އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ކަންކަން ހަރުދަނާކުރުމަށް އދ.އާއެކު މަޝްވަރާކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އެހެނިހެން އިންތިހާބުތަކުގެ ކަންކަން ހަރުދަނާ ގޮތެއްގަިއ ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމުގެ ގޮތުން ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން އދ.އާއެކު މަޝްވަރާކޮށްފި އެވެ.

އދ.ގެ ފަންނީ ބޭފުޅުންނާއެކު އިލެކްޝަން ކޮމިޝަނުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އިންތިހާބުތަކުގެ ކަންކަން ހަރުދަނާކުރުމުގައި އދ.އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ކޮމިޝަނުގެ މެންބަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ، އިލެކްޓްރޯނިން ވޯޓިން ސިސްޓަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ވޯޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ކޮމިޝަންގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މުޅި އިންތިހާބީ މަރުހަލާތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސާއި މެންބަރުންގެ އިތުރުން ކޮމިޝަންގެ ސެކްޓްރީ ޖެނަރަލް ބައިވެރިވެލެއްވި އެވެ.

އދ. ގެ ޓީމުން ވަނީ ކޮމިޝަންގެ މުވައްޒަފުންނާ ބައްދަލުކޮށް އިންތިހާބުތަކުގައި އާންމުކޮށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވާފަ އެވެ.