އަހުމަދު މަހްލޫފު

މަހުލޫފް ހައްޔަރު ކުރެވުނީ ބެރިކޭޑް ތެރެއިން ކަމެއް ނޭނގޭ: ހެކިން

ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގައިފި އެވެ. މިއަދު ހެކި ބަސް ދީފައިވަނީ ތިން ފުލުހުންނެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ މި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހު ބަޔަކު ކުރި މުޒާހަރާއެއްގައި ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޓް ޖަހާފައިވަނިކޮށް، އެ ބެރިކޭޑްތައް ކޮށްޕާ، އެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.

މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ މި މައްސަލާގެ އަޑުއެހުމުގައި ހެކި ބަސް ދީފައިވަނީ، އެސްއޯ ފުލުހެއް ކަމަށްވާ އަލީ އަހުމަދާއި މުހައްމަދު ފާރިޝް އާއި މުހައްމަދު ޝުއާޒެވެ.

ހެކި ބަސް ދެމުން އަލީ އަހުމަދު ބުނީ، އެ ރޭ މަހުލޫފް ހައްޔަރުކުރީ ވަޅޯމަސް މާރުކޭޓު ސަރަހައްދުން ކަމަށާއި، އެއީ ފުލުހުން ބަންދުކޮށްފަައި އޮތް ހިސާބެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ. އަދި ހައްޔަރު ކުރިއިރު މަހުލޫފް ހުރީ ބެރިކޭޑް އެތެރޭގައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށެވެ. މުހައްމަދު ފާރިޝް ވެސް ބުނީ، މަހުލޫފް ހައްޔަރުކުރިއިރު އޭނާ ހުރީ ބެރިކޭށް އެތެރޭގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ.

ދެން ހެކި ބަސް ދިން މުހައްމަދު ޝުއާޒު ބުނީ، އެ ރޭ މަހުލޫފް ބެރިކޭޑް ފަޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަން ކަމަށާއި އެކަން ނުކުރުމަށް ނަސޭހަތް ވެސް ދިން ކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކުރިއިރު ހުރީ ބެރިކޭޑް ބޭރުގައި ކަމަށް ޝުއާޒު ބުންޏެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މަހުލޫފް ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުމެވެ. މަހުލޫފް ވަނީ ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.