވެ. ނަމަވެސް ލިބޭ ލޮނުގެ މިނވަރު ގިނަ ވާނީ ނަގާ ލޮނުފެނުގެ ފެންވަރާއި ލޮނު އުފެއްދުމުގެ މަސައްކަތް ކުރާ ގޮތުންނެވެ.
ލޮނުފެން ނަގައި ފުރޭނުން
ލޮނު އުފެއްދުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަތިރި މައްޗައް ނޫނީ ރަށް ބޭރަށް ޖެހިލައިގެން ލޮނު ނަގަން ދިޔުމެވެ. އެކަމަށް ހުސް ފުޅިތަކެއް ނޫނީ މަތި ޖެހޭ ބާލިދީއެއް ބޭނުން ކުރެވިދާނެ އެވެ. ލޮނު ނަގައި އިރު ސަމާލުވާން ޖެހޭ ބައެއް ކަންކަން ހުންނާނެއެވެ.
އެގޮތުން މީހުން އެރި އުޅޭ ހިސާބައި ވީހާވެސް ދުރުން ލޮނު ފެން ނެގުން މުހިންމެވެ. އެ ލޮނަކީ ކެއްކުމަށް ބޭނުން ކުރާ ލޮނަކަށްވާތީ އެވެ. އެހެން ކަމުން ބުއްދިވެރިވާނީ ވީހާވެސް ރަށާދުރުން ލޮނު ފެން ނެގުމެވެ. ފުޅި ފުރެންދެއް ލޮނު ފެން ނަގާށެވެ. ގިނަ ލޮނު އުފެއްދުމަށް އޭގެ ފަސް ގުނަޔަށް އިތުރަށް ލޮނު ބޭނުންވާނެ އެވެ.
ލޮނުފެން ނެގުމަށްފަހު އަނބުރާ ގެޔަށް ދާށެވެ. ދެން އޮތީ ލޮނު އިތުރަށް ސާފުކޮށްލުމަށް ކުޑަ މަސައްކަތެއް ކޮއްލުމެވެ. ކަނޑުން ލޮނު ނަގައި އިރު އެ ކޮންމެވެސް ވަރަކަށް ނުސާފުވެދާނެ އެވެ. ވެލި ނޫނީ އެހެނިހެން ޒާތްޒާތުގެ އެއްޗެއް ވެސް ހުރެދާނެއެވެ. އެހެންކަމުން އެއި ލޮނު އުފެއްދުމުގެ ކުރިން އެ ފުރާނަން މުހިންމެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ތެއްޔެއް ނަގައި އޭގެ މަތީގައި ފޮތި ގަނޑެއް އަޅައިގެން ފެން އަޅައި ފުރާނާނީ އެވެ. ނޫނީ އެހެނިހެން ބާވަތްތަކުގެ ފުރޭންޏެއް ބޭނުން ކުރެވިދާނެ އެވެ. ބޭނުމަކީ ކުނޑި ފަދަ ތަކެތި ވަކި ކުރުމެވެ.
ފެން ލޮނަށް ބަދަލު ކުރާނެ ގޮތްތައް
މިއީ އެންމެ ގިނަ ވަގުތު ނަގާ ބައެވެ. ލޮނު އުފެއްދުމަށް އެކި މީހުން ފެންކެއްކުމުގައި ގެންގުޅެނީ އެކި ގޮތްގޮތެވެ. ނަމަވެސް ގޭގައި ކުރެވިދާނެ ބައެއް ގޮތްގޮތަށް އަލިއަޅުވާލާނަމެވެ.
މިކަން ކުރުމަށް މުޅި ދުވަސް ބަދިގޭގައި އުންދުން ޖައްސައިގެން ހުންނަން ޖެހިދާނެ އެވެ. އެކަން ކުރެވިދާނެ އެއް ގޮތަކީ ލޮނު ފެން ކައްކަން އުނދުނަށް އެރުވުމަށް ފަހު އާދައިގެ ވަރަކަށް ގިނި ބަހައްޓާނީ އެވެ. އެއަށް ފަހު ތެލީގައި ހުރި ލޮނު ހިނދި، ފެންގަނޑު މެދަކާ ހަމަޔަށް ދިޔުމުން މަޑު މަޑުން ލޮނު އުފެދޭތަން ފެންނާނެއެވެ. ދެން ފަށާނީ މަޑު މަޑުން ފެންގަނޑު ހަލުވާލުމަށެވެ. ނަމަވެސް ކެކޭ ވަރަކަށް ފެން ގިރުން އިތުރު ކުރަން ޖެހޭނެއެވެ. ބޭނުމަކީ އޭގެން ތެއް ވެލިގަނޑެއް ހެން ލޮނު އުފެދުމެވެ.
ދެން އޮތްގޮތަކީވެސް ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. ނަމަވެސް އެކަން ކުރާ އިރު އަބަދު އުނދުން ކައިރީ ހުންނާކަށް ނުޖެހެ އެވެ. އެގޮތުން ފެން ކައްކާ އިރު ފުރަތަމަ ގިނަ ގަދަކޮށް ކައްކާށެވެ. ދެން އެއްބައި ހިނދުމުން އާދައިގެ ވަރަށް ގިނިގަނޑު ބަހައްޓާށެވެ. އަދި ލޮނު އަނދާ ނުލައި މަޑު މަޑުން ގިނަ މަޑު ކުރަމުން ދާށެވެ.
މި ދެގޮތުން ކުރެއް ކޮންމެ ގޮތެއްވެސް ރަނގަޅު ވާނެ އެވެ. ނަމަވެސް ސަމާލުވާން ޖެހޭ ކަމަކީ އަވަސް އަރުވާލަން ހަދައިގެން ލޮނު އަނދާލައިގެން ނުވާނެ އެވެ. ފެންގަނޑު ހިނދެމުންދާ ވަރަކަށް ލޮނު ފެންމަތި ވަމުން ދާނެ އެވެ. ލޮނު އަރަމުންދާ ވަރަކަށް އިތުރަށް ލޮނުފެން އަޅައި ގިނައިން ކައްކަމުންދާށެވެ.
މިއީ ފެނުން ލޮނު ނެރޭނެ ގޮތެވެ. އެކަންތައް ކުރުމުން ލޮނު ހުންނާނީ ފެންމަތިވެފައެވެ. ދެން އެ ވަކިކޮށް ތަބަކަކަށް އަޅައި ދެން އޮތީ އެ ހިއްކުމުގެ މަރުހަލާއެވެ. އެއީ އެ ލޮނު ހުންނާނީ ވަރަށް އަވަހަށް ފެނަށްވާ ކަހަލަ ގޮތަކަށެވެ. އެހެން ކަމުން އެ ރަނގަޅަށް ފަތުރާލުމަށް ފަހު އަވީލައި ހިއްކާލާނީ އެވެ. އެހާ ހިސާބުން ލޮނު އެހުރީ ހެދިފައެވެ.
މިއީ ގޭގައިވެސް ކުރެވިދާނެ ކަމެއް ނޫންތޯއެވެ. އާމްދަނީ ހޯދުމަށް ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރާ ނަމަ މި ލިޔުމުގައި ވާވަރަށް ވެރެއް މާ ރަނގަޅަށް އެކަން ކުރެވިދާނެ އެވެ. ވަށައިގެން ކަނޑު އޮންނަ އިރު މިވަރު ކަމެއް ކޮށްލަން މިވީހާ ދުވަހަކު ހިޔާލަކަށް ނާދޭ ހެއްޔެވެ؟ ނަމަވެސް ދާދި ފަހުން ފެން ކުންފުނިން ވަނީ ލޮނު އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މިއީ ލިބިގެން ދިޔަ ހިތްހަމަ ޖެހުމެކެވެ.
ހަމައެކަނި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ރަނގަޅަށް ލޮނު އުފެއްދުމުގެ މަސައްކަތްކޮށް އެވެސް އެކްސްޕޯޓުވެސް ކުރެވިދާނެ އެވެ. ރާއްޖޭގެ ކަނޑުތައް ބޭރުގައި މިހާރުވެސް ވަނީ އިސްތިހާރުވެފަ އެވެ. އަދި އެކަނޑުން އުފައްދާ ލޮނުވެސް އެހާ މީހުން ބޭނުންވާނެ އެއްޗެއް ގޮތަށް ވިއްކި ދާނެ އެއް ނޫންތޯ އެވެ.