ވެލެންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް ވެސް އަންނަނީ އެވެ. "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ގެ ޝޯތައް ވެސް އަންނަނީ އެވެ.
ސިނަމާގެ ތާރީޚުގައި އުފެއްދި އެންމެ "ކާފަރު" ފިލްމުގެ ގޮތުގައި މަޝްހޫރުވެފައިވާ "ފިފްޓީ ޝޭޑްސްއޮފް ގްރޭއި" ގެ ޝޯތައް ދައްކަން ޝްވެކް ސިނަމާ ތައްޔާރުވަމުން އަންނާތީ އެކަމާ ކަންބޮޑުވާ ހަމަ އެންމެ ފަރުދަކު ވެސް ނެތީ ހެއްޔެވެ؟
އެންމެފަހުން ވެސް "ޕީކޭ" އޭ ކިޔުނު ފިލްމަކުން އެހެން ދީންތަކާ އެކު އިސްލާމް ދީނަށް ވެސް ފުރައްސާރަކުރީއޭ ބުނީމަ، އަޅުގަނޑުހާ ގަމާރު، ނުބައި ނުލަފާ މީހަކު މި ރާއްޖެއަކު ނެތެވެ.
ކޮންމެއަކަސް އަޅުގަނޑަށް ޔަގީންކޮށް ބުނަން އެނގެނީ "ފިފްޓީ ޝޭޑްސް" ބަލައިގެން އޭގެ ފޯރި ނަގަން ކެތްމަދުވެފައި ތިބި ލޯބިވެރިން މި ތަނުގައި ވަރަށް ވެސް ގިނަ ކަމެވެ. ޝްވެކް ސިނަމާ އިން ވެސް މި ފިލްމުގެ ޝޯތަކެއް ދެއްކުމަށް ޝައުގުވެރިވެފައި އޮތީ ދިވެހިންގެ މެދުގައި މި ފިލްމަށް އޮތް ޑިމާންޑް ބޮޑުވީމަ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް ނެޝެނަލް ކްލެސިފިކޭޝަން އޮފް ބިއުރޯގެ ފެހި ސިގްނަލެއް "ފިފްޓީ ޝޭޑްސް" އަކަށް އަދި ނުލިބެ އެވެ. އިސްލާމީ ގައުމެއްގައި ދެއްކުމަށް އެކަށީގެންވާ ފިލްމެއްތޯ ބެލުމުގެ ސުވާލު މި ފިލްމާ މެދު އުފެދިފައިވާއިރު އެކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.
ކްލެސިފިކޭޝަނުން ހޮނިހިރު ދުވަހު މި ފިލްމު ބަލާނެ އެވެ. ފިލްމުގެ ޝޯތައް ކުރިއަށް ގެންދާ ނަމަ އެކަމަށް ފެހި ސިގްނަލް ދޭނީ އެއަށް ފަހު އެވެ.
ކޮންމެއަކަސް "ފިފްޓީ ޝޭޑްސް" ގެ ވާހަކަ އާއި އޭގެ ފިލްމުގެ ވާހަކަތަކަށް ބަލާއިރު އަޑު އިވެނީ މި ފިލްމަކީ "އޮރިޔާން މަންޒަރުތައް ގިނަ" ނުވަތަ "ޖިންސީ ގުޅުމުގެ އެންމެ އެކްސްޓްރީމް" މަންޒަރުތައް ގިނަ ފިލްމެއް ކަމަށެވެ. މެލޭޝިއާގެ ސެންސަރު ބޯޑުން މި ފިލްމު ކްލެސިފައިކުރާނެ ގޮތެއް ނޭނގިގެން ބުނެފައި ވަނީ މިއީ އާންމުން ބަލަން ކަމުދާ ފިލްމަކަށް ވުރެ ބޮޑަށް "ޕޯނޯގްރެފީ" އަށް ހިތްވަރު ދޭ ނުވަތަ އެފަދަ މަންޒަރުތަކުން ފޯކޮށްފައި އޮތް ފިލްމެއް ކަމަށެވެ.
މި ސަބަބާ ހެދި މެލޭޝިއާގައި މި ފިލްމުގެ ޝޯތައް ވަނީ މިހާރު މަނާވެފަ އެވެ. އެހެންވީމަ މެލޭޝިއާ ފަހަތުން ރާއްޖޭގައި ވެސް މި ފިލްމު މަނާކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެ އެވެ.
ސަބަބަކީ މި ފިލްމު 18 އަހަރުން މައްޗަށް ކްލެސިފައިކޮށް، އޭގައި ހިމެނޭ "އޮރިޔާން" މަންޒަރުތައް ކަނޑާލައިގެން ވެސް ހަމަޖައްސާލެވެން ނެތީމަ އެވެ. "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ފިފްޓީ ޝޭޑްސް އޮފް ގްރޭއިއަކަށް ވަނީ އޭގައި ތަމްސީލުކޮށްދީފައިވާ ތަފާތު އެތައް ވައްތަރެއްގެ ޖިންސީ އަރާމުގެ ވާހަކައިންނެވެ.
އެހެންވީމަ، ފިލްމުން މަންޒަރުތަކެއް ކަނޑާލައިގެން މި ފިލްމު ދައްކާ ނަމަ "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ބެލުނު ކަމުގެ އިހްސާސެއް ވެސް ބެލުންތެރިންނަކަށް ނުވާނެ އެވެ.
ކޮންމެއަކަސް މި ފިލްމުގެ ވާހަކައާ އެކު ރާއްޖޭގައި ފިލްމުތައް ސެންސަރުކުރާ ގޮތުގެ ވާހަކަ ދެކެވިގެންދާއިރު މިފަހުން ވެސް މަޝްހޫރު ފިލްމުތަކެއް މަނާކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން "ނޯއާ" އާއި "އޮކްސޮޑަސް" އަދި "ސަން އޮފް ގޯޑް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
މި ފިލްމުތައް މަނާކުރީ ދިވެހިންގެ ދީނީ އަގީދާގެ މިންގަނޑަށް ނުފެތޭތީ އާއި ރަސޫލު ބޭކަލުންނަށް ފުރައްސާރަ އަމާޒުވާ ފަދަ ފިލްމުތަކަކަށްވީތީ ގަވާއިދުގައި ބުނާ ގޮތުންނެވެ. "އޮރިޔާން މަންޒަރުތައް" ގިނަވެގެން ދިވެހިންގެ މުޖުތަމަ އަށް ކޮށްފާނެ އަސަރުތަކަކަށް ބަލައިގެން މި ފެންވަރުގެ މަޝްހޫރު ފިލްމުތަކެއް މަނާކޮށްފައިވާކަން އެނގޭކަށް ނެތެވެ.
ނަމަވެސް ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ބުނަނީ އާންމުންނަށް ނޭނގުނަސް އެފަދަ ވަރަށް ގިނަ ފިލްމުތައް ވެސް މަނާކޮށްފައިވާނެ އެވެ. އަދި ފިލްމުގެ އިތުރުން ފޮތާއި ޅެމާއި ކޭބަލް ޓީވީ މެދުވެރިކޮށް ދިވެހިންނާ ހަމަ އަށް އަންނަ، އާންމު މިންގަނޑާއި ދިވެހިންގެ އަގީދާއާ ނުގުޅޭ ކޮންކެންޓް ވެސް މަނާކޮށް ކޮންޓްރޯލްކުރާ ކަމަށެވެ.
މިއީ ދެން ޖޯކެއް ނޫންތޯ އެވެ. އެގޮތަށް ކޮންޓްރޯލްކުރާ ނަމަ މި އޮތް ސްޓާ ޕްލަސްއޭ ކިޔުނު ޗެނަލަކާ ހެދި ދިވެހި މުޖުތަމައު ހަލާކުވެގެންދާނެ ހެއްޔެވެ؟
ނަމަވެސް ސެންސަރު ބޯޑުން އަޅާ ފިޔަވަޅުތައް ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ޝްވެކް ސިނަމާގައި މިހާރު ދައްކަމުން އަންނަ އިނގިރޭސި ފިލްމު "ދަ ބޯއި ނެކްސްޓް ޑޯ" އިން ވެސް "އާންމު މިންގަނޑަށް ނުފެތޭ" މަންޒަރުތަކެއް ވަނީ ކަނޑައިފަ އެވެ.
އެހެންވީމަ ކްލެސިފިކޭޝަން ބިއުރޯ އިން "ފިފްޓީ ޝޭޑްސް" އަށް ދޭ ޓްރީޓްމަންޓަކީ ކޮބައިތޯ ބަލަން ތިބެމާ ހިނގާށެވެ. ފިލްމުގެ ޝޯތަކަށް ޝްވެކް ސިނަމާ އިން ދަނީ މިހާރު ވެސް ބެލުންތެރިން "ޓީޒްކުރަމުން" ނެވެ.