ސްޕެއިން ލީގުގައި މިރޭ ވާދަވެރި ރެއާލް މެެޑްރިޑް އަތުން 4-0 އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި މޮޅުވެއްޖެ އެވެ.
މެޑްރިޑް ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދެ ކްލަބުގެ ކުރިމަތިލުމުގައި އެތުލެޓިކޯ އިން ލީޑު ނެގީ މެޗުގެ 14 ވަނަ މިނިޓުގައި ތިއާގޯ ޖެހި ލަނޑުންނެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން އެތުލެޓިކޯގެ ދެވަނަ ލަނޑު ޖެހީ ސައުލް ނިގުއެޒް އެވެ. ދެވަނަ ހާފުގައި އެތުލެޓިކޯ އަށް އިތުރު ދެ ލަނޑު ޖަހައިދިނީ އެންޓޮއިން ގްރިޒްމަން އާއި މާރިއޯ މަންޒޫކިޗެވެ.
ރެއާލްއާ ދެކޮޅަށް އެންމެ ފަހުން ކުުޅުނު ހަ މެޗުން ލިބުނު ހަތަރު ވަނަ މޮޅާއެކު ތިން ވަނައިގައި އޮތް އެތުލެޓިކޯ ވަނީ ދެވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަަމަކު ލީގުގައި މާދަމާ ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ބާސާ އަށް އެތުލެޓިކޯގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެ އެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ބާސާ އަށް ކުޑަކުރެވޭނެ އެވެ.
އަނިޔާގެ މައްސަލަތަކާ ގުޅިގެން ހަމޭސް ރޮޑްރިގޭޒް އާއި ލޫކާ މޮޑްރިޗާއި ސާޖިއޯ ރާމޮސް އަދި ޕެޕޭ ނުލައި ރެއާލް ކުޅުނު ނަމަވެސް، ދެ މެޗުގެ ސަސްޕެންޝަނަކަށް ފަހު އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ކުޅުނެވެ. އެކަމަކު ރޮނާލްޑޯއާއެކު ވެސް ރެއާލް އަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ރެއާލް އަށް އެތުލެޓިކޯގެ ގޯލަށް ޝޮޓެއް އަމާޒުކޮށްލެވުނީ މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށެވެ. -- ބީބީސީ