ހއ. ހޯރަފުށި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

May 23, 2016

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް މިއަދު މެންދުރު ހޯރަފުށީގައި ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ހޯރަފުށީ ގޮނޑުދޮށް ހިމާޔަޔް ކުރުން

  • ކޮންޓްރެކްޓްގެ ބާވަތް: ޑިޒައިން އެންޑް ބިލްޑް
  • ކޮންޓްރެކްޓަރ: އެމް.ޓީ.ސީ.ސީ
  • މުއްދަތު: 180 ދުވަސް
  • ކޮންޓްރެކްޓްގެ އަގު: 19.1 މިލިޔަން ރުފިޔާ
  • ކޮންޓްރެކްޓްގައި ސޮއިކުރެވުނު ތާރީޚް: އޮގަސްޓް 2015
  • (އީ.އައި.އޭ މަރުހަލާ ނިމި) މަސައްކަތް ފެށުނު ތާރީޚް: 15 އޭޕްރިލް 2016
  • މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 10 ނޮވެމްބަރ 2016

މި މަޝްރޫއުގައި ހޯރަފުށީގެ ގިރާ ސަރަޙައްދުގައި 800 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ގާއިމްކޮށް އިރު އުތުރުފަރާތުގައި 570 މީޓަރު އަދި އިރު ދެކުނު ފަރާތުގައި 230 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހާނެ އެވެ.

ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށް މިއަހަރު މިހާތަނަށް ދެ މަޝްރޫޢެއްގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވެއެވެ. އެއީ ހއ. ދިއްދޫ އާއި ނ. ވެލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމު މަސައްކަތެވެ.

މިދިއަ އަހަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ 10 މަޝްރޫޢެއްގައި ސޮއި ކުރި އެވެ. އެއީ ތ. ވޭމަންޑޫ އާއި ތ. ކަނޑޫދޫ، ޅ. ކުރެންދޫ އާއި ހއ. ހޯރަފުއްޓާއި އއ. އުކުޅަހާއި ދ.މާއެނބޫދޫ އާއި ހދ. ކުޅުދުއްފުއްޓާއި ށ. ބިލެއްފައްސާއި ބ. ތުޅާދޫ އަދި ގދ. ތިނަދޫ (ބަރާސީލު ސަރަޙައްދު) ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. އަދި 2014 ވަނަ އަހަރު ސޮއި ކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ވިލިމާލެ އާއި، މ.ނާލާފުއްޓާއި ގދ. ފަރެސްމާތޮޑާ އާއި ކ. މާފުއްޓާއި އަދި ގދ. ތިނަދޫ ގެ މަޝްރޫޢުތައް ހިމެނެއެވެ.

ނިމިފައިވާ މާޝްރޫޢުތަކުގެ ތެރޭގައި ރ. މަޑުއްވަރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ގދ. ތިނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ގދ. ފަރެސްމާތޮޑާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫެވެ.

މިމަޝްރޫޢުތަކުން ޖުމްލަ 3.4 ކިލޯމީޓަރުގެ ގޮނޑުދޮށް ވަނީ ޙިމާޔަތްކުރެވިފައެވެ. އަދި މިމަޝްރޫޢުތަކަށް 139 މިލިޔަން ރުފިޔާ ހަރަދުވެފައިވެއެވެ.

މިއަހަރު އަލަށް ފެށި ދެ މަޝްރޫ އާއި 2014 އަދި 2015 ވަނަ އަހަރު ފަށައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ނުނިމި ހުރި މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް އެންވަޔަރަންމެންޓް މިނިސްްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ މިމަޝްރޫޢުތަކުން ޖުމްލަ 7.6 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ ކަމަށާއި މިމަޝްރޫޢުތަކަށް ޖުމްލަ 221 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ.

މި އަހަރު ފަށާ މަޝްރޫޢުތަކުގެ ތެރެއިން ގދ. ގައްދޫގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރާނެ އެވެ. މިމަޝްރޫޢަށް ހަތް ފަރާތަކުން ވަނީ ބިޑް ހުށަހަޅާފައެވެ.