އެސްޓީއޯ

ފޮނަދޫ އެކްސްޕެންޝަން މިއަހަރު ނިމޭނެ: ޝަހީރު

އެސްޓީއޯގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އިންފްރާސްޓްރަކްޗާ އިތުރު ކުރަން ކުރާ މަސައްކަތުގެ ފުނަދޫ އެކްސްޕެންޝަންގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ނިމޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެކުންފުނިން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ނިމޭއިރު އެކްސްޕެންޝަނުގައި 41،000 ފޫޓު ހުންނާނެ އެވެ.

މަސައްކަތް ނިމުމުގެ ކުރިން މިހާރު ގެންގުޅޭ ފިޔުލް ޓޭންކަރުގެ ބަދަލުގައި އެންމެ ކުޑަވެގެން 26،000 ޓަނު ލޯޑު ކުރެވޭ ޓޭންކެއް ގެންނާނެ ކަމަށާއި ރީޖަނަލް އޮއިލް ސްޓޯރޭޖް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސްޓޯރޭޖް ހަދަން ބޭނުންވާ ބިން ހޯދާފައިވާ ކަމަށެވެ.

"މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ އުތުރު ނުވަތަ ދެކުނުގައި ކޮންމެސް އެއް ސަރަހައްދެއްގައި އޮއިލް ސްޓޯރޭޖް ހަދާ ނިމޭނެ." ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރެޑީ މިކްސް ކޮމްޕްލީޓްގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކޮންސްޓްރަކްޝަންގެ ސޯސިންނާއި އަގުތައް ރަނގަޅުކުރަން މިއަހަރު މަސައްކަތް ފަށާފައިވާނެ ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ސޯސިން ރަނގަޅު ކުރެވި ޕްރޮޑަކްޓްތައް އަގުހެޔޮ ކުރެވިފައި. ޕްރޮޑަކްޓްތައް އަގުހެޔޮ ކުރުމާއެކު މަސީ ކަހަލަ ތަންތަނުން ވަނ އެކަން ފާހަގަ ކޮށްފައި ޝަހީރު ވިދާޅުވި އެވެ. ތެލުގެ ލޮޖިސްޓިކް ސަޕްލައިސް އެސްޓީއޯ އިން ކުރިއަށް ގެންދަނީ ފިޔުލް ސަޕްލައިސް އާ ގުޅިގެން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކަށް މުދާ ފޯރުކޮށްދޭން ތިން ދޯންޏާއި ބާޖަކާއި ޓަގެއް ސާވިސް އަށް ނެރެފައިވާނެ ކަމަށާއި ބޭނުންވާ ކެރޭނާއި ލޮރީވެސް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށެވެ. މާލޭގައި ހަދަން ނިންމާފައިވާ ގޯޑައުންގެ މަސައްކަތްވެސް ތިން މަސް ދުވަހުގެ ތެރޭގައި ފަށާ އަންނަ އަހަރުގެ ފުރަތަމަ ކްއާޓާއަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އިސްލާމިކް އިންޝުއަރެންސާ ގުޅިގެން ސަބްސިޑިއަރީ ކުންފުންޏެއް ހެދުމުގެ މަސައްކަތް އެލައިޑާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި ތިން މަހެއްހާ ދުވަސްތެރޭ މި ކުންފުނި ވުޖޫދަށް އަންނާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.