އީރާން

ރާއްޖެއިން އީރާނާ ގުޅުން ކަނޑާލަންވީ ކީއްވެ؟

May 23, 2016
16
  • ފާޑުކިޔަން އުނދަގޫ ނިންމުމެއް
  • އަރަބި ގައުމުތަކާއި އިރާނާ ދެމެދު ޒަމާންވީ ދެކޮޅުވެރިކަމެއް
  • ރާއްޖެ ސައުދީއާ އެކު ވަނީ ގުޅުން ބަދަހިކޮށްފައި

މިދިޔަ ހަފްތާގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އީރާނާއެކު ދިވެހި ރާއްޖެއިން ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުން ކުއްލި ގޮތަކަށް ކަނަޑާލުމުން ތަފާތު ބަހުސްތަކެއް ހިގަމުންދާތީ ދަނީ ފެންނަމުނެވެ. އެކަމާ އެންމެ ބޮޑަށް ފާޑު ވިދާޅުވާބޭފުޅުން ފެންނަމުންދަނީ އިދިކޮޅު ކޭމްޕް އެމްޑީޕީގެ ފިކުރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެތެރެއިންނެވެ. މީޑިއާގައި މިމައްސަލާގައި ދެކޮޅު ބޭފުޅަކު ނުވަތަ އެއްކޮޅު ބޭފުޅެއްގެ ޕާސަނަލް އިންޓަވިއުއެއް ޖަހާލުން ފިޔަވައި އޮއްޓަރު ހުރި އަދި އޭގެ އެންމެ ފުނަށް ދިރާސާކޮށް ބަހުސްކުރާތަނެއް ނުފެނެއެވެ. އެކަމަކު އެވާހަކަ ދެކެވެންޖެހެއެވެ. އީރާނަކީ ރާއްޖެއާއި ދުނިޔޭގެ އެންމެ ދުރުހިސާބުގައި ރާއްޖެއާއި އެއްވެސް ވަރަކަށް މުއާމަލާތު ކުރަން ނުޖެހޭ ގައުމެއް ނޫނެވެ. އީރާނަކީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ މެމްބަރެކެވެ. އީރާނަކީ ގަލްފުގައި އަސްކަރީ ގޮތުން އެންމެ ވަރުގަދަ އެއް ގައުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އީރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ޖިއޯ ޕޮލިޓިކްސްއަށް ޚާއްސަކޮށް މެދުއިރުމަތީގެ މަސްރަހަށް ވަރަށް ބޮޑު ބަދަލެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ސިފަ ކުރަނީ "އަރަބި ބަހާރު މޫސުން" އައިސްގެން އުޅެނީ ކަމަށެވެ. ސޫރިޔާއާއި އިރާގުގައި މުސްލިމުންގެ ލޭ އޮހުރުވައިލެވެމުންދަނީ ހިތަށް އަސަރު ނުކުރާފަދަ މިންވަރަކަށް ނޫނެވެ.
ރާއްޖެއިން އީރާނާއި ގުޅުން ކަނޑާލުމުން ސައޫދީ އަރަބިއްޔާ ކޮޅަށް ރައީސް އަބްދުﷲ ޔާމީން ޖެހިވަޑައިގަތީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި އެކަންކުރީވެސް ސައޫދީ ފައިސާގެ މުހުތާދުގައިކަމަށް ތުހުމަތު ކުރެއެވެ.

ސަރުކާރުގެ ނިންމުގައި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ރާއްޖެއާއި ގުޅޭ މަސްލަހަތުތަކަށް ނަޒަރެއް ހިންގާލާނަމެވެ.

ޝިއައީ އަދި ސުންނީންނަކީ ކޮންބައެއް؟

މެދުއިރުމަތީގައި ހިގަމުންދާ ހަމަނުޖެހުންތައް ހިތަށް ނަގައިގަނެވޭނީ އެންމެ ފުރަތަމަ ޝިއައީ-ސުންނީ ތިއޮލޮޖިކަލް ތަފާތުތައް ކޮންމެވެސް މިންވަރަކަށް އޮޅުން ފިލައިގެންނެވެ. ރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިން ސައްތަ އިސްލާމީ ސުންނީ ދައުލަތެވެ. ސުންނީންނާއި ޝިއައީންނަކީ ކޮންބައެއް ހެއްޔެވެ. ދިވެހިންގެ ވަރަށް ގިނަ ރައްޔިތުންގެ ނަޒަރުގައި ދެބައި މީހުންނަކީވެސް އިސްލާމުންނެވެ. އީރާނަކީ ޝިއައީ ބާރު ހިނގާ ގައުމެކެވެ. ސައޫދީގެ ބާރު ހިންގަނީ ސުންނީންނެވެ.

ޝިއައިންނަކީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ އަހުލު ބައިތުންނަށް ލޯބި ކުރާ ކަމަށް ދައުވާކުރާ ބަޔެވެ. މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަދި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ދަރިކަބަލުން ފާތިމަތުގެ ފާނުގެ ފިރިކަލުން އަލީ ރަޟިޔަﷲ އާއި ހަމައިންނެވެ. އަލީފާނުގެ ފަހަތްޕުޅުގައި ތިބުމަށްފަހު އެކަލޭގެފާނާއި ދެކޮޅުވެރިވެ އަދި އެކަލޭގެފާނުގެ ދަރިކަލުން ހުސައިންގެފާނަށް ތާއީދުކޮށް އެކަލޭގެފާނާއި ބައިއަތު ހިފުމަށް ވައުދުވެ އެތައް ސިޓީތަކެއް ފޮނުވައި އެންމެފަހުން އެވައުދުތައް ގަބޫލުކުރެއްވި، އީރާގަށް އެކަލޭގެފާނު ވަޑައިގަތުމުން ޣަދަރުވެރިވެ އެކަލޭގެފާނަށް އެހީތެރިވުމުން ދުރުވެގަތުމުން ކަރުބަލާގައި ހުސައިންގެ ފާނާއި ލޮބުވެތި އަހުލުބައިތުންގެ އެތައް ބޭފުޅުންނެއް ޝަހީދުވެގެން ދިޔަ ހާދިސާއަކީ އިސްލާމީ ތާރީޚްގައި ހިގާފައިވާ އެންމެ އަސަރުގަދަ ހިތާމެވެރި ހާދިސާއެކެވެ.

މިހާދިސާ ހިގުމުން ހުސައިންގެ ފާނަށް ޣަދަރުވެރިވި މީހުންނަށް އެމީހުންގެ ކުށް އިހްސާސްވެ އެކަމުގެ މައްޗަށް ހިތާމަކޮށް މޭގައި ތަޅައި ބޮލާއި ގައިގެ އެތައް މިތަނުގައި ވަކި އަޅައި ގައިން ލޭއޮހުރުވަމުން ކަރުބަލާއަށް ދާމަންޒަރު މިއަދުވެސް އެދަނީ ތަކުރާރުވަމުންނެވެ. އެއީ ޝިއައީންނެވެ. އަދި މިއެއްވެސް ނޫނެވެ. އެންމެ ބޮޑު ޚިލާފަކީ އަހުލު ބައިތުން ފިޔަވައި ރަސޫލު ސައްލﷲ އަލައިހި ވަސައްލަމްގެ ބައެއް އަނބިއަނބިކަލުންނާއި ސަހާބިންނާމެދު ޝިއައީން ބުނާ ބަސްތަކެވެ. އަބޫބަކުރުގެ ފާނާއި އުމަރުގެ ފާނުފަދަ މަތިވެރި ސަހާބީން ކާފަރުކޮށް ލައުނަތްދީ އަދި ރަސޫލާގެ އަނބިއަނބިކަބަލުންގެ މައްޗަށް ވަރަށް ބޮޑެތި ދޮގު ތުހުމަތުކޮށް ބަދުނާމުކޮށް ދައްކާ ވާހަކަ އަޑުއަހަން މުސްލިމެއްގެ ހިތަށް ފަސޭހަ ވާނެތޯ އެވެ. އެތުހުމަތުތަކާއި ދެކޮޅު ހަދާ މީހުންނަކީ ސުންނީންނެވެ.

ކީރިތިގުރުއާންގައި އަހުލު ބައިތުންނާއި ގުޅޭގޮތުން ހުރި ވާހަކަތައް އުނިކޮށް ކަރޮޕްޓްކޮށްފައިވާ ކަމަށްވެސް ޝިއައީން ބޮޑު ތުހުމަތެއް ކުރެއެވެ. އުމަރު ރަޟިޔަﷲ އަންހާއާއިމެދު އޮންނަ ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ބޮޑުކަމުން އެކަލޭގެފާނު ޝަހީދުކުރި އަބޫ ލުއުލުއުލް މަޖޫސީގެ ނަންމަތީގައި މިސްކިތަކާއި މަގްބަރާއެއް ބިނާކޮށް އެ މަގުބަރާގެ ވަށައިގެން ތަވާފުކޮށް އުޅެއެވެ. އެމިސްކިތް އެހެރީ އީރާންގައެވެ. ގޫގުލްއިން ސާޗުކޮށްލުމުން ފެންނާނެއެވެ.

ދެބައިމީހުންގެ ތިއޮލޮޖިކަލް މިތަފާތު ތަކާއިހެދި އެކީގައި އެއް މިސްކިތެއްގައި ނަމާދު ނުކުރެއެވެ. ޝިއައީން ޝިއައީންގެ މިސްކިތްތަކުގައެވެ. ސުންނީން އެމީހުންގެ މިސްކިތްތަކުގަ އެވެ. މިތަފާތުތައް ނޭނގޭ މީހަކު ބުނެފާނެއެވެ. އެއްޗެހި ގޮވަނީ ޝިއައީ ވަކި ފިރުގާތަކެއްގެ ބައެކެވެ. އެކަމަކު އީރާނުގައި ވެރިކަމުގައި އެތިބީ އެ ޝިއައީންނެވެ. މިފަދަ ބަސްތައް ނުގޮވާ ބައި މަދު ޝިއައީން އުޅެނީ ޔަމަނުގަ އެވެ. ޝިއައީން މި ނުބައިބަސްތައް އާއްމުކޮށް ނުހެދުމަށް ގްރޭންޑް އިމާމް އާޔަތުﷲ ގަރާރެއް ނެރެފައިވެއެވެ. އެކަމަކު ޝިއައީ ދަންނަބޭކަލުން އެއަކަށް އިހްތިރާމެއް ނުކުރެއެވެ.

ޝިއައިންގެ ސަބަބުން މުސްލިމް އުއްމަތަށް ލިބުނު ގެއްލުން

އިސްލާމް ދީނަށް ނަސްރު ދިނުމަށް ކުރެވުނު އެއްވެސް ހަނގުރާމައެއްގައި ޝިއައީން ބައިވެރި ނުވެއެވެ. ފަލަސްތީނު މިނިވަން ކުރެވޭތޯ އަރަބިން ކުރި ހަގުރާމައިގައި ވެސް ބައިވެރި ނުވެ ތިބީ ދުރުގަ އެވެ. ތަތާރުން ބަޣްދާދު ތަޅާލައި މުސްލިމުންގެ ލޭ އޮހުރުވައިލިއިރު އެމީހުންނަށް ވާގިވެރިވީ ޝިއައީންނެވެ. އެންމެ ފަހުން ސައްދާމުގެ ވެރިކަން ވައްޓާލުމަށް އެމެރިކާ ސިފައިން އިރާގަށް އެރިއިރު އެމީހުންނަށް ހަގީގީ ބާރުދީ ވާގިވެރިވީ އީރާންކަން އިރާގުގެ އޭރުގެ ވެރިންނަށް އެނގިވަޑައިގަތްކަން އޭރު އިރާގުން އދ. އަށް ކަޑައަޅާފައިވާ މަންދޫބު ދާދިފަހުން ދުނިޔޭގެ މީޑިއާގައި ހާމަކޮށްފައިވެއެވެ.

ހިޖުރައިން އަށް ވަނަ ގަރުނުގައި އުފެދުނު މަޝްހޫރު އިލްމުވެރިއެއްކަމަށްވާ ޝައިޚްލް އިސްލާމް ނުވަތަ އިބްނި ތައިމިއްޔާ ރަހިމަހުﷲ ވިދާޅުވެފައި ވެއެވެ؛ ޝިއައީންނަކީ މަސީހިންނާއި ޔަހޫދިންނާއި މުޝްރިކުންނަށްވުރެ ވެސް ކުފުރުކަން ބޮޑު ބައެކެވެ. އެއީ އިސްލާމުންގެ ގޮތުގައި ތިބެ މުސްލިމް އުއްމަތަށް އެމީހުންގެ ފަރާތުން ލިބިފައިވާ ގެއްލުންތައް ބޮޑުކަމުންނެވެ.

މެދުއިރުމަތީގައި ހިގަމުންދާ ލޭ އޮހޮރުވުންތައް

މެދުއިރުމަތީގައި މިހާރު ހިގަމުންދާ ލޭ އޮހޮރުވުންތަކުގެ ފަހަތުގައި އޮތީ ސުންނީ ސައޫދީ އަރަބިއްޔާ ކަމަށް ހުޅަގުގެ މީޑިއާތަކުން ދޭތެރެ ދޭތެރެއިން ވަރަށް ބޮޑުކޮށްގަނަގެން އުޅެއެވެ. އެމީހުން އެހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ. މުސްލިމުންގެ ތެރޭގައި އިސްލާމީ ޝަރީއާ މި ހިފަހައްޓަނީ ސައޫދީ ނުފޫޒުގެ ސަބަބުންނެވެ. އީރާން ބާއްވާށެވެ. އިރާގުގައި އެކަމެއް ނުކުރެއެވެ.

އަޅުގަނޑާއި ބައްދަލުވި ސޫރިޔާގެ ގައުމީ ޓީވީގެ އެޑިޓަރަކު ދަތުރު ހަދަމުން ދިޔައިރު މަޝްހޫރު ބްރޭންޑްތަކުގެ ރާފުޅިތައް ޕެކްކޮށް ފޮށްޓަށްއަޅާތީ އެކަމާއި ބެހޭ ގޮތުން އޭނާއާއި ސުވާލުކޮށްލުމުން ބުންޏެވެ. ސޫރިޔާގެ ވައިންއަކީ އެމީހުންގެ ގައުމީ ބުއިމެކެވެ. ތުރުކީގެ ހާލަތު ނުދެންނެވިޔަސް އެގިވަޑައިގަންނަވާނެ އެވެ. މިސްރުގައި ވެސް ކަންއޮތީ މުޅިން ތަފާތުގޮތަކަށް ނޫނެވެ.

ކޮންމެއަކަސް އިރާގު ހަނގުރާމައަށްފަހު އެމެރިކާއިން ކުރި ކަމަކީ ސުންނީންގެ ބާރު ކަނޑުވައި ޝިއައީ ދައުލަތެއް އިރާގުގައި އުފެއްދުމެވެ. އެއާއެކު ބަދަލުހިފުމުގެ ގަދަ އޮއިވަރުގެ ތެރޭގައި ސުންނީންގެ ސިޓީތައް ހަލާކުކޮށް އެތައްހާސް ބަޔަކު މަރާލެވިފައި ވެއެވެ. މިހާރުވެސް އިރާގުގައި ހިގަނީ އެކަންތަކެވެ. ފައްލޫޖާގެ ރައްޔިތުން ބަނޑަށް ޖައްސާފައިވާގޮތް ދިވެހިންގެ ގިނަބަޔަށް ރޭކާވެސް ނުލާނެއެވެ.

އިރާގަށްފަހު ސޫރިޔާގައި އުފެދުނު ހަމަނުޖެހުންތަކުގައި މިއަދު ބޮންއަޅައި ހަލާކުކޮށްލެވުންދަނީ ސުންނީން ދިރިއުޅޭ ސިޓީތަކެވެ. ބައްޝާރުގެ ޝިއައީ ބާރުތަކާއި ދެކޮޅަށް ސުންނީ ހަގުރާމަވެރިން ހަތިޔާރު ހިފައިގެން އުޅެއެވެ. އޭގެ ގިނަ ޖަމާއަތްތައް ސިފަކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައެވެ. މުޅި ދުނިޔެއަށް އެގިގެން އީރާން ސިފައިން އެދަނީ ސޫރިޔާގައި ހަގުރާމަ ކުރަމުންނެވެ. ކޮންބަޔަކާއި ދެކޮޅަށްތޯއެވެ.

ގަލްފުގައި ޝިއައީން ވަރަށް ގިނައެވެ. ލުބުނާންގައި ޝިއައީން ބާރުގަދަކޮށްފިއެވެ. އަރަބި ބަހާރުމޫސުމާއެކު ޝިއައީން ތެދުވެ ބަހްރައިންގެ ސަރުކާރު ވައްޓާލަން ދާދި ގާތްވެފައި ވަނިކޮށް ސައޫދީ ސިފައިން ބަހުރައިންއަށް ފޮނުވައި ޝިއައީ ދެކޮޅުވެރިކަން ގަދަބާރުން ކަނޑުވައިލިއެވެ. ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން ބޭނުންކުރި އެއް މަރުކަޒަކީ ޔަމަނެވެ. އެއީ ސައޫދީއަރަބިއްޔާއަށް ވަންނަ މައި ދޮރާށްޓެވެ. ޔަމަނުގައި އެމެރިކާގެ ބިޔަ ސެޓެލައިޓްތަކުން ބަލަބަލައި ތިއްބައި ޝިއައީ ހޫތީން ސަންއާއަށްވަދެ ސުންނީ ސަރުކާރު ވަށްޓައިލިއެވެ. ހޫތީންނަކީ މާބާރުގަދަ މާގިނަ ބައެއްވެސް ނޫނެވެ. އެކަމަކު އެމީހުން ހުއްޓުވައި ލުމުގައި އެމެރިކާއަށް ކުޅަދާނަވިކަމަކަށް ނުވިއެވެ. ޝިއައީންގެ މި އުތުރި އަރައިގަތުމުގެ ތެރޭގައި ސައޫދީ އަބިއްޔާގެ އިރުމަތީ ބިތުގައިވެސް ވަރަށް ބޮޑަށް ގަޑުބަޑު ހިންގިއެވެ. އެކަމުގެ އެންމެ އަޑީގައި ހުރި ނިމްރު އަލް ނިމްރު އާއި އެތައްބަޔަކު ހައްޔަރުކުރެވި އެމީހުންގެ މައްޗަށް ސައޫދީ ކޯޓުން މަރުގެ ހުކުމް އިއްވުމުން އެކަން ސައޫދީގައި ތަންފީޒުކުރެވުނެވެ.

ނިމްރު މަރާލުމުން ޝިއައީން ރުޅިއަރައިގެނެގެން އީރާންގައިހުރި ސައޫދީ އެމްބަސީގައި އަލިފާން ޖަހައި ރޯކޮށްލިއިރު އީރާނުގެ ސަލާމަތީ ބާރުތަކުން އެކަމާ އަޅާނުލި އެވެ. ސައޫދީގެ ޑިޕްލޮމެޓިކް އިދާރާ އަންދައިލައި އީރާނުން ދިން މެސެޖަށް ސައޫދީން ދިނީ ވަރަށް ހަރުކަށި ރައްދެކެވެ. އީރާނާއެކު އޮތް ޑިޕްލޮމެޓިކް ހުރައި ގުޅުންތަކެއް ކަނޑާލުމެވެ. ސައޫދީގެ އާޖީލުގެ ލީޑަރުންނަށް ވިސްނިވަޑައިގަތީ ޝިއައީ ބާރުތައް ހުރިހައި ފަރާތަކުން އައިސް ސައޫދީ ވަށާލަމުންދާތަނެވެ. ހުޅަނގުގެ ހިމާޔަތް ނުލިބޭނެކަންވެސް ގަބޫލު ކުރެވެން ފަށައިފިއެވެ.

އެއީ އެމެރިކާއާއި އީރާނާ ދެމެދު ގުޅުން ބަދަހިކުރާތަން ފެންނަން ފެށުމުންނެވެ. ސައޫދީ އިސްވެ އޮވެ ސުންނީ ގައުމުތަކުގެ ލަޝްކަރެއް އެކުލަވައިލީ ޝިއައީން ބާރުގަދަ ކުރަމުންދާ ދިޔުމާއި ކުރިމަތިލެވިދާނެކަން ދެއްކުމަށެވެ. ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ސުންނީ ވެރިކަން އަލުން ރުޖޫއަކުރެވޭތޯ ސައޫދީން ދަނީ މަސައްކަތް ކުރަމުނެވެ. އީރާންގެ އާޔަތުﷲ އިން ސިފަކުރަނީ އެމެރިކާއަކީ ބޮޑު ޝައިތާންގެ ގޮތުގައެވެ. މިއަދު އެޝައިތާންކަން ކެނޑި އީރާންގެ މިސައިލްތަކުން ވެސް އެ ނިޝާންދަނީ ފޮހެމުންނެވެ. ހުޅަނގުގެ ޑިޕްލޮމެޓުން ތެހެރާނަށް ދަތުރުކޮށް އީރާނާއިދަނީ ގާތްވަމުންނެވެ. އެންމެ ހައިރާންވާކަމަކީ އައިއެސްފަދަ ވަރުގަދަ ޓެރަރިސްޓް ޖަމާއަތްތަކުން ސައޫދީއަށް ހަމަލާދީ، ތުރުކީއަށް ހަމަލާދީ ސޫރިޔާއާއި އިރާގުގެ ވަރަށް ބޮޑު ބައެއް ހިފައިގެން އޮތް އިރު އީރާނުގައި ހަމަ އެންމެ ބޮމެއްވެސް ގޮއްވާ ނުލާކަމެކެވެ. އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ބުނާގޮތުގައި ރަޝިޔާއިން ބޮންއަޅާއިރު އައިއެސްގެ އަމާޒުތަކަށްވުރެ ބައްޝާރުލް އަސަދާއި ދެކޮޅަށް ހަގުރާމަކުރާ ސުންނީ ޖަމާއަތްތަކުގެ އަމާޒުތަކަށް މާގިނައިން ހަމަލާދެއެވެ.

ދިވެހި ސަރުކާރުގެ ނިންމުމަށް ފާޑުކިޔަން އުދަގޫވަނީ ކީއްވެ؟

ކޮންމެއަކަސް މެދުއިރުމަތީގެ ހަމަނުޖެހުންތައް ވަރަށް އޮޅުން ބޮޅުމެވެ. ސައޫދީއާއި އެކުވެރި އަވަށްޓެރި ސުންނީ ގައުމުތަކުންދަނީ އީރާނާއި ޑިޕްލޮމެޓިކް ގުޅުން ކަޑާލަމުންނެވެ. އަނެއްބައި ގައުމުތައް ޑިޕްލޮމެޓުން އެގައުމުތަކަށް އަނބުރައި ގެންގޮސް ގުޅުންތައް ވަރަށް ދަށްކޮށްފައިވެއެވެ. އެއީ ޝިއައީ ކޮމިއުނިޓީ ބޮޑު ގައުމުތަކެވެ. އެގައުމުތަކުން ތުހުމަތުކުރަނީ އީރާނުން އަޑީގައި އޮވެގެން އެގައުމުތަކުގެ އެތެރޭގައި ގަޑުބަޑު އުފައްދައި، މަސްލަހަތު ނަގާލަން އުޅެނީކަމަށެވެ. ރާއްޖެއަކީ ކުރިންވެސް ދެންނެވި ފަދައިން މުޅިން ސުންނީ ތިއޮލޮޖީއަށް ލޯބިކުރާ ބައަކު އުޅޭތަނެކެވެ. އެހެންވީމާ މިއަދު ޝިއައީ ސަރުކާރުތަކުން އެގައުމުތަކުގައި ތިބި ސުންނީން މުސްލިމުންނާއި ދެކޮޅަށް ހިންގާ ބަދަލު ހިފުމުގެ ޖަރީމާތަކާއި ޝިއައިޒަމް ފުޅާކުރުމުގެ ހަގުރާމައިގެތެރޭގައި ރައީސް އަބްދުﷲ ޔާމީން އީރާނާއި ގުޅުންކަޑާލަން ނިންމެވުމުން އެކަމާއި ދެކޮޅު ހަދައި ފާޑުކިޔަން ތަންކޮޅެއް އުނދަގުލެވެ. އީރާނަށްވުރެ ހުރިހައި ގޮތަކުންވެސް ދިވެހި ދައުލަތާއި ސައޫދީއާއި ދެމެދު އޮތް މަސްލަހަތު ދިވެހިންނަށް މާ ބޮޑެވެ. މާ މުހިއްމެވެ. ރާއްޖޭގައި ތިބި ޝިއައީ ސުންނީ ތާރީޚް ރަނގަޅަށް ދެނެވަޑައިގަންނަވާ ވަރަށް ގިނަ އާލިމުން ދިވެހި ސަރުކާރުގެ ނިންމުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެއެވެ.