ހަބަރު

އަމާނާ ތަކާފުލް އިން ގެސްޓްހައުސް ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކާއި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކަވާކުރާ ދެ ސްކީމެއް ތައާރަފްކޮށްފި އެވެ. މިއަދު ތައާރަފްކޮށްފައިވަނީ އަމާނާ ތަކަފުލް "ގެސްޓް ހައުސް ކަވާ" އާއި "ބިޒްނަސް ކަވާ" އެވެ.

އަމާނާތަކާފުލް އަށް ރާއްޖޭގައި ފަސް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ސްކީމް ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން ތޮއްޔިބް އަކްބަރް އަލީ އެވެ.

އެކުންފުނިން މިއަދު ތައާރަފްކުރި ގެސްޓްހަސް ކަވާ އަކީ ގެސްޓްހައުސް ވިޔަފާރިތަކަށް ދިމާވާ އެކި ބާވަތުގެ ގެއްލުންތަކަށް ހާއްސަ ހަތަރު ކަވާއެއް ހިމެނިގެން އަންނަ ސްކީމެކެވެ. އެގޮތުން ވައްކަމުން ލިބޭ ގެއްލުންތަކާއި އަލިފާނުން ލިބޭ ގެއްލުންތަކާއި ވިޔަފާރިއަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުންތަކުގެ އިތުރަށް އެ ވިޔަފާރިން ކުރާ ކަމެއްގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތަކަށް ބަދަލުދޭ ކަވާތަކެއް ގެސްޓް ހައުސް ކަވާ ސްކީމްގެ ތެރޭގައި ހިމެނެއެވެ.

އަމާނާ ޓަކާފުލް އިން ބުނީ ރާއްޖޭގައި ގެސްޓހައުސް ވިޔަފާއި ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު އެފަދަ ސްކީމެއް އޮތުން ވަރަށް މުހިއްމު ކަމަށާއި އެ ސްކީމް ތައާރަފްކުރީ ރިކްސް ކަލްކިއުލޭޓްކޮށް، ރާއްޖޭގެ މާހައުލާއި އާދަކާދަ ދިރާސާކުރުމަށްފަހު ރާއްޖެއަށް އެންމެ ގުޅޭ ގޮތަށް ކަމަށެވެ.

ގެސްޓްހައުސް ކަވާ އެކޭ އެއްގޮތަށް، ބިޒްނަސް ކަވާ ސްކީމްގެ ދަށުންވެސް ތިން ކަވާއެއް ހިމެނެ އެވެ. ބިޒްނަސް ކަވާ ސްކީމްގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުމާއި، ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުމާއި ވައްކަމުން ލިބޭ ގެއްލުންތަކަށް ބަދަލުދޭ ކަވާ ހިމެނެއެވެ. ބިޒްނަސް ކަވާ ނެގޭ ފަރާތްތަކުގެ ތެރޭގައި ފާމަސީ ވިޔަފާރިކުރާ ފަރާތްތަކާއި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ހާޑްވެއާ ވިޔަފާރިކުރާ ފަރާތްތަކާއި ބުކްޝޮޕް ފަދަ ތަންތަން ހިންގާ ފަރާތްތައް ހިމެނެ އެވެ.

މި ދެ ސްކީމަށް ވެސް ޕްރީމިއަމް ނަގާނީ އެ ވިޔަފާރިއެއްގެ ބާވަތާއި ސައިޒަށް ބެލުމަށްފަހު އެކަމަށް އޮންނަ ޕޮލިސީތަކުގެ ތެރެއިން ކަމަށް އަމާނާ ތަކާފުލް އިން ވަނީ ބުނެފައެވެ.