މަރު

ޑެންގީ ހުމުގައި އަނެއްކާވެސް މީހަކު މަރުވެއްޖެ

May 23, 2016
1

ޑެންގީ ހުމަށް ފަރުވޭ ދެމުން ދިޔަ އަންހެނަކު މަރުވެއްޖެ އެވެ. ޑެންގީ ހުން ޖެހިގެން މަރުވީ އުމުރުން 61 އަހަރުގެ އަންހެނެކެވެ. އަވަސް އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުންދިޔަ އަންހެނަކު ރޭ 8:30 ހާއިރު މަރުވެފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަރަށް ސީރިއަސް ކަމަށެވެ.

" އެމީހާ ހޮސްޕިޓަލަށް ގެނައިރުވެސް ވަރަށް ކްރިޓިކަލް. އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ހޮސްޕިޓަލަށް ގެނަތާ 24 ގަޑިއިރުވެސް ނުވަނީސް" ޒީނަތު ވިދާޅުވި އެވެ. އެއީ ކޮން ރަށެއްގެ ކާކު ކަމެއް ވިދާޅެއް ނުވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިދުވަސްކޮޅު ދަނީ ޑެންގީ ފެތުރެމުންދާއިރު އަދި ޑެންގީ ހުން ޖެހިގެން ރޭ އުމުރުން ދުވަސްވީ މީހަކު މަރުވި އިރު މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން ޑެންގީ ހުން ޖެހިގެން ހަތް މަހުގެ ތުއްތު ކުއްޖަކާއި ގދ. ފަރެސްމާތޮޑާ އަންހެނަކުވެސް މަރުވެފަ އެވެ.

މިދުވަސްވަރު ޑެންގީ ހުން ފެތުރެމުންދާއިރު މިއަހަރު މިހާތަނަށް އެ ހުން ޖެހިގެން 542 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. ޑެންގީ ހުން ޖެހިގެން މިއަހަރު 542 ކޭސް ރިޕޯޓު ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެއިން 179 ކޭސްއާއި އަތޮޅުތަކު ތެރެއިން ރިޕޯޓް ކުރި 363 ކޭސް އެވެ.

ޑެންގީ ހުމަށް ހޭލުންތެރިކުރަން ރާއްޖޭގައި އެއް މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ވަނީ މީގެ ދެ ދުވަސް ކުރިން ސޮއިކޮށްފަ އެވެ.