މިސްރު

ގެއްލުނު ފްލައިޓް ވަނީ ކަނޑަށް ވެއްޓިފައި: އެއާލައިން އޮފިޝަލް

May 19, 2016

މިއަދު ހެނދުނު ގެއްލުނު އިޖިޕްޓް އެއާގެ ފްލައިޓް804 ގްރީސް ކައިރިން މެޑިޓަރޭނިއަން ކަނޑަށް ވެއްޓިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުން ފުރައިގެން މިސްރުގެ ވެރިރަށް ގާހިރާ އަށް ދަތުރުކުރި ފްލައިޓު އެމްއެސް804 ކަނޑަށް ވެއްޓިފައިވާ ކަމަށް މިސުރުގެ އޭވިއޭޝަން އޮފިޝަލަކާއި ހަވާލާދީ އޭޕީ އިން ބުނެފައިވެ އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް، އޭޕީއަށް މައުލޫމާތު ދިން އޮފިޝަލް ބުނީ ފްލައިޓް ވެއްޓިފައިވާ ކަން ކަށަވަރުވެފައިވާ ކަމަށާއި މިހާރު ފްލައިޓުގެ ބައިތަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭވިއޭޝަން މިނިސްޓްރީ އިން ހާމަކޮށްފައިވާ ރަސްމީ ބަޔާނުގައި ބުނެފައިވަނީ ފްލައިޓް ވެއްޓިފައިވާ ކަން ޔަގީންކުރަން އަދި ދަތި ކަމަށެވެ.

ފްލައިޓުން ޑިސްޓްރެސް ސިގްނަލް ފޮނުވާފައިނުވާ ކަމަށް މިސުރުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ. ނަމަވެސް، އެގައުމުގެ އަސްކަރިއްޔާ އާއި ގުޅިގެން ފްލައިޓު ހޯދަމުންދާ ޓީމުތަކުން މިކަން ދޮގުކޮށްފައިވެ އެވެ. ފްލައިޓް ގެއްލުމުގެ ކުރިން އެސްއޯއެސް މެސެޖު އަސްކަރިއްޔާ އަށް ލިބިފައިވާ ކަަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

ފްލައިޓު ގެއްލުނު އިރު، މަދުވެގެން 59 ޕަސެންޖަރުންނާއި 10 ކްރޫ ހިމެނޭ ކަމަށް އިޖިޕްޓްއެއާ އިން ބުނެފައިވެ އެވެ.