ރިޕޯޓް

އެންމެ އަލިގަދަ ތަރި: މޯލްޑިވިއަން އައިޑޮލް އަށް ވުރެ އަލިގަދަވެދާނެ!

  • މިއީ ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް
  • މިއީ މިހާތަނަށް ދޭ އެންމެ ބޮޑު ފައިސާގެ އިނާމު
  • އެތައް އަގުބޮދެތި ހަދިޔާތަކެއް

ރާއްޖޭގައި މިހާ ތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ޓީވީ ޝޯ އަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ މިއީ އެއްގޮތަކަށް ވެސް ޖަވާބު ދޭން އުނދަގޫވާނެ ސުވާލެއް ނޫނެވެ. ޖަވާބަކީ މޯލްޑިވިއަން އައިޑޮލް އެވެ.

އެ ޝޯ އަކީ 17 މިލިއަން ރުފިޔާގެ "މެގަ ޕްރޮޖެކްޓެކެވެ." ޝޯ ކާމިޔާބުކުރި ފަރާތަށް އިނާމެއްގެ ގޮތުގައި ޕީއެސްއެމް 250،000 ރުފިޔާ ދިނެވެ.

މިކަންވީ ކޮންމެއަކަސް ވަރަށް ގިނަ ބަޔަކަށް ނިކަން ބޮޑު މައްސަލައަކަށެވެ. މޯލްޑިވިއަން އައިޑޮލްގެ އާދަޔާހިލާފު ޓީމުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރަން ވެސް ބައެއް މީހުން ބޭނުމެއް ނުވި އެވެ. ސަބަބަކީ ދިވެހިންގެ އަގީދާއާ މާ ބޮޑު ގުޅުމެއް އޮތް، ގުރުއާން ކިޔެވުމުގެ މުބާރާތަކަށް މިއިން ޒަމާނެއްގައި ވެސް ހޭދަނުކުރާ އަދި ހަދިޔާނުކުރާ ފެންވަރުގެ އިނާމާއި ފައިސާ ވެސް އެ ޝޯ އަށް އޮއްސީމަ އެވެ.

އަދި މި މޯލްޑިވިއަން އައިޑޮލްއެއް ނިމުނުތަނުން، މަދަހަ މުބާރާތެއް ނިމި އޭގެ އެއް ވަނަ އަށް ނިކަން އާދައިގެ އިނާމުތަކެއް ލިބިގެން ދިޔަ އަޑުއިވުމުން އަދި އެމީހުން ވަކިން ރުޅިގަދަވީ އެވެ. ޕީއެސްއެމް އަށް އެތައް ތުހުމަތެއް ކުރެވި ހެއްދެވި ނެހެއްދެވި އަށް ވެސް ގޮވުނީ އެވެ.

އެކަމަކު އެންމެފަހުން މޯލްޑިވިއަން އައިޑޮލްގައި އެ ފާޑުކިޔުންތެރިން ކީ ލަވަ މި އޮތީ އެއްކޮށް ބަދަލުކުރަން މަޖުބޫރުވެފަ އެވެ. ޕީއެސްއެމްގެ ޓީވީއެމް ޗެނަލުން ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ ގުރުއާން ކިޔެވުމުގެ މުބާރާތް، "އެންމެ އަލިގަދަ ތަރި" ކާމިޔާބުކުރާ ފަރާތަކަށް އެ ވަނީ ބައި މިލިއަން ރުފިޔާގެ އިނާމް ހުށަހަޅައިފަ އެވެ.

"ބައި މިލިއަން ރުފިޔާގެ އަގުހުރި އިނާމަކީ ހަމައެކަނި ޕީއެސްއެމް އިން އެއްވަނައަށް ހުށަހަޅައިފައިވާ އިނާމް،" އަލި ގަދަ ތަރިއަށް ކަނޑައެޅިފައިވާ އަގުބޮޑު ސަޕްރައިޒް އިއުލާނުކުރައްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ރޭ ވިދާޅުވެފައި ވަނީ މިހެންނެވެ.

"އޭގެ އިތުރުން އެއްވަނަ ދެ ވަނަ ތިން ވަނަ އަށް ދާ ފަރާތްތަކަށް އިސްލާމީ ޔުނިވާސިޓީ އިން ފުލް ސްކޯލާޝިޕް ވަނީ ދެއްވާފައި. އޭގެ އިތުރުން ހެޔޮ އެދޭ ފަރާތަކުން މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވަނީ އެފަރާތްތަކަށް ހައްޖު ދަތުރަކާއި އުމްރާދަތުރެއް، ތިން ހަރަމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދެއްވުމަށް. އަދި އަޅުގަނޑުމެންގެ އެކުވެރި ބައެއް އިސްލާމީ ގައުމުތަކުން އިނާމް ހުށަހެޅުމަށް މަޝްވަރާ ކުރަމުންދޭ،"

ފާޑުކިޔުންތެރިންގެ އަނގަމަތީގައި އަތްއަޅައިފި!

ފާޑުކިޔާ މީހުން ދައްކާ ވާހަކައެއް އޮވެ އެވެ. އެއީ ޕީއެސްއެމް އިން ހަމައެކަނި ބޮޑެތި ހޭދަތައް ކުރަނީ މިއުޒިކް ޝޯތަކަށާއި މި ރާއްޖޭގައި މިއުޒިކް ކުރިއެރުވުމަށޭ ކިޔައިގެން ދައްކާ ވާހަކައެކެވެ. މި ވާހަކައެއްގެ އަޑު ވަކިން ގަދަވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލް އަށް އޮއްސާލި ފައިސާގެ އަދަދުތައް ފެނިފަ އެވެ.

އެކަމަކު ފާޑުކީ ބަޔަކު އޮތީ ހަގީގަތުގައި އޭގެ އަސްލު ވެސް އޮޅުވާލައިފަ އެވެ. ޕީއެސްއެމް އިން މޯލްޑިވިއަން އައިޑޮލް އަށް ބޮޑެތި ހޭދަތަކެއް ނުކުރެ އެވެ. ފައިސާ އޮއްސީ ސްޕޮންސަރުންނެވެ. ޕީއެސްއެމް އިން މޯލްޑިވިއަން އައިޑޮލް އަށް ސީދާ ދިން ފައިސާގެ އިނާމަށް ވުރެ މިފަހަރުގެ އަލިގަދަ ތަރިއަށް ޕީއެސްއެމުން ހުށަހަޅާފައިވާ އަދަދު ބޮޑެވެ. -- މޯލްޑިވިއަން އައިޑޮލްގެ ވިނާ އަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާގެ އިނާމް ޖުމްލަކޮށް ލިބުނީ ސްޕޮންސަރުންގެ އެހީއާ އެކުގަ އެވެ. އެހެންވީމަ އަލިގަދަ ތަރިއަކަށް ހޮވޭ ފަރާތަކަށް ވެސް ސްޕޮންސަރުންގެ އިނާމް އަދި ކުރިއަށް އޮތީއެއް ނޫންތޯ އެވެ؟

ދެން މި ދައްކަނީ ޕީއެސްއެމް އިން ދިވެހިންގެ ދީނީ ހަރަކާތްތައް ކުރިއަރުވަން މަސައްކަތްނުކުރާ ވާހަކަ އެވެ. ވަކިން ހާއްސަކޮށް ގުރުއާން ކިޔެވުމުގެ ނުވަތަ ދީނީ އެހެން މިފަދަ މުބާރާތްތަކަށް އެހައި ބޮޑު ސަމާލުކަމެއް ނުދޭ ވާހަކަ އާއި ހޭދަނުކުރާ ވާހަކަ އެވެ. ޔަގީނަށް ވެސް މި އަހަރުގެ އެންމެ އަލި ގަދަ ތަރިއަކަށް ކަނޑައަޅާފައި އެވާ ފައިސާގެ އިނާމާއި ޝޯ އަށް ކަނޑައަޅާފައިވާ އިތުރު އެހެން އިނާމްތަކަކީ ފާޑުކިޔުންތެރިންގެ ވާހަކަ ދިމާނުވާ ކަމުގެ ބޮޑު މިސާލެކެވެ.

ހަމައެކަނި ކުރިއަރުވަނީ މިއުޒިކޭ ބުނެވޭކަށް ނެތެވެ. ޕީއެސްއެމް އަކީ އާންމު ރައްޔިތުންގެ ވިންދު ކަމަށްވާއިރު މިއުޒިކް ދެ ތިން ޝޯއެއް ގެނެސްދިނުމަކުން ހަގީގަތުގައި ބަޔަކު މީހުން ރަތަށް އަރައިގެން އުޅޭކަށް ނުޖެހެ އެވެ. އެ ވެސް މި މުޖުތަމައުގެ ވަރަށް ގިނަ ބައެއްގެ ހައްގުތަކަކާ ގުޅިފައި އޮތް ކަމަކަށްވީމަ އެވެ.

ހަގީގަތަކީ މިއީ އެވެ. އާންމުން މުނިފޫހިފިލުވައިދިނުމަށް މަސައްކަތްކުރާ މިންވަރަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް، ރައްޔިތުން ހޭލުންތެރިކުރުމަށް ނުވަތަ ދީނާ ރައްޓެހި ޕްރޮގްރާމްތަކުން އާންމުން ހޭލުންތެރިކުރުވުމަށް ސަމާލުކަން ދޭ ކަމެވެ. ޔަގީނަށް ވެސް އެންމެ އަލިގަދަ ތަރި ވެގެން މި ދަނީ އޭގެ އެންމެ އަލިގަދަ ހެއްކަށެވެ.

ފާހަގަކޮށްލަން ޖެހެނީ ޕީއެސްއެމް މި ޝޯއެއް ތައާރަފްކުރިއިރު މޯލްޑިވިއަން އައިޑޮލްއެއް އަދި ނުވެސް ނެތް ކަމެވެ. އެއީ ވެސް ހަމައެކަނި މިއުޒިކް ނުވަތަ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކަށް ޕީއެސްއެމް ޝައުގުވެރިނުވާކަމުގެ މިސާލެކެވެ.

މޯލްޑިވިއަން އައިޑޮލް އަށް ވުރެ ބޮޑުވެދާނެ!

މިހާރު ވެސް ގާތްގަނޑަކަަށް މި ވާހަކަ ހަގީގަތަކަށް ވެއްޖެ އެވެ. އަނެއްކޮޅުން ބެލެވޭ ގޮތުގައި، އަލިގަދަ ތަރި މިފަހަރު ކުރިއަށް ގެންދަނީ ވެސް ތަފާތުތަކަކާ އެކުގަ އެވެ. ފާހަގަކޮށްލެވޭ ބަދަލަކަށް އަތޮޅުތަކުގެ އޮޑިޝަންތައް ވެގެންދާއިރު މިއީ މޯލްޑިވިއަން އައިޑޮލް އިން މުޅި ރާއްޖޭގައި ލަވަކިޔުންތެރިންނަށް އަތްފުނާއެޅިގޮތަށް، އެންމެ ރީއްޗަށް ނުވަތަ މޮޅަށް ގުރުއާން ކިޔަވާ މީހާ ހޯދުމަށް ޕީއެސްއެމް އިން ހިންގާ މެގަ ޕްރޮޖެކްޓެކެވެ.

އޮޑިޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ:

  • ޏ. ފުވަމުލަކު އޮޑިޝަން - 18 މެއި
  • ގދ. ތިނަދޫ އޮޑިޝަން - 22 މެއި
  • ހއ. އިހަވަންދޫ އޮޑިޝަން - 26 މެއި
  • މާލޭގެ އޮޑިޝަން - 30 މެއި

މި ފެންވަރުގައި މި ޝޯއެއް ކުރިއަށް ގެންދާއިރު މިއީ ބެލުންތެރިންގެ ގޮތުން ވެސް ވަކި މޯލްޑިވިއަން އައިޑޮލް އަށް ދޫކުރާ ވަރުގެ އޯޑިއެންސެއް ލިބިފައިވާ ޝޯއެއް ނޫނެވެ. ފަހަރެއްގައި މި ޝޯއަށް މި ގެނައި ބަދަލުތަކާ އެކު ޝޯގެ އޯޑިއެންސް މިއަހަރު ބޮޑުވެގެންދާނެ ކަމަށް ވެސް ބެލެވެ އެވެ.

މި ޝޯ ބަލާ މީހުން ގިނަވާނެ އަނެއް ސަބަބަކީ، މޯލްޑިވިއަން އައިޑޮލް އަށް ކުރި ވަރުގެ ހޭދައެއް ޕީއެސްއެމް އިން މި ޝޯއަކަށް ކުރާނެތޯ ބަލަން ސިޓިންރޫމްތަކަށް ޖަމާވާނެ މީހުންނެވެ. އަނެއްކޮޅުން އެއްގޮތުން ބަލާއިރު މޯލްޑިވިއަން އައިޑޮލް ފަދަ ޝޯއެއް ގެނެސްދިނީތީ ޕީއެސްއެމަށް ޝުކުރު ވެސް އަދާކުރަން ޖެހެ އެވެ. ސަބަބަކީ އޭގެ ސަބަބުން ޓީވީ ޝޯތައް ބެލުމުގެ ފޯރިއެއް ދިވެހިންގެ މެދުގައި ގަދަކޮށްލާފައިވުމެވެ.

އުފާކުރަންވީ އެ ފޯރިއެއް ކެނޑިގެން ނުދަނީސް އަހަރެމެންނާ އެންމެ އަލިގަދަތަރި ޝޯ ބައްދަލުކުރާނެތީ އެވެ.