ރިޕޯޓް

ވިޔަފާރީގައި ޑެލިގޭޓް ކުރުމާއި މަސައްކަތް ހަވާލު ކުރުން!

May 19, 2016

މީގެ ކުރީގައި މައިކްރޯ މެނޭޖްމަންޓާއި ބެހޭގޮތުން ލިޔުނު ލިޔުމުގައި ޑެލިގޭޝަން ނުވަތަ މަސައްކަތް ޙަވާލުކުރުމުގެ ވާހަކަ ވަރަށް ގިނަ ފަހަރަށް ދެކެވިފައި ވުމާއިއެކު، މިފަހަރު މިބަލާލަނީ ޑެލިގޭޓް ކުރުމާއި އެކަމުގެ މުހިންމު ކަމާއި އެކަމުގެ ފައިދާ ތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަވެސް ޑެލިގޭޝަން ނުވަތަ ޑެލިގޭޓް ކުރުމަކީ ކޮބައިތޯ ބަލާލަމާ ތޯއެވެ. މެނޭޖްމަންޓާއި ބެހޭ ފޮތްފޮތުގައި ޑެލިގޭޝަން އަކީ ކޮންއެއްޗެއްކަން ބުނެދިނުމުގައި ކުދިކުދި ތަފާތު ހުރެއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި މެނޭޖްމަންޓް ދާއިރާގައި ޑެލިގޭޝަން މާނަ ކުރެވޭ ގޮތަކީ، ކަނޑައެޅިފައިވާ ވަކި ކަމެއް ޙާޞިލް ކުރުމަށްޓަކައި، އެކަމެއް ކުރުމަށް ތިމާއަށް ލިބިފައިވާ ބާރާއި އިޚްތިޔާރާއި އެކު އެހެން ފަރާތަކަށް މަސައްކަތެއް ޙަވާލުކުރުމެވެ. ދިވެހި ބަހުން ޑެލިގޭޝަން މާނަކުރާ ގޮތަށް ބަލާލާއިރު، މަސައްކަތް ޙަވާލުކުރެމޭ ބުނުމުން މިމާނަ ފުރިހަމައަށް ދޭހަ ނުވާކަމަށް އަޅުގަނޑަށް ފެންނާތީ، މިލިޔުމުގައި އަޅުގަނޑު ޑެލިގޭޝަން މިބަސް ބޭނުން ކުރަމުން ގެންދާނަމެވެ.

މަތީގައިވާ މާނައަށް ބަލާލާއިރު ދެ ކަމެއް ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ، ކަނޑައެޅިފައިވާ ވަކި ކަމެއް ޙާޞިލް ކުރުމުގެ ވާހަކައެވެ. އާދެ ޑެލިގޭޓް ކުރުމަކީ، ވަކި ކަމެއް ކުރުމަށް ކަނޑައަޅާ އެކަމެއް ކުރުމަށް ޙަވާލުކުރުމެވެ. މިސާލަކަށް ވިޔަފާރި އަކަށް ބަލާނަމަ، އެވިޔަފާރި އާއިބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން، ވިޔަފާރިވެރިޔާ ވަކި ޖެނެރަލް މެނޭޖަރަކާއި ޙަވާލުކޮށްފައި އޮއްވާ، އެއިގެތެރެއިން އެވިޔަފާރި އާއި ބެހޭ ހުރިހާ މާލީ ހިސާބުތަކެއް ބެލެހެއްޓުމުގެ މަސައްކަތް، ޖެނެރަލް މެނޭޖަރަށް އެހެން އެކައުންޓަންޓަކާއި ޙަވާލުކުރެވިދާނެއެވެ. އާދެ ޖެނެރަލް މެނޭޖަރ ގެ މަސްއޫލިއްޔަތުތަކުގެ އެއްކަމެއް ކަމުގައިވާ ވިޔަފާރީގެ މާލީ ހިސާބުތައް ބެލެހެއްޓުން އެހެންމީހަކަށް ޑެލިގޭޓް ކުރީއެވެ.

ޑެލިގޭޝަން މާނަ ކުރާ ގޮތުން ދެވަނައަށް ފާހަގަކުރެވޭ ކަމަކީ، ބާރާއި އިޚްތިޔާރާއިއެކު ޙަވާލުކުރުމުގެ ވާހަކައެވެ. އާދި މަތީގައިވެސް ދެންނެވުނު މިސާލަށް ބަލާ ކަމުގައި ވަނީނަމަ، އެކައުންޓެންޓަށް އޭނާގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ، މާލީ ހިސާބުތައް ބެލެހެއްޓެމުގައި އަދާކުރަންޖެހޭ ހުރިހާ މަސައްކަތްތައް އަދާކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޭނާއަށް ލިބިގެންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެކައުންޓު މެނޭޖްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް މެނޭޖަރު ކައިރީގައި އަހާ ހުއްދަ ހޯދައިގެން ކުރާނަމަ، ފުރިހަމަ މާނައިގައި ޑެލިގޭޓް ކުރެވުނީ ކަމުގައެއް ނުބެލެވޭނެ އެވެ. އަދި އެކަމަކުން އެވިޔަފާރިއަށް ލިބޭނެ ކުރިއެރުމެއްވެސް، ނުވަތަ މެނޭޖަރަށް ލިބޭނެ ލުއި ފަސޭހައެއްވެސް ނޯންނާނެއެވެ.

މެނޭޖްމަންޓްގެ ދާއިރާގައި ކުރިއަށް ދިއުމުގައި، ވަކިން ޚާއްޞަކޮށް، ވާޒީފާގެ ކުރިއެރުންތައް ލިބި ޒިިންމާތައް އިތުރުވެގެން ދާ ދިއުމުގައި، މެނޭޖްމަންޓްގެ ދާއިރާއިން ތިމާއަށް އެންމެބޮޑު އެހީތެރިކަމެއް ލިއްބައިދޭނެ އެއް ކަމަކީ ހެޔޮގޮތުގައި ޑެލިގޭޓް ކުރަން ދަސްކުރުމެވެ. އެހެނީ ހެޔޮގޮތުގައި ޑެލިގޭޓް ކުރުމަކީ، ތިމާގެ މަސައްކަތް ވަރަށްބޮޑުތަން ލުއިވެ، ތިމާގެ ދަށުން މަސައްކަތް ކުރަން ތިބީ މީހުންގެ ފުރިހަމަ ބޭނުން ތިމާއަށް ހިފި، އަދި ތިމާކުރަންޖެހޭ އަސްލު މަސައްކަތަށް ފޯކަސް ކޮށް އެކަމުގައި ތިމާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މެނޭޖަރެއްގެ ޙައިސިއްޔަތުން، ތިމާގެ އުފެއްދުންތެރިކަން ދެއްކުމަށް އެއްކަމަކުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަމަކީ ޑެލިގޭޓް ކުރުމެވެ.

އިތުރަށް ވިސްނާވަޑައިގަތުމަށްޓަކައި އަދިވެސް އެހެން ގޮތަކަށް ހަމަ މިވާހަކަ ދަންނަވާލެވޭތޯ ބަލާނަމެވެ. ވިޔަފާރިއެއްގައި ނުވަތަ އޮފީހެއްގައި މެނޭޖަރެއްގެ ހައިސިއްޔަތުން ތިމާގެ ރޯލަކީ، އެވިޔަފާރިއެއް ކުރިއެރުވުމަށްޓަކައި ކުރުމުއްދަތުގަޔާއި ދިގު މުއްދަތުގައި ރާވަންޖެހޭ ކަންތައްތައް ރާވާ ޕްލޭންތައް ހެދުމެވެ. އެހެން ނަމަވެސް ވިޔަފާރީގައި ނުވަތަ އޮފީހުގައި ދުވަހުން ދުވަހަށް ކުރަން ހުންނަ މަސައްކަތްތަކުގައި ތިމާ މާބޮޑަށް ޝާމިލްވާން ޖެހިއްޖެނަމަ، ކުރީގައި ދެންނެވުނު މަސައްކަތަށް ތިމާއަށް ވަގުތުހުސް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ވީމާ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ތިމާގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކަށް ޑެލިގޭޓް ކުރުމުން، ވިޔަފާރި ހިންގުމުގެ ބޮޑު މަންޒަރާއިމެދު ވިސްނާ، ކަންތައްތައް ރާވާ ޕްލޭންކުރުމަށް ވަގުތު ހުސްކުރެވި، އެކަމުގެ ސަބަބުން ތިމާގެ މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެއެވެ.
ޑެލިގޭޓް ކުރުމުގެ އަނެއް ފައިދާއަކީ، ތިމާގެ ޓީމްގެ އެހެން މެންބަރުންނަށް އެމީހުންގެ ވަޒީފާއާއި މެދު އިތުބާރުބޮޑުވެ، އިތުރަށް ކުރާ މަސައްކަތްތަކުން ތަޖުރިބާތަކެއް ލިބި އެކަމަށް ފައްކާވުމާއިއެކު، އެމަސައްކަތް ކުރުމަށް އިތުރު ބައެއްގެ އާޚިޔާލުތައްވެސް ލިބިގެން ދިއުމެވެ. އަދި ތިމާގެ ވިޔަފާރި ހިންގަން ތިބާ ޓީމް ވަރުގަދަވެގެން ދިއުމެވެ.

މެނޭޖްމަންޓާއި ބެހޭ މާހިރުން ވިދާޅުވާގޮތުން ހެޔޮގޮތުގައި ޑެލިގޭޓް ކުރުމުގައި މުހިންމު ތިން އަސާސަކަށް ބަލަން ޖެހެއެވެ.

1. މަސައްކަތެއް ޑެލިގޭޓް ކުރެވޭ ފަރާތަށް، އެމަސައްކަތެއް ފުރިހަމަކާމާއިއެކު އަދާކުރުވޭވަރުގެ ބާރުތަކާއި އިޚުތިޔާތުތައް ދިނުން.

2. މަސައްކަތެއް އެހެން ފަރާތަކަށް ޑެލިގޭޓް ކުރެވުނު ކަމުގައި ވިޔަސް، އެމަސައްކަތުގެ ފުރިހަމަ ކުރުވުމުގެ ޒިންމާ ތިމާގެ ބޮލުން ނައްޓާނުލާ އެޒިންމާ އަދާކުރުން. އެހެން ގޮތަކަށް ދަންނަވާނަމަ، އެހެން ފަރާތަކަށް މަސައްކަތް ޑެލިގޭޓް ކުރުމަކުން ތިމާގެ ޒިންމާ ނިމުނީކަމުގައި
ބަލައިގެން ނުވާނެއެވެ. އެޒިންމާ ތިމަގެ ބޮލުގައި އަބަދުވެސް އޮންނާނެއެވެ. ކުރީގެ މިސާލަށް ބަލާނަމަ، ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުން އެކައުންޓެންޓާއި ޙަވާލުކުރިނަމަވެސް، ޖެނެރަލް މެނޭޖަރގެ ބޮލުގައި އަބަދުވެސް އެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމުގެ ޒިންމާ އޮންނާނެއެވެ. އަދި ވިޔަފާރީގެ ވެރިޔާ އަށް ޖެނެރަލް މެނޭޖަރ ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ.

3. ޑެލިގޭޓް ކުރެވޭ މަސައްކަތާއި އެކުގައި ޙަވާލުކުރެވޭ ބާރުތަކާއި އިޚްތިޔާރުތައް އެޙަވާލުކުރެވޭ މަސައްކަތަކާއި، މަސައްކަތް ޙަވާލުކުރެވޭ ފަރާތުން ކުރަންޖެހޭ މަސައްކަތާއި ހަމަހަމަ ވާންޖެހޭނެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މަސައްކަތެއް ޙަވާލުވުމުގެ ސަބަބުން، އޭނާއަށް ލިބޭ ބާރުތަކަކީ، އެމަސައްކަތާއި ނުގުޅޭ އެހެން ހުރިހާ ކަމަކަށް ބާރުފޯރުވޭނެ ބާރުތަކަކަށް ވެގެން ނުވާނެއެވެ. އާދެ އެއްކަލަ ފައިސާގެ ހިސާބުތައް ބަލަހައްޓަން ޙަވާލުކުރި އެކަންޓެންޓަށް، ފައިސާގެ ހިސާބު ތައް ބެލެހެއްޓުމާއި ނުގުޅޭ ކަންތައްތަކަށް ބާރުފޯރުވޭފަދަ ބާރުވެރިކަމެއް ދީގެން ނުވާނެއެވެ.

ހެޔޮގޮތުގައި ޑެލިގޭޓް ކުރުމުގައި ވިސްނާލަން މުހިންމު ބައެއް ކަންތައްތައް ހުރެއެވެ. އެއްކަމަކީ، މަސައްކަތް ޑެލިގޭޓް ކުރެވޭ ފަރާތަކީ، އެ ޙަވާލުކުރެވޭ މަސައްކަތެއް ފުރިހަމައަށް އަދާކުރެވޭވަރުގެ ޤާބިލްކަމެއް ހުރި މީހެއްކަން ޔަޤީންކުރުމެވެ. އަނެއް ކަމަކީ، މަސައްކަތް ޑެލިގޭޓް ކުރާއިރު، އެކުރަންޖެހޭ މަސައްކަތެއް ވަރަށް ރަނގަޅަށް، ޑެލިގެޓް ކުރެވޭ ފަރާތަށް އަންގައިދިނުމާއިއެކު، އެމަސައްކަތުގައި ޙާޞިލްކުރަންޖެހޭ މިންވަރާއި ގެންގުޅެންޖެހޭން މިންގަނޑުތައް އަންގައިދިނުމެވެ. ތިންވަނަ ކަމަކީ ޑެލިގޭޓް ކުރެވުނު ފަރާތުން އެމަސައްކަތް ކުރަމުންދާގޮތް ބަލަހައްޓާނެ ސިސްޓަމެއް ކަނޑައަޅާ، މަސައްކަތް ހިންގަމުން ގެންދާގޮތް ބަލަހައްޓަމުން ގެންދިއުމެވެ. އެކަށީގެންވާ ރަނގަޅު މޮނިޓަރިންގ ސިސްޓަމެއް ޤާއިމުކުރުމަކީ، މަސައްކަތް ޑެލިގޭޓް ކުރާ މެނޭޖަރަށް އެކަމުގެ ހިތްހަމަޖެހުން ލިބު، މަސައްކަތް ރަނގަޅަށް ހިންގަމުން ދާކަން ޔަޤީންކުރެވޭނެ ގޮތެވެ. އެހެން ނަމަވެސް، މޮނިޓަރ ކުރުމުގެ ނަމުގައި މައިކްރޯ މެނޭޖްކޮށް، އެފަރާތުން ކުރާ ހުރިހާ ކަމެއް އަބަދު ބަލަހައްޓައިގެން ހުރުމުގެ ވިސްނުން ނުގެންގުޅުއްވާށެވެ. އާދެ ކުރީގައި އަޅުގަނޑު ލިޔުނު ލިޔުމުގައިވެސް ދަންނަވާލި ފަދައިން ޑެލިގޭޓް ކުރުމަކީ މައިކްރޯ މެނޭޖްކުރުމުގެ އިދިކޮޅެވެ. އެހެންކަމުން މިދެކަންތައް އެކެއް ނުކުރެވޭނެއެވެ.

ޑެލިގޭޓް ކުރުމުގައި އިތުރަށް ވިސްނާވަޑައިގަތުން މުހިންމު ކަމެއްގެ ވާހަކަ ދަންނަވާލާނަމަވެ. އާދެ ޑެލިގޭޓް ކުރުމުގައި، އެކުރަންޖެހޭ މަސައްކަތެއް އެކުގައި ޑެލިގެޓް ކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. މެނޭޖްމަންޓާއި ބެހޭ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މީހަކު، އޭނާކުރާ މަސައްކަތަށް އަހުލުވެރިކުރުވާ (މޯޓިވޭޓް) ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، އޭނާ ކުރާ މަސައްކަތަކީ، އެމަސައްކަތުން އޭނާއަށް މަސައްކަތެއް ފުރިހަމަ ކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭ މަސައްކަތަކަށް ވުމެވެ. އެހެންކަމުން މަސައްކަތް ޑެލިގޭޓް ކުރުމުގައި އެމަސްކަތް ކުރާ ފަރާތަށް މަސައްކަތެއް ފުރިހަމަ ކުރެވުނުކަމުގެ ހިތްހަމަޖެހުން ލިބޭވަރުގެ މަސައްކަތެއް އެކުގައި ޙަވާލުކުރުމަކީ، އެމަސައްކަތް ޙަވާލުރެވުނު ފަރާތުން ޝައުޤުވެރިކަމާއިއެކު މަސައްކަތް ކުރުމަށް ބާރުއަޅާނެކަމެކެވެ.

* މެނޭޖްމަންޓުގެ ދާއިރާތަކާއި ގުޅޭގޮތުން www.bizconsultancy.co/blog ގައި އެކި ލިޔުންތައް ޝާއިޢު ކޮށްފައި ހުންނާނެއެވެ.

އަލީ އާމިރު

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.