މައްސަލަތައް ނިންމާ، ދައުވާކޮށް ޝަރީއަތަށް ފޮނުވުމުގައި މިހާރު ބޭކާރު ލަސްވުންތަކެއް ނާންނާނެ ކަމަށް ޕްރިސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ބިޝާމް މިހެން ވިދާޅުވީ، ފަނޑިޔާރުންގެ މަހާސިންތާގައި ޕީޖީ އޮފީހާއެކު ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޖީ ބިޝާމް ވިދާޅުވީ، ތަހުގީގު ނިމި ހުރިހާ ކަމެއް ފުރިހަމަވެފައި ހުންނަ މައްސަލަތައް ޝަރީއަތަށް ފޮނުވުމުގައި މިހާރު ބޭކާރު ލަސްވުންތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެވަރަށް މަސައްކަތްކުރެވޭކަން ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހަވާލުވި ފަހުން ބޭކާރު ލަސްވުންތަކެއް ނާންނާނެކަން އަޅުގަނޑަށް ދަންނަވަން ކެރޭ، އެވަރަށް އަޅުގަނޑަށް މަސައްކަތް ކުރެވިއްޖެ،" ބިޝާމް ވިދާޅުވި އެވެ.
މައްސަލަ ތަހުގީގު ނިންމާ، ފުލުހުން އެ މައްސަލައެއް ޕީޖީއަށް ފޮނުވުމަށްފަހު ވެސް އެ މައްސަލައެއް ތަހުގީގުކުރި ފުލުހުންނާއި ޕީޖީ އޮފީހާ ދެމެދު ގިނަ މުއާމަލާތްތަކެއް ހިނގާ ކަމަށް ޕީޖީ ވިދާޅުވި އެވެ. ބަޔާނެއް އިސްލާހުކުރުންފަދަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އިޝޫއެއް ދިމާވެގެން ނުވަތަ ތަހުގީގު ނިމިގެންދާއިރު އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ބޮޑު މަސައްކަތެއް ކުރަން ނޯންނަނަމަ ފުދޭވަރަކަށް އަވަހަށް މައްސަލަތައް ކޯޓުތަކަށް މައްސަލަތައް ހުށަހެޅިގެންދާނެ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.
މައްސަލަ އަނބުރާ ގެންދަން ނުވަތަ އަޑުއެހުން ފަސްކޮށްދިނުމަށް ޕީޖީއިން އެންމެފަހު ވަގުތު އެދޭ މައްސަލާގައި ޕީޖީ ވިދާޅުވީ، އެކަމަކީ ޕީޖީ އޮފީހުން އެދިގެންކުރާ ކަމެއް ނޫން ކަމަށާއި އެއީ ދިމާވާ އެކިއެކި ސަބަބުތަކާއެކު ހުރެ ކުރަންޖެހޭ ކަމެއް ކަމަށެވެ. ވަރަށް ގިނަ ފަހަރަށް މައްސަލާގައި ހިމެނޭ މީހުން އެންމެފަހު ވަގުތު ބައްދަލުކުރަން އެދޭ ކަމަށެވެ. ބައްދަލުކުރެއްވުމަށް ރިކްއެސްޓްކޮށްފައި ތިބޭ އާންމުންނަށް އެކަމަނާ ބައްދަލުކުރައްވަނީ އަންގާރަ ދުވަހު ކަމަށެވެ. އެ ބައްދަލުވުމުގައި އިތުރަށް މުރާޖާކުރުމަށް ކަމެއް ސަމާލުކަމަށް އައިސްފިނަމަ އެ މައްސަލައެއް ކެންސަލްކޮށް ދިނުމަށް އެދޭނެ ކަމަށެވެ. އެއީ އޭގެ އަނެއް ދުވަހު އޮތް މައްސަލައެއް ކަމަށްވި ނަމަވެސް މުރާޖާކުރަން ޖެހޭ ކަމެއް ނަމަ ފަސްކޮށްދިނުމަށް އެދޭނެ ކަމަށެވެ.