ރިޕޯޓް

މަސްމާރުކޭޓް ފާހާނާއަކަށް ހަދައިފި! ކަމާ ބެހޭ މީހުން ކޮބާ؟

  • މަސް މާރުކޭޓް ތެރޭ ފެންވަރާ ވީޑިއޯއެއް އާންމުވެފައި
  • ތަނުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދިފައި
  • އެޗްޕީއޭ އިން މައްސަލަ ބަލަނީ

"ފޮޓޯއިން ތިޔަ ފެންނަނީ ފެންވަރަން ހާއްސަކޮސްފައިވާ ތަނެއް ނޫން. މިއީ މާލޭގެ މަސް މާރުކޭޓުގެ މަންޒަރެއް،" މިއަދުގެ އިރު ފެނުން ތޮޅެލި ވަގުތާއެކު ފޭސްބުކްގެ މައި ސަފުހާއިން ފެނުނީ މުޅި ރާއްޖެއާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައަކާ ގުޅިގެން ޒުވާނުންތަކެއް ކުރަމުންދިޔަ ހަޅުތާލުގަނޑެކެވެ. ބުރަ މަސައްކަތުން މީހަކު ނަގާފައިވާ މާލޭގެ މަސްމާރުކޭޓުގެ ވީޑިއޯއެއް މަތީގައި އެވާ ލިޔުންކޮޅާއެކު ފޭސްބުކުގައި ހިއްސާކުރުމުން އެވީޑިއޯ ހޫނުފެނަށް ވެއްޓުނީ އެވެ.

އެ ވީޑިއޯއިން ފެންނަނީ މަސްމާރުކޭޓުގެ ވިޔަފާރި ގަޑި ނިންމާލުމަށްފަހު އެތަނުގެ މަސްކަނޑާ އަށިތަކުގެ ކައިރީގައި އެތަނުގެ މަސައްކަތްކުރާ ބައެއް މީހުން ފެންވަރަން ތިބި މަންޒަރެވެ. ސައިބޯނިލައިގެން ގައިގެ މިލަ އުނގުޅައި ފެންވަރަން ތިބި މަންޒަރެވެ. ގައިން ފައިބާ ހުރިހާ ފެނަކާއި މިލައެއް އެޅެނީ އިރުކޮޅަކުން އަނެއްކާވެސް މަސްތައް އަތުރަން ތައްޔާރުކޮށްފައިވާ އެ މާރުކޭޓުގެ ތަޅުންމައްޗަށެވެ. ފެންވަރަން ވެސް އެތަނެވެ. ދަތް އުނގުޅައި ކުޅު ޖަހަންވެސް އެތަނެވެ. މަސް ވިއްކަންވެސް އެތަނެވެ. މަސް ކަނޑަންވެސް އެތަނެވެ.

އެ ވީޑިއޯގައި، ފެންވަރަންތިބި މީހުންނާ ދިމާއަށް ފޭސްބުކްގައި ނަފްރަތުގެ ކޮމެންޓުތައް އެއްބަޔަކު އުކަމުން ދިޔައިރު އަނެއްބަޔަކު ކަންބޮޑުވީ އެފަދަ ގޯސް ސަގާފަތެއް މަސްމާރުކޭޓު ތެރޭގައި އުފެދި ދިރެމުން އައިއިރު އެތަންތަނުގެ ސާފުތާހިރުކަން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު އެއްފަހަރު ބެލުމަށް ގާނޫނު އަސާސީން ލާޒިމްކުރާ މުހިއްމު ޒިންމާއެއް ކޮނޑުގައި އަޅައިގެން އޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިކަމެއް ރޭކާވެސް ނުލީމައެވެ. އެފަދަ ވާހަކައެއް މީގެ ކުރިން އެޗްޕީއޭގެ ފަރާތުން ނުރަސްމީ ސިފައެއްގައި ނަމަވެސް ނުދެކެވި އޮތަތީ އެވެ.

"މަސްކަނޑާ މާރުކޭޓުގައި ހަށިގަނޑުގެ ހާމަކަން ފެންނަ ގޮތަށް ތިބެ ފެންވަރައި ފާހާނަކޮށް ކުޅުޖަހައި ދަތްއުނގުޅައި ހެދުމަކީ މުޑުދާރުކަމެއް. އެތަން އެމީހުން އަދި ސާފުކުރި ނަމަވެސް އެއަކީ އާންމު އުސޫލަކުން ވިސްނާނަމަ ބަލައިގަނެވޭނެ ކަމެއް ނޫން، މިކަމަށް އެޗްޕީއޭއިން ހައްލެއް ގެންނަން ޖެހޭ،"މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.

"އަމިއްލަ ގޭގެ ބަދިގޭގައި ފެންވަރަންތަ. ސިންކަށް އަނގަ ދޮވެ ކުޅުޖަހައި ހަދަންތަ. ނަހަދާނެ. އެހެންކަމަށް ވާނަމަ މިއީ ސީރިއަސް މައްސަލައެއް،" އެހެން ކޮމެންޓެއްގައި ބުނެފައިވެ އެވެ.

މިހާރަކަށް އައިސް ސައި ހޮޓާ ރެސްޓޯރެންޓް ތަކުގައި ނިދުންވެސް މިވަނީ އާންމު ކަމަކަށް ވެފަ އެވެ. މިފަދަ ތަންތަނުގައި ގިނައިން ނިދަނީ އެތަންތަނުގައި ގެންގުޅޭ ބިދޭސީ މަސައްކަތްތެރިންނެވެ. މިފަދަ މަސައްކަތްތެރިން އެތަންތަނުގައި ނިދަންޖެހެނީ ފަހަރެއްގައި އެމީހުން ގެންގުޅޭ ފަރާތްތަކުން އެމީހުންނަށް ދިރިއުޅޭނެ ގޮތް ހޯދައި ނުދޭތީ އެމީހުންނަށް އެނޫން ގޮތެއް ނެތިގެން ކަމަށް ވެދާނެ އެވެ. ނޫނީ މަސްމާރުކޭޓް ފަދަ ދިވެހިން މަސައްކަތްކުރާ ތަނެއްގައި އެތަނުގެ މަސައްކަތްތެރިންނަށް ފާހާނަކޮށް ސާފުތާހިރުވުމަށް ސަރުކާރުން ގޮތްތަކެއް ހޯދައިދީފައި ނެތީމަ ކަމަށް ވެސް ވެދާނެ އެވެ.

ކަން ކޮންމެ ގޮތަކަށް އޮތަސް، ސަރުކާރުން ވިޔަފާރީގެ ހުއްދަ ދޫކޮށްގެން ހިންގާ މިފަދަ ތަންތަނުގައި ފެންވަރައި، ނިދައިހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ތަންތަނުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދޭ ވަރުގެ ބޮޑެތި މައްސަލަތަކެވެ. އެފަދަ ތަންތަނަކީ މުޖުތަމައުގެ ކުޑަބޮޑު އެންމެން އެއްވެ ކައިބޮއެހަދާ ތަންތަން ކަމަށް ވާތީއެވެ. ތަންތަން ހިންގާ ފަރާތްތަކުން މުވައްޒަފުންނަށް ދިރިއުޅޭނެ ގޮތްތައް ހޯދައި ނުދޭނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ކަމާބެހޭ އިދާރާތަކުގެ މަސްއޫލިއްޔަތެކެވެ.

މަސްމާރުކޭޓުގެ މައްސަލައަށް ބަލާއިރު ސައި ހޮޓާތަކަށްވުރެ އެތަނުގެ ނާޒުކުކަން ބޮޑެވެ. މަހަކީ ވަރަށް އަވަހަށް ހަލާކުވެ އޭގައި ޖަރާސީމު އަށަގަންނަ ބާވަތުގެ އެއްޗަކަށް ވުމުން، މަސް މާރުކޭޓު ވާންޖެހޭނީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން ހިންގައި އެތަނުގެ ސާފުތާހިރުކަން ވަރަށް ކައިރިން ބަލައި އިންސްޕެކްޓް ކުރަންޖެހޭ ތަނަކަށެވެ. އެގޮތަށް އެކަން ނުކުރާނަމަ ރާއްޖެ ފަދައިން މުޅިން މަހުގެ ކެއުންތައް ބޭނުންކުރާ މުޖުތަމައެއްގައި ބަލިފެތުރުން ދުރު ކަމަކަށް ނުވާނެ އެވެ. އެހެންކަމުން އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ ހައްސާސް މައްސަލަތައް ހައްލުކުރުމަށް ކޮންމެ ގައުމެއްގައި ވެސް އެކި ނަންނަމުގައި އިދާރާތަކާއި އޮފީސްތައް ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖޭގައި މިފަދަ ކަންކަމަށް ހައްލު ހޯދައިދޭން ގާނޫނު އަސާސީން ލާޒިމްކޮށް އުފައްދާފައިވާ ފަރާތަކީ އެޗްޕީއޭ އެވެ.

ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ އުފުލައި، އެކަމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަކީ އެޗްޕީއޭގެ މައްޗަށް ގާނޫނު އަސާސީގެ "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ހަތްވަނަ މާއްދާއިން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 7:15 ހާއިރު މޫވީކުރުމަށްފަހު ފަތުހީ ފޭސްބުކަށް ވައްޓާލި އެ ވީޑިއޯކޮޅު ގިނަ ބަޔަކު ދަނީ މިހާރުވެސް ޝެއާ ކުރަމުންނެވެ. ވީޑިއޯ ނަގާފައިވަނީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ އާދަމް ފަތުހީ ކިޔާ ބޭފުޅެކެވެ.

"އަވަސް" އަށް މައުލޫމާތުދެމުން ފަތުހީ ބުނެފައިވަނީ މަސްމާރުކޭޓުގެ ތެރޭގައި ފެންވެރުމަކީ އާންމުކޮށްވެސް ފެންނަ މަންޒަރެއް ކަމަށެވެ. އެތަން ވީޑިއޯ ކުރުމަށްފަހު ފޭސްބުކަށް ލީ އަބަދުވެސް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަވެފައިވާތީ ކަމަށެވެ.

"އަޅުގަނޑު އެޗްޕީއޭއާ އެކަން ހިއްސާ ކުރިން. އެބޭފުޅުން ވިދާޅުވީ އެކަން މިހާރު ބަލަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން. އެބޭފުޅުން އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފަތުހީ ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެޗްޕީއޭގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ، އެ މައްސަލަ އެ އެޖެންސީގެ ސަމާލުކަމަށް ގެނެސްފައިވާތީ އެފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަ ކަންކަން މިނިސްޓްރީން ބަލާނެ ކަމަށާއި އެކަމަށް ހައްލެއް ހޯދަން އެ އެޖެންސީން އެޅެން ހުރި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އެ އެޖެންސީން ދަނީ ދިމާވާ އެފަދަ ގޮންޖެހުންތައް ބަލައި އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރަމުން ކަމަށެވެ.