ހަބަރު

ކުންފޫ ބަލާނަން؟ ހޮނިހިރު ދުވަހު ކާނިވަލުގައި

ޗައިނާގެ މަޝްހޫރު އެކަޑެމީއެއް ކަމަށްވާ ޝޯލިން ކުންފޫގެ ހަރަކާތްތައް ދައްކާލުމަށް އަލިމަސް ކާނިވަލްގައި ޝޯއެއް ބޭއްވުމަށް ނިންމައިފި އެވެ. މި ޝޯއަކީ ރޭ އިފްތިތާހުކުރި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަނާއި ޕީއެސްއެމް ގުޅިގެން ބާއްވާ ޝޯއެކެވެ.

ޝޯލިން ކުންފޫ އެކަޑެމީއަކީ މާޝަލް އާޓްގެ ކުޅިވަރެއް ކަމަށްވާ ކުންފޫގެ ކުޅިވަރުތައް ދައްކާލުމުގައި މަޝްހޫރުކަން ހޯދާފައިވާ އެކަޑެމީއެކެވެ. ކުންފޫއަކީ ކަނޑި ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން ދައްކާ ކުޅިވަރުތަކެކެވެ.

މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު ރޭ އަވަސްއަށް ވިދާޅުވީ، ކުންފޫގެ ކުޅިވަރުތައް ދައްކާލުމަށް ޝޯއެއް ބޭއްވުމަށް ނިންމީ އެކަމަށް އާންމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ. ޝޯލިން ކުންފޫގެ 14 މެންބަރަކު ރާއްޖެ އައިސްފައިވަނީ ޖަމިއްޔާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ހަރަކާތްތައް ދައްކާލުމަށެވެ. ރޭ ވަނީ އެ އެކަޑެމީގެ ހަރަކާތްތަކެއް ދައްކާލާފަ އެވެ.

މިދުއަމް ވިދާޅުވީ، ޝޯއަކީ އާންމުކޮށް ހުޅުވާލެވިފައިވާ ޝޯއެއް ކަމަށާއި ޝޯގައި ބަލާލުމަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަކީ އެދުމެއް ކަމަށެވެ. ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 10 ން 12 ށެވެ. މި ޝޯގައި ކުންފޫގެ ކުޅިވަރުގެ އިތުރުން މޯލްޑިވިއަން އައިޑޮލްގެ ގަަދ 10 ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ވެސް ފެނިގެންދާނެ އެވެ. އަދި ފަސީ ލައިވް ވެސް ފެނިގެންދާނެ އެވެ.

ޝޯލިން އެކަޑެމީއަކީ ޗައިނާގެ އެންމެ ދުވަސްވީ ކުންފޫ ކުޅިވަރުތައް ކުޅޭ އެކަޑެމީ އެވެ. މި އެކަޑެމީއަކީ ކުންފޫގެ ކުޅިވަރުތައް ޗައިނާގައި ދައްކާލާ އެންމެ ކުޅަދާނަ އެކަޑެމީ އެވެ. އަގު ވެސް ބޮޑު އެކަޑެމީއެކެވެ. އެންމެފަހުން ބޭއްވި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މި އެކަޑެމީން ވަނީ ކުޅިވަރުތައް ދައްކާލާފަ އެވެ. އެ އެކަޑެމީގައި 38،000 އެއްހާ މެންބަރުން ތިބެ އެވެ.