ރިޕޯޓް

ސީރިއާގެ ޖަލެއްގައި 10 އަހަރު: ސަލާމަތްވިޔަސް ރާއްޖެ ނާދެވި މަރުވީ!

  • ޖަލުގައި ބަންދުވީ ޑްރަގް ޓްރެފިކް ކުރިކަން ފަޅާއަރައިގެން
  • މިނިވަން ވުމަށް ފަހު ސީރިޔާގައި އުޅުނީ ރަށްޓެއްސަކާ އެކު
  • ޖަލުގައި އާއިލާއާ އެއްފަހަރު ބައްދަލުވި

އޭނާގެ ނަމަކީ އިބްރާހިމް އަބްދުލް ރަހްމާން އެވެ. އުފަން ރަށަކީ ޅ. ހިންނަވަރެވެ. ދިރިއުޅުމަށް ކުރި މަސައްކަތަކީ ބޯޓު ދަތުރުކުރުމެވެ. މީހުންނާ ގުޅޭ ހިތް ހެޔޮ އަދި މަޖާ މީހެކެވެ. އާއިލާ އާ ރަހުމަތްތެރިން އިންތިހާއަށް ލޯބިވި މީހެކެވެ. ފަސް ކުދިންގެ ބައްޕަ އެކެވެ. އިންތިހާއަށް ލޯބިވާ އަންބެއް އެބަހުއްޓެވެ. އަބްދުލް ރަހްމާނަކީ ރަށުގައި، ރަނގަޅު މީހެއްގެ ގޮތުގައި ލޭބަލް ވެސް ކުރެވުނު މީހެކެވެ.

އެހެން ނަމަވެސް އިބްރާހިމް އޭނާގެ ވަޒީފާގައި ދުނިޔޭގެ އެތައް މަންޒިލަކަށް ދަތުރު ކުރަމުން ދިޔައީ ވަފާތެރި ފިރިއެއްގެ ތާޖު ބޮލުގައި އަޅުވައިގެންނެވެ. އެކި ގައުމުތަކަށް ބަނދަރުކޮށް ވިޔަފާރީގެ މުއާމަލާތް ކުރުމުގައި ދިޔަ ދުވަސްތައް މާޒީވީ ސީރިޔާއަށް ކުރި ދަތުރުގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރީގައި ހައްޔަރުވެ ބަނދެވުނު ހިސާބުންނެވެ. ސީރިޔާއަށް ކުރި އެ ދަތުރަކީ އޭނާގެ ދިރިއުޅުމުގައި ކުރި އެންމެ ފަހު ދަތުރެވެ. އެދުވަހާ ހަމައަށް އާއިލާއަށް ސިއްރުވެފައި އޮތް ކަންތައް ވެސް ފަޅާއަރައި ލަދުވެތިކަމުން ވަށާލީ އެވެ.

"ބައްޕަ ހައްޔަރު ކުރުމާ ހަމައަށް ނޭނގެ އެކަންތައް (މަސްތުވާ ތަކެތި ޑީލް ކުރުން) ކުރާ ކަމެއް. އެއް ދުވަހަކު އައީ ފޯން ކޯލެއް މަންމަ އަށް، އެ ފޯނު ކޯލުން އެނގުނީ ބައްޕަ ހައްޔަރުކޮށްގެން އުޅޭ ކަމާ ހައްޔަރުކުރި ސަބަބު،" އިބްރާހިމްގެ ދަރިފުޅަކު އަވަސް އާ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.

އެދުވަހުން ފެށިގެން އޭނާގެ އާއިލާ މަސައްކަތް ކުރަމުން ދިޔައީ އިބްރާހިމް މާލެ ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ހުކުމް އިއްވާ ހުކުމް ތަންފީޒު ވުމަށްފަހުވެސް އިބްރާހީމަށް ރާއްޖެ ނާދެވުނީ ސީރިޔާއިން އެދެވޭ ރެސްޕޮންސެއް މިކަމަށް ނުދިނުމުން ކަމަށް އާއިލާ އިން ބުނެ އެވެ. ސީރިޔާގާއި މަސްތުވާތަކެތި ޑީލް ކުރުމުގެ ކުށް އިބްރާހިމްގެ މައްޗަށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އިބްރާހިމް ވަނީ އެ ޖަލު ހުކުމް ތަންފީޒުކޮށް އަދި އިތުރު ދެ އަހަރުވަނީ ސީރިޔާގައި މަޑުކޮށްފަ އެވެ. ރާއްޖެ އައުމަށް މަސައްކަތް ކުރަމުން ދަނިކޮށް އިބްރާހިމް މަރުވީ މިދިޔަ ހަފުތާގަ އެވެ. ޖަލުން މިނިވަން ވުމަށްފަހު އިބްރާހިމް އުޅެމުން ދިޔައީ ސީރިޔާއިން ލިބުނު އެގައުމުގެ ރަހުމަތްތެރިއެއްގެ ގާތުގަ އެވެ.

"އެންމެ ފުރަތަމަ ބައްޕަ ބަންދުކުރި އިރު އެއީ މަައުމޫންގެ ވެރިކަން. އޭރުގެ ސަރުކާރަށް ވަރަށް ރިކުއެސްޓު ކުރިން ރާއްޖެ ޖަލަށް ބަދަލުކުރަން. އެ ސަރުކާރުން ބުނީ ރާއްޖެ އާ ސީރިޔާ އާ ދެމެދު މުޖުރިމުން ބަދަލުކުރާ ނިޒާމެއް ގާއިމްވެފައި ނެތީމަ ރާއްޖެ ޖަލަށް ބަދަލުނުކުރެވޭނެ ކަމަށް. އޭގެ ފަހުންވެސް ވަރަށް މަސައްކަތް ކުރިން، އެންމެ ފަހު ވަގުތާ ހަަމައަށްވެސް ވަރަށް ގިނަ މަސައްކަތް ކުރިން ރާއްޖެ ގެނެވޭތޯ، އެކަމަކު ސީރިޔާގެ ހާލަތު އޮތް ހިސާބުން ކަންނޭނގެ ނުގެނެވުނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދަރިފުޅު ބުންޏެވެ.

"އެކަމަކު ބައްޕަ އަބަދުވެސް ބުނާނެ އެހާ އަވަސް އަރުވާލައިގެން ނޫޅޭށޭ، ހަމަ ޖެހިގެން ބައްޕަ ގެންނަން މަސައްކަތް ކުރާށޭ. އޭގެފަހުންވެސް މިޒާޖަށްވެސް މާބޮޑު ބަދަލެއް ނާދޭ. އެކަމަކު މަޑުމައިތިރި ކަމެއް ފާހަގަ ކުރެވުނު."

ކުރިންވެސް ބުނިހެން ސީރިޔާގެ އެޖަވާބުން އިބްރާހިމްގެ އާއިލާއިން މަސައްކަތް ހުއްޓާލީއެއް ނޫނެވެ. އޭގެ ފަހުން އައި ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ވަނީ އިބްރާހިމް ރާއްޖެ ގެނައުމަށް އާއިލާއިން މަސައްކަތް ކޮށްފަ އެވެ. އޭރު ކުރި މަސައްކަތްތަކުން އިބްރާހިމްގެ ފޮޓޯ އެއް ލިބުނެވެ. އެއީ އެތައް އަހަރަކަށްފަހު އިބްރާހީމްގެ ފޮޓޯއެއް އާއިލާއެއް ލިބުނު ފަހަރެވެ. މި ސަރުކާރު އައި ފަހުންވެސް އިބްރާހިމްގެ އާއިލާއިން ވަނީ އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. ރެޑް ކްރެސެންޓާއި ގުޅިގެން ކުރި މަސައްކަތުން އިބްރާހިމް އާ ފޯނުން ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ވަނީ ލިބިފަ އެވެ.

"ކުރިންވެސް ބައްޕަ ގުޅާލާނެ ދޭތެރެއަކުން، އަޅުގަނޑުމެންނަކަށް ނުއެއް ގުޅޭ،" އިބްރާހިމްގެ ހިތްވަރުގަދަ އެ ދަރިފުޅު ބުންޏެވެ.

މެދުމިނުގެ އާއިލާއެއްގެ ގޮތުގައި ފުދިގެން އުޅުނު އެ އާއިލާއަށް، އިބްރާހިމް ހައްޔަރުކޮށް ބޭރު ގައުމެއްގައި ޖަލު ހުކުމެއް ތަންފީޒުކުރުން ވެގެންދިޔައީ ލިބުނު ހިތްދަތި ކަމެކޭ އެއްގޮތަށް މާލީ ގޮތުންވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށެވެ. މާލީ ހާލަތު ބޮއްސުން ލައިގެން ދާން ފެށުމުން އެކަމުގެ ޒިންމާ ނަގާ ބައްޕައެއްގެ ރޯލު އެންމެފަހުން އަދާކުރަން ފެށީ އޭނާގެ ދޮށީ އަންހެން ދަރި އެވެ.

އޭރު އުމުރުން 20 ވަރަކަށް އަހަރުވެފައިވާ އަންހެން ދަރިފުޅެވެ. އެ ކުއްޖާއަށް ލިބޭ އާމްދަނީން ގޭތެރޭގެ ހަރަދުތައް އެންމެ އެކަށީގެންވާ ވަރަށް ކުރެވެމުން ނުދާތީ ދައްތައަށް އެހީވާން ތެދުވީ ދޮށީ ފިރިހެން ދަރިފުޅެވެ. ދެ ކުދިންގެ ހިތްވަރާއި މަސައްކަތުން މިއަދު ވަނީ ހުރިހާ ކުދިންނަށް ކިޔަވައިދީފަ އެވެ. ދެ އަންހެން ކުދިން ފިޔަވައި ދެން ތިބި ހުރިހާ ކުދިން ވަޒީފާއަށް ގޮސްގެން މިއަދު އެއީ އުޅޭވޭ ފެންވަރުގެ ތަނަވަސް އާއިލާ އެކެވެ. މަދުވަނީ އެންމެ މެމްބަރެކެވެ. އެއީ އިބްރާހީމެވެ.