ދިވެހި ސިނަމާ

އެންމެފަހު ވިންދާ ޖެހެން ދެން: ބެލުންތެރިންގެ ވިންދާ ކުޅެލެވޭނެބާ؟

މި ފިލްމުގެ ނަމުން އެންމެ ވައް ތަރީ ނަހޫ-ސްޓައިލްގެ ފިލްމަކާ އެވެ. ނަމަވެސް މިއީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމެއް ނޫނެވެ. މިއީ "ހެޕީ ބާތު ޑޭ" އާއި "ފަތިސް ހަނދުވަރުގެ ފެށުން" އަދި އިހަކަށް ދުވަހު ބެލުންތެރިން އާޝޯހުކޮށްލި "ހުޅުދާން" ފަދަ ފިލްމުތަކުގެ ފަހަތުގައި އޮތް އުފެއްދުންތެރި ޑާކް ރެއިން ސްޓޫޑިއޯގެ އާ ފިލްމެވެ.

އަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖައްސައި މިހާރު ވެސް ޓިކެޓް ބުކްކުރަން ފަށައިފި އެވެ.

އެހެންވީމަ މިއީ ކިހިނެތްވާ ފިލްމެއްތޯ ބަލާލަމާ ހިނގާށެވެ.

ފިލްމުގެ އެންމެ މުހިންމު ކެރެކްޓާއަކީ ރަޔާން ނަމަކަށް ކިޔާ ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާގެ ހިތް ބަންޑުން ވަނީ މީރާ ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ އުނގަށެވެ. ދެ މީހުން ލޯބީގެ ކޯރަކަށް ގެނބިގެންދާ ހިނދު ބަދު ނަސީބަކަށް ވަނީ ދެ މީހުން ނިސްބަތްވާ ދެ އާއިލާގެ ދެމެދުގައި އޮންނަ މުއްސަނދިކަމުގެ ފަރަގެވެ.

ރަޔާން އަކީ މުދާވެރި އާއިލާއެއްގެ ދަރިއެކެވެ. އަންހެން ކުއްޖާއަކީ ނިކަމެއްޗެކެވެ. މީރާއާ ރަޔާން ކައިވެނިކުރަން އޭނާގެ ބައްޕަ ގަބޫލުނުވަނީ މި ސަބަބާ ހެދި އެވެ.

ނަމަވެސް އެންމެފަހުން ބައްޕަގެ ނުގަބޫލުގައި ވެސް ރަޔާން އޭނާގެ ލޯބި ހާސިލުކުރަނީ އެވެ. ބަދަލުގައި މުދާވެރިކަމުން ކަނޑައި ރަޔާން ގެއިން ބޭރުކޮށްލަނީ އެވެ.

މީރާގެ ލޯބިކަމާއި ނިކަމެތިކަމާއި ބަލިކަށިކަމުގެ ހަގީގީ ރަހަ ރަޔާނަށް ތަޖުރިބާކުރެވޭ ހިސާބު އަންނަނީ ދެނެވެ.

އަޑުއަރާފައި ވަނީ އެހެންނެވެ. ވާހަކަ ލިޔުންތެރިޔާ އެރިކް ސީގަލް ނޭގުނަސް އޭނާގެ މަޝްހޫރު ލޯބީގެ ވާހަކަ، "ލަވް ސްޓޯރީ" ގެ އަޑު އޮންނާނީ އަހައިފަ އެވެ. ބުނެވޭ ގޮތުގައި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ އެ ވާހަކަ ނުވަތަ އެ ވާހަކައިގެ އަސްލަށް 1970 ވަނަ އަހަރު ގެނެސްދިން "ލަވް ސްޓޯރީ" ފިލްމުގެ ކޮޕީ އެކެވެ.

 ސަބަބަކީ މިހާރު މި ނުކުންނަ ލޯބީގެ އަސަރުގަދަ ހުރިހާ ފިލްމެއްގެ ވެސް "މަންމައަކަށް" ނުވަތަ "ދޮން މަންމައަކަށް" ވެސް އެރިކް ސީގަލްގެ "ލަވް ސްޓޯރީ" ފުދޭތީ އެވެ.

ޑާކް ރެއިންގެ އެދުމަކަށް "ލަވް ސްޓޯރީ" ގެ އަސްލަށް "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް އޭގެ ފުރަތަމަ ވާހަކަ ލިޔެދިނީ މަޝްހޫރު ބިންމާ އިބްރާހިމް ވަހީދެވެ. އެ ވާހަކަ އިތުރަށް ކޮށައި މަށައިގެން އެއަށް ސްކްރީންޕްލޭ ތައްޔާރުކުރީ މަހުދީ އަހުމަދު އެވެ.

މަހުދީ އަކީ އެރިކް ސީގަލްގެ ފޭނެވެ. އޭނާގެ ބޮޑު އަދި ބުރަ މަސައްކަތް "އަމާނާތް" އަކީ ވެސް އެރިކް ސީގަލްގެ ވާހަކައެއްގެ އަސްލެވެ. އެހެންވީމަ، "އެންމެ ފަހު ވިންދާ ޖެހެން ދެން" އަކީ ވެސް އިންސްޕިރޭޝަނެކެވެ.

ނަމުން އެންމެ ވައްތަރީ ނަހޫ-ސްޓައިލްގެ ފިލްމަކާ އެވެ. އަނެއްކޮޅުން އެރިކް ސީގަލްގެ "ލަވް ސްޓޯރީ" ގެ ރަހަ ވަރަށް ވެސް ގަދަ އެވެ. އެހެންވީމަ މި ފިލްމަށް ބަޔަކު ޝައުގުވެރިވާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ބުނަން ޖެހެނީ މި ފިލްމަށް ނަހޫ ސްޓައިލްގެ ނަމެއް ދީފައި އޮތަސް އަދި "ލަވް ސްޓޯރީ" ގެ "ކޮޕީއެއް ކަމަށް ބުންޏަސް" މި ފިލްމު ތަފާތުވާނެ ކަމެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފިލްމުގެ އެންމެ ހާއްސަ ސިފައަކަށް ވާނީ އޭގެ ހުށަހެޅުމެވެ.

މި ފިލްމަކީ ވަރަށް ބޮޑަށް ޒުވާން އޯޑިއެންސަށް އަމާޒުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލަށް މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ ނަގާފައި ވަނީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މިއީ ޒުވާނުން ހަވާ އަރުވައި މަޖާކުރާ މި ޒަމާނުގައި ޒުވާނުންނަށް އުފައްދާފައިވާ ފިލްމެކެވެ. ޒަމާނީ ކުލަޖެހިފައި އޮތް ލޯބީގެ ފިލްމެވެ. "އަ ވޯކް ޓް ރިމެމްބާ" އާއި "ދަ ނޯޓް ބުކް" ފަދަ ލޯބީގެ ފިލްމުތައް ބަލަމުން މާފޮޅުވި ލޯބިވެރިންނަށް ހާއްސަ ފިލްމެކެވެ.

ނަހޫ-ސްޓައިލްގެ ރަހަ ޖެހިފައިވާ ފިލްމެއް ޑާކް ރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނީމަ އެ ފިލްމަކަށް ކިޔަންވީ "ނަހޫ-ޑާކް ސްޓައިލް" އޭ ހެއްޔެވެ؟

ޑާކް ރެއިން އިން ކުރިން ވެސް ނަހޫ-ސްޓައިލްގެ ފިލްމެއް ގެނެސްދިނެވެ. ނަހޫ ސްޓައިލްއޭ ބުނެވޭ ބަހުގެ މާނަ އަކީ "މެލޮޑްރާމާގެ އެންމެ މަތީ ފެންވަރެވެ."

މި ސިފަ ޖައްސައިގެން ޑާކް ރެއިން އިން ކުރިން ގެނެސްދިނީ "ދިން ވޭނުގެ ހިތާމާގައި" އެވެ. ބުނެވޭ ގޮތުގައި މިއީ އެމީހުންގެ އެންމެ ވިޔަފާރި ކާމިޔާބު ފިލްމެވެ.

އެހެންވީމަ "ނަހޫ-ސްޓައިލް" ގެ ފިލްމު ހަދަން ވެސް ޑާކް ރެއިން މޮޅެވެ. ނަހޫ-ސްޓައިލްގެ ފިލްމުތައް ބަލިކޮށްލެވޭ ފެންވަރުގެ ލޯބީގެ ފިލްމެއް ވެސް އެމީހުންނަށް އުފެދިއްދާނެ އެވެ.

ފަހަރެއްގައި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ އެ ޖަވާބެވެ.