ރިޕޯޓް

ބަލާބަލަ؟ މި ތަރުކާރީ ވެސް ހަމަ ކާންވީ؟

އެނގޭ ހެއްޔެވެ؟ ތަރުކާރީއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބަލިތަކުން ދުރުކޮށްދޭ ބާވަތެކެވެ. އެކަމަކު އެއީ ސާފުތާހިރު ނަމަ އެވެ. ކާލާ ތަރުކާރީއަކީ ޖަރާސީމުން ފުރިފައިވާ އެއްޗެއް ނަމަ އެއީ އެއީ ފައިދާކުރުވަނިވި އެއްޗަކަށްވުރެ ބޮޑަށް ވާނީ ފަނާކުރުވަނިވި އެއްޗަކަށެވެ.

ތަރުކާރީއަކީ މާބޮޑަށް ކެއްކުމުން އޭގެ ފައިދާތައް ގެއްލިގެންދާ އެއްޗެކެވެ. އެހެންކަމުން ގިނަ މީހުން ފިހާރައިން ގަނެގެން އަންނަ ގޮތަށް ކުޑަކޮށް ދޮވެލައި ކޮށާލައިގެން ސެލެޑެއް ހަދާލައިގެން ކާލާނީ އެވެ. ސުވާލަކީ ގަންނަ ތަރުކާރީއަކީ ކިހާ ރައްކާތެރި އެއްޗަކާމެދު ވިސްނާލިން ހެއްޔެވެ؟

ސޯޝަލް މީޑިއާ ބަލަމުންދަނިކޮށް މިއީ ލޮލުގައި އަޅައިގެން ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަނީ ބާޒާރު މައްޗެވެ. އެ ސަރަހައްދުގައި ހުރި ފިހާރައެއްގެ ކުރި މައްޗެވެ. އެ ފިހާރައަކީ ބާޒާރު މަތީ "ފަލްކާ" އާ ޖެހިގެން ހުންނަ "ޝޯ ޓުރޭޑާސް" ފިހާރަ އެވެ. ފިހާރައިގައި ހުރި ތަރުކާރީގެ ބާވަތެއް ކަމަށްވާ ލީކްސް ދޮންނަ މަންޒަރެވެ. އެކަމަކު މީގައި ދެރައީ ލީކްސް ފަތްތައް ދޮވުނު ގޮތެވެ. އިއްޔެ މާލެއަށް ވާރޭ ވެހެމުން ދިޔަ ގަޑީގައި ނަގާފައިވާ މި ވީޑިއޯއިން ފެންނަނީ ލީކްސް ފަތްތައް މަގުމަތީ ހެދިފައިވާ ކިލާ ފެންގަނޑުން ދޮންނަ މަންޒަރެވެ.

ބިންމަތީގައި އޮތް ކިލާ ފެންގަނޑުން އެ ދޮވުމަށްފަހު ފޮށިގަނޑަކަށް އަޅާ އެ ބަހައްޓަނީ ވިއްކާށެވެ! ހައިރާނެއް ނުވާނެ ހެއްޔެވެ؟ އެ ފަތްތައް ގަނެގެން ކާންވީ ހަމަ އަހަރެމެންނެވެ.

މިފަދަ ކަންކަމަކީ ކަން ފަސޭހައަށް ކޮށްލާ ކަންކަމަށްވީ ނަމަވެސް މިއީ ނަތީޖާ ވަރަށް ހިތިވެދާނެ ކަމެކެވެ. މިފަދަ ކަންކަމަކީ ބަލިމަޑުކަމެއްގެ ފެށުމެވެ. މުޖުތައުމުގެ ސިއްހީ ފޭރާން އިރާލަން އެޅޭ ފުރަތަމަ ފިޔަވަޅެވެ. މި ވީޑިއޯ އާންމުވެފައި މިވަނީ މަސް މާރުކޭޓް ތެރޭގައި ބަޔަކު ފެންވަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވިތާ ހަފުތާއެއްވެސް ނުވަނީހެވެ. ދިވެހިން ހަމަ މިހާ މުޑުދާރުވެ، ކަން ފަސޭހަވީބާވަ އެވެ.

ތަރުކާރީތައް ދޮވުނު ފެންގަނޑަކީ އެތައް ބައެއް ފެންވަރުވުމަށްފަހު ބިންމަތީގައި ހެދިފައިވާ ފެންގަނޑެކެވެ. އެތައް ބައެއް ހިނގާ، އެތައް ވެހިކަލެއް ދުއްވާފައިވާ ފެންގަނޑެކެވެ. އެތައް ބައެއް ކުޅު ޖަހާ، ހިރަފުހާއި ކިލައިން ކިނލަބުވެފައިވާ ފެންގަނޑެކެވެ. ޖަރާސީމް ނުހުންނާނެ ހެއްޔެވެ؟ މިފަދަ ފެންގަނޑަކުން ދޮވެފައިވާ ތަރުކާރީއެއް އަދި ދޮވެގެން ވިޔަސް ކައިފިނަމަ ބަލިތަކެއް ޖެހުމަކީ ހަމަ ވަރަށް ކައިރި ކަމެކެވެ. މިފަދަ ފެނުން ޖެހޭ ކިތަންމެ ބައެއް އެބަ ހުއްޓެވެ. އެގޮތުން މެލޭރިއާ، ކޮލެރާ، ހެޕަޓައިޓިސް އޭ ފަދަ ބަލިތައް ފާހަގަކޮށްލެވެ އެވެ.

ސާފުތާހިރުކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް!

ސަރުކާރުން ވިޔަފާރީގެ ހުއްދަ ދޫކޮށްގެން ހިންގާ މިފަދަ ތަންތަނުގައި މިފަދަ ކަންކަން ހިނގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ފިހާރަތަކުން މިފަދަ ތަކެތި މީހުންނަށް ވިއްކައިގެން ނުވާނެ އެވެ. ފިހާރައަށް މަންފާކުރި ނަމަވެސް އޭގެ އެތައް ބަޔަކަށް އެދެވެނީ ބޮޑު ގެއްލުމެކެވެ. ކާބޯތަކެތި ފިހާރަތަކުގައި ސާފުތާހިރުކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް ކުރެ އެވެ. ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ފިހާރަތަކުގައި ގެންގުޅޭ ގޮތުން އެތަކެތީގެ ރައްކާތެރިކަން ގެއްލިގެންދެ އެވެ. ހާއްސަކޮށް ބާޒާރުމަތީ ފިހާރަތަކުގަ އެވެ.

ފިހާރަތައް އެކަންޏެއް ނޫނެވެ. މާރުކޭޓްގައިވެސްމެ އެވެ. ލޯކަލް މާރުކޭޓެއް މަސް މާރުކޭޓެއް ކިޔާނެ ކަމެއް ނެތެވެ. މަސް މާރުކޭޓްގެ ހާލަތު މިހާރު ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ފިހަރަތަކާއި މާރުކޭޓްތަކުގެ ހާލަތު މިހެންހުރިއިރު ކެފޭ، ރެސްޓޯރެންޓްތަކުގެ ހާލަތު ވެސް ރަނގަޅެއް ނޫނެވެ. ސައި ހޮޓާ ރެސްޓޯރެންޓް ތަކުގައި ނިދުންވެސް ވަނީ އާންމުވެފަ އެވެ. މިފަދަ ތަންތަނުގައި ފެންވަރައި، ނިދައިހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ތަންތަނުގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދޭ ވަރުގެ ބޮޑެތި މައްސަލަތަކެވެ. އެފަދަ ތަންތަނަކީ މުޖުތަމައުގެ ކުޑަބޮޑު އެންމެން އެއްވެ ކައިބޮއެހަދާ ތަންތަން ކަމަށް ވާތީއެވެ. ތަންތަން ހިންގާ ފަރާތްތަކުން މުވައްޒަފުންނަށް ދިރިއުޅޭނެ ގޮތްތައް ހޯދައި ނުދޭނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ކަމާބެހޭ އިދާރާތަކުގެ މަސްއޫލިއްޔަތެކެވެ. އެކަމަކު ފަރުދީ ޒިންމާ ވެސް ކުޑައެއް ނޫނެވެ.

އެޗްޕީއޭ ބޮލަށް ކަނޑާލުމުން ނިންމުނީތަ؟

މިއީ ކަންތައް ވާ ގޮތެވެ. މި ވީޑިއޯ ޝެއާކުރި ގިނަ މީހުންނަށް ވެސް ގޯސްވީ އެކަންކުރި މީހާއަށްވުރެ މިފަދަ ކަންކަން ބެލުމުގެ ޒިންމާއާ ހަވާލުވެ އޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެވެ. ތެދެކެވެ. މިފަދަ ކަންކަން ބެލުމަކީ އެޗްޕީއޭގެ ޒިންމާއެކެވެ. ނަމަވެސް މިފަދަ ކޮންމެ ކަމެއް އެޗްޕީއޭއަށް އެނގޭނެ ހެއްޔެވެ. އާންމުންނަށް ވެސް މި އެނގެނީ މިފަދަ މަދު ކަމެވެ. މިފަދަ ކިތައް ކަންތައްތައް ހަމައެކަނި މި މާލޭގައި ވެސް ހިނގާނެ ހެއްޔެވެ؟ އަބަދު އެޗްޕީއޭ އެމީހުންގެ ފަހަތުގައި ވިއްދާފައި ތިބެނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ކަންކަން ހައްލު ވާނީ ފަރުދީ ޒިންމާ އުފުލައިގެންނެވެ. އެކަންކަން ކުރާއިރު މުޖުތައުއަށް ލިބިދާނެ ގެއްލުމަކާ މެދު ފިކުރު ކޮށްލައިގެންނެވެ. އޭރަށް މިފަދަ ކަންކަން ހުއްޓި، ދުޅަހެޔޮ މުޖުތަމައުއަކަށް މި ކުޑަކުޑަ މުޖުތަމައު ވެގެންދާނެ އެވެ.

މިކަމުގައި ފަރުދީ ޒިންމާ ބޮޑު ނަމަވެސް، މި ގޮތަށް ސަމާލު ކަމަށް އަންނަ ކަންކަން ބެލުމަކީ އެޗްޕީއޭގެ ވަރަށް ބޮޑު ޒިންމާއެކެވެ. މިފަދަ ކަންކަން ހުއްޓުވާން މިފަދަ ހަޑި އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަކީ ވެސް ހަމަ އެޗްޕީއޭގެ ޒިންމާއެކެވެ.