މުހައްމަދު ނާޒިމް

ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދި މީހާ ހޯދިއްޖެ: ސުއޫދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ފިސްތޯލައެއް ލާފައި އޮތް ކުޑަ ކަޅު ދަބަސް ވެއްދި މީހާ ހޯދިފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަކީލް ސުއޫދު ވިދާޅުވީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލް އެގެއަށް ވެއްދީ ކާކުކަން ނާޒިމަށް ސާބިތުކޮށްދެވިފައިނުވާތީ އޭގެ ޒިންމާ ނަގަން ޖެހޭނީ ނާޒިމް ކަމަށް ދަށު ކޯޓުން ނިންމާފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ، އެ ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ ނަމެއް ސުއޫދު ވިދާޅެއް ނުވެއެވެ. ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭބަންދުގައި ހުންނެވި ނާޒިމަށް ކަމަށާއި ގާނޫނީ ޓީމަށް ނާޒިމު އެމައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެެވެ.

ސުއޫދު ވިދާޅުވީ، އެ މީހާއާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެމީހާއަކީ ދަށު ކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއް ނޫނެވެ. އާންމު އުސޫލުގެ ދަށުން ދަށު ކޯޓަށް ހުށަނާޅާ ހެއްކެއް ސުޕްރީމް ކޯޓަށް ހުށައެއް ނޭޅެ އެވެ. ނަމަވެސް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ރިޔާސީ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހެކި ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

"އެމީހަކު އަޅުގަނޑުމެންނަށް މިހާރު ވަނީ ހޯދިފައި، އެމީހާއާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓަށް ވާނީ މިއަދު ހުށަހަޅާފައި، ކާކުކަން އެ ހަތިޔާރު ހިފައިގެން އެ ގެއަށް ވަނީ އެ މައުލޫމާތު ވަނީ ހުށަހަޅާފައި،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، އެމީހައަކީ ތަހުގީގަށް އެތަން ބަލައި ފާސްކުރަން ވަތް މީހެއް ކަމަށެވެ. އެ ކުޑަ ދަބަސް އެމީހާގެ އަތުގައި އެރޭ އޮތްކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ އަނެއް ވަކީލް އަލީ ޒާހިރު ވިދާޅުވީ، ލިބިފައިވާ އާ މައުލޫމާތުތައް ރިޔާއަތްކޮށް ޝަރީއަތް ހިންގައިދިނުމަށް އެދޭ ކަމަށެވެ. ދަށު ކޯޓަށް ހުށަހެޅި ބައެއް ހެކިން ވެސް ހާޒިރުކޮށްދީފައިނުވާ ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައިވާނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ގޮތުގައި އިޖުރާއަތްތަކުގައި ދެވެން އޮތް އެންމެ ބޮޑު ލުޔެއް ނާޒިމްގެ މައްސަލާގައި ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.