ބޭރު ކުޅިވަރު

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެ މުބާރާތުން މޮރޮކޯ ސަސްޕެންޑްކޮށްފި

އެފްރިކާ ކަޕް އޮފް ނޭޝަންސް ނުބޭއްވި މައްސަލައިގައި މޮރޮކޯ ކުރިއަށް އޮތް ދެ އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތުން ސަސްްޕެންޑްކުރަން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ނިންމައިފަ އެވެ.

މިހާރު އީކުއެޓޯރިއަލް ގިނީގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސް ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މޮރޮކޯގަ އެވެ. މޮރޮކޯ އިން މުބާރާތް ބާއްވަން ފަސް ޖެހުނީ އެބޯލާ ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މި މުބާރާތް 2016 ވަނަ އަހަރަށް ފަސް ކުރަން މޮރޮކޯ އިން އެދުނު ނަމަވެސް، ސީއޭއެފް އިން ވަނީ އެ ހުށަހެޅުން ގަބޫލްނުކޮށް، އީކުއެޓޯރިއަލް ގިނީގައި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.

މުބާރާތް ނުބޭއްވި މައްސަލައިގައި މޮރޮކޯ ދެ މުބާރާތް ސަސްޕެންޑް ކުރުމުގެ އިތުރުން، ސީއޭއެފް އިން ވަނީ 650،000 ޕައުންޑް އިން ޖޫރިމަނާކޮށްފަ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 5.9 މިލިއަން ޕައުންޑް ދިނުމަށް ސީއޭއެފް އިން ވަނީ މޮރޮކޯ އަށް އަންގައިފަ އެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލްގައި ގާނާ އާއި އީކުއެޓޯރިއަލް ގިނީ ބައްދަލުކުރި މެޗުގައި އީކުއެޓޯރިއަލް ގިނީގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ސީއޭއެފް އިން ވަނީ އީކުއެޓޯރިއަލް ގިނީ 65،000 ޕައުންޑް އިން ޖޫރިމަނާކޮށްފަ އެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މާދަމާ ރޭ ގާނާ އާއި އައިވަރީ ކޯސްޓް ކުރިމަތިލާނެ އެެވެ. -- ބީބީސީ