މޫސުން

ރަސްފަންނަށް އުދައަރާ ބޮޑެތި ގެއްލުން ވެއްޖެ

މޫސުން ގޯސްވެ ދިޔަވަރު ބޮޑުވުމާއެކު މާފަންނުގައި ތަރައްގީ ކުރި ރަސްފަންނަށް އުދައަރާ ގެއްލުންތައް ވެއްޖެ އެވެ.

ރަށެއްގެ މަލަމަތި ސިފަވާގޮތަށް ތަރައްގީ ކުރި ރަސްފަންނަށް އުދައެރީ މިއަދު އިރުއޮއްސި 6:30 އެހާ ކަންހާ އިރު އެވެ. އެ އުދައިގެ ސަބަބުން މީހަކަށް ގެއްލުން ނުވި ނުމަވެސް ބީޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެތަނުގައި ބަހައްޓާފައި ހުރި ލައިޓެއް ވެއްޓިފައިވާ އިރު ބީޗު ސަރަހައްދު އެކީ އޮތީ ގިރާލައި ފެންބޮޑުވެފަ އެވެ. މީގެ އިތުރުން އެތަނުގައި ހުރި ބައެއް ހަޓުތަކަށް ގެއްލުން ވެފައިވާ އިރު ފިށިން ޕްލެޓްފޯމް ދަށުގައި ހަދައިފަ ހުރި ގުދަން ވަނީ ފެންބޮޑުވެފަ އެވެ.

ހައުސިން މިނިސްޓްރީގެ މުއައްޒިފުން މިހާރު ވަނީ އެ ސަރަހައްދަށް ގޮސް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ވެލި ނަގައި ގިރާފައި ހުރި ތަންތަނަށް ފަސް އަޅައި އަދި ގެއްލުންވީ ތަކެތި އެއްފަރާތަކަށް ޖެއްސުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަމުން އެބަދެއެވެ.

މެޓް އޮފީހުން ބުނީ މިދުވަސް ކޮޅު ދިޔަވަރު ބޮޑުވާ ގަޑިޔަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވެގެން ތިބެން މެޓުން އިލްތިމާސް ކުރެއެވެ.