ފޮރިން މިނިސްޓްރީ

އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމައިފި

May 17, 2016
7

އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމައިފި އެވެ. ފޮރިން މިނިސްޓްރީ އިން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ" ކަމަށެވެ.

ރާއްޖެއިން އިރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ ޖޫން 2، 1975 ގަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓުގައި، އިސްލާމީ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި ދެބަސްވުމާއި ހިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއިި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްޙަވެރި ގޮތްތައް އިހްތިޔާރު ކުރަން ނިންމާފައި ކަމަށެވެ. އަދި މިފަދައިން އަމަލުކުރުމަށް އިރާނަށް ގޮވާލާފައިވާނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ،

ރާއްޖެއިން އަބަދުވެސް ދެކެންބޭނުންވަނީ އޯއައިސީއިން ގޮވާލާފައިވާ ކަންތައްތައް ފުރިހަމައަށް، އަދި ނަތީޖާ ނެރެވޭނެ ގޮތަކަށް، އިރާނުން ތަންފީޒުކުރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިރާނާއެކު ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ރާއްޖެ އިން ކަނޑާލުމަށް ނިންމާފައިވާ އިރު، މިއަހަރު އަރަބި ގިނަ ގައުމުތަކުންވެސް ވަނީ އިރާނާއެކު ގުޅުން ކަނޑާލާފަ އެވެ.

ސަރުކާރުން މި ފިޔަވަޅު އެޅި އިރު މީގެ 23 ދުވަސް ކުރިން އީރާނުގެ އާ ސަފީރު މުހައްމަދު ޒައޭރީ އަމިރާނީ ވަނީ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވާ އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ވެސް އަރުވާފަ އެވެ.

އެ ބައްދަލުވުމުގައި އީރާނުން ރާއްޖެއަށް ސާފު ކުރި ތެޔޮ ފޯރުކޮށްދޭން މަޝްވަރާކުރި އެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ކަންކަމާއި މެދު ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ރާއްޖެއަށް ސާފު ކުރި ތެޔޮ ފޯރުކޮށްދިނުމަށް އީރާނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް ވެސް މަޝްވަރާ ކުރި އެވެ.