ރައީސް މުހައްމަދު ނަޝީދު

ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ނަޝީދު އަނެއްކާވެސް އެދެފި

  • މުއްދަތު އިތުރުކޮށްދޭން އެދުނީ އޯގަސްޓް 23ގެ ނިޔަލަށް
  • ބޭސްފަރުވާގެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު
  • ނަޝީދުގެ ފަރުވާ އަދި ނުނިމޭ

އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އަނެއްކާވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވީ، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެެދި އިއްޔެ ކަރެކްޝަނަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީ އަންނަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަސަން ވިދާޅުވީ، ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ ބޭސްފަރުވާ ނިންމާލެވޭނީ އެ މުއްދަތުގައި ކަމަށެވެ.

މީގެކުރިން ވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން އެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފައިވެ އެވެ. އެ 30 ދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.