- ލައިފްސްޓައިލަށް އިންގިލާބެއް ގެނެވިދާނެ ހިދުމަތެއް
- ހީކުރާ ވަރަށް ވުރެ ރައްކާތެރި ހިދުމަތެއް
- ފާޑުކިޔާ މީހުންގެ ނިޔަތަށްވުރެ މި ޓީމުގެ އަޒުމް ވަރުގަދަ
މި ވާހަކައެއް ފެށުމުގެ ކުރިން، މިއަދު އޮފީހަށް އަންނަން ޓެކްސީއެއްގެ އިންތިޒާރުގައި ކިހާ ވަގުތެއް ހޭދަކުރަން ޖެހުނުތޯ އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ. ޓެކްސީއެއް ލިބުނީ ކިތައް ތަނަށް ކިތައް ފަހަރު ގުޅައިގެން ކިހައި ވަގުތަކާއި ކިހައި ލާރިއެއް ފޯނުން ހޭދަކޮށްލައިގެންތޯ ބަލައިލަމާ ހިނގާށެވެ.
އެއްގޮތަކީ މިއީ އެވެ. ހަމަ ގުޅާލާ އިރަށް ނަމްބަރެއް ލިބުނީ އެވެ. އަނެއްގޮތަކީ، ގުޅައިގެން އިންނަތާ އެތައް އިރެއް ފަހުން ނަމްބަރެއް ލިބުނީ އެވެ. ނުވަތަ ގޭގެ ދޮރާށި ކުރިމަތިން ހުރަސްކުރި ކާރެއްގެ އެންމެ ފަހު ޖާގަ ކަށަވަރުވީ އެވެ.
"އެންމެ ރަނގަޅުތަ އެ ކުއްޖާ އެރުވިޔަސް؟،" ޓެކްސީއެއް ނުލިބިގެން މާޔޫސްވެފައި ހުރި އަންހެން ކުއްޖަކު ދައްކާލާފައި ކާރުގެ ޑްރައިވަރަކު އަހާލި އެވެ.
އެ ކާރުގެ ފަހަތު ސީޓުގައި އޭރު ވެސް ދެ އަންހެން ކުދިން ތިއްބެ އެވެ. އެންމެ ފަހުން މަޑުކޮށް، ޓްރެފިކް ވެސް ޖެހި، މީހުންތަކެއް ރުޅިގަދަވުމަށް ފަހު ތިން ވަނަ ކުއްޖަކު ވެސް ކާރަަށް އަރުވައިގެން އެ ޓެކްސީ ޑްރައިވަރު މަޑު ދުވެއްޔެއްގައި ނައްޓާލީ އެވެ.
ފަހަރެއްގައި މި ވާހަކައެއް ކިޔައި ނިމޭއިރު އަދިވެސް އެ ޓެކްސީއެއްގައި ދިޔަ ތިން ކުދިންނަށް އެމީހުންގެ އޮފީސްތަކަށް ނުދެވިދާނެ އެވެ.
ކޮންމެއަކަސް ކުރުގޮތަކަށް މިކިޔައިލަދެވުނީ މި ގައުމުގައި ޓެކްސީ އާއި ޓެކްސީކުރުމުގެ ހާލާތު އޮތް ގޮތެވެ. ރައިޑްއެމްވީ ނުވަތަ ސައިކަލު ޓެކްސީ ދިވެހިންނަށް އޮތް ބަރަކާތަކަށް ވެގެން ދަނީ މި ހުރިހައި ސަބަބުތަކަކާ ވެސް ހެދި އެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ތޮއްޖެހިފައި އޮތް މާލެ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިނުން. އެގޮތަށް ބަލައިގެން މާކެޓް ރިސާޗެއް އަޅުގަނޑުމެން ކުރީ. ކުރަމުން ބެލިއިރު މިއީ މި އޮތް އެންވަޔޮރޮމަންޓަށް ވަރަށް ޕާފެކްޓެއް އެއްޗެއް މިއީ. އެއީ މި ތަނުގައި މިކަން ކުރަން ނެގެޓިވްސްއެއް ނެތް އަޅުގަނޑުމެންނަކަށް. މުޅިން ވެސް އޮތީ ޕޮޒިޓިވްސް. އަޅުގަނޑުމެންނަށް ފެނޭ ކާރު އެއްޗެހި ދުއްވާ ގޮތް. ކާރަކަށް ހަތަރު ސީޓު ވިއްކައިގެން އުޅޭ މަންޒަރު. އަޅުގަނޑުމެންނަށް ފެނޭ ކާރަށް ގުޑާނުލެވިގެން އުޅޭ މަންޒަރު،" ރައިޑްއެމްވީގެ ނަމުގައި ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް ފޫގަޅައިގެން އޮތް ޒުވާން ޑިވެލޮޕަރުންގެ ޕޫލްގައި ހިމެނޭ ޝާފިއު ހުސެއިންގެ ވާހަކަ ފަށައިގަތީ މިހެންނެވެ.
"ކާރުގެ (ވިޔަފާރި) ނެތިގެނެއް ނުދާނެ. ކާރުތަކުގައި ޓެކްސީކުރާ ފަރާތްތަކަށް ލިބޭ ސަޕޯޓަކަށް ވާނީ މިކަންތައް. މީތި ވާނީ ޓެކްސީ ކުރާ މީހުންނަށް ލުޔަކަށް. ވާގޮތަކީ މިހާރު ވެސް އެ އުޅެނީ ސަޕްލައި އަށް ވުރެ ޑިމާންޑް އޮބިނޯވެގެން."
އެކަމަކު ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަ ސަރުކާރުން އިއްޔެ އާންމުކޮށް އިއުލާނުކުރުމާއެކު ބަންޑުންވީ މިފަދަ ޕޮޒިޓިވް ހިޔާލުތަކެއް ނޫނެވެ. ފަހަރެއްގައި ސައިކަލު ފަހަތަށް އަރުވާލާނެ ބިޓެއް ނުލިބިފައި ތިބި ބައެއްގެ "ޑިޕްރެޝަން" މި މުޖުތަމައުގައި މާ ބޮޑަށް ބޮޑުވެފައި އޮތީމަ ކަމަށް ވެސް ވެދާނެ އެވެ.
އެހެންވީމަ އެންމެ ފުރަތަމަ ވެސް މިއީ ކިހިނެތްވާ ކަމެއްތޯ ބަލައިލަމާ ހިނގާށެވެ.
ރައިޑްއެމްވީ އަކީ ކޮބާ؟
މިއީ ޒުވާން ޑިވެލޮޕަރުންތަކެއް ކަމުގައިވާ ނާއިލް އަބްދުލްރަހްމާން އާއި މާއިލް އަދި ޝާފިއު ހުސެއިން އާއި ނަސްރުﷲ އަދުނާން (ނައްޓު) ގެ އުފެއްދުމެކެވެ. އެމީހުންގެ މި ހިތްފަސޭހަ ހިދުމަތެއްގެ ވާހަކަ ތިޔަ އެންމެނަށް ކިޔައިދޭނީ މުޅި މި ޕްރޮޖެކްޓްގެ އަނގަ ނުވަތަ ހިންގުމުގައި އިސްކޮށް އުޅުއްވާ އިބްރާހިމް (ވައްޑޭ) ވަހީދެވެ.
އެންމެ ފުރަތަމަ ވެސް އޭނާ ބުނީ ސައިކަލު ޓެކްސީ އަކީ ދިވެހިންނަށް އާ ނަމެއް ނުވަތަ އާ ހިދުމަތަކަށް ނުވާނެ ކަމަށާއި ހަފުތާއަކު އެއް ފަހަރު ބެންކޮކަށް ޖައްސާލާ ކޮންމެ ދިވެއްސަކު ވެސް ވަރަށް ފަރިތަ ހިދުމަތަކަށް ވެފައި އޮތް ކަމެއް ކަމަށެވެ.
ރައިޑްއެމްވީ އަކީ ސްމާޓްފޯނުގެ ދުނިޔެއަކާ ގުޅިލާމެހިގެން ސައިކަލް ބޭނުންކޮށްގެން ދެވޭ ޓެކްސީކުރުމުގެ ހިދުމަތެކެވެ.
"އަސްލު ހަގީގަތުގައި، ވަރަށް ތެދުތެދަށް މި ބުނަނީ މީގެ ބިޒްނަސް އަކީ ސެކަންޑްރީ އައިޑިއާ. ކޮންމެހެން ރަނގަޅުވާކަށް މޮޅުވާކަށް ނޫން މި އުޅެނީކީ. އެހާ ބޮޑަށް ބިޒްނަސް ބައެއް ނޫންވީމަ ޕްރައިމަރީ ބޭނުމަކަށްވެފައި މި އޮންނަނީ ޑިވެލޮޕްމަންޓް އޭރިއާ. މިކަހަލަ ޕްރޮޖެކްޓެއް އެކްޒެކިއުޓް ކުރުން ބޮޑު މަގުސަދަކަށްވެފައި މި އޮތީ،" ވަހީދު ކިޔައިދިނެވެ.
އެގޮތަށް ބަލައިގެން މާކެޓް ރިސާޗެއް އަޅުގަނޑުމެން ކުރީ. މީގެ ދެ މަސް ކުރިން ސަރުކާރާ ވާހަކަ ދައްކަން ފެށީ. މުޅި ޕްރޮޖެކްޓަށް ވެއްޖެ މިހާރު 10 މަސް."
ރައިޑްއެމްވީގެ ބޭސިކް އައިޑިއާ އަކީ މިއީ އެވެ. ޓެކްސީއެއް ނުލިބިގެން ކަޅިއަރައިފައި ހުންނަ މީހާ އަށް، އެންމެ ނިޔަތް ރަނގަޅު ގޮތުގައި ސައިކަލު ބުރެއް ހޯދައި ދެނީ އެވެ.
"މެއިން ތިން ސްޓެޕެއް މީގައި އިންނާނީ. ވަަރަށް ވަރަށް ބޭސިކް އެއްޗެއް މި އެއްޗަކީ. މީތި އެންމެ ފުރަތަމަ ހަދަން ވިސްނީ ވެސް އެންމެ އާދައިގެ މީހާ އަށް ވެސް އަންޑަސްޓޭންޑްވާގޮތަށް. އެގޮތަކީ މިހާރު ކޮންމެ މީހަކީ ވެސް ސްމާޓް ފޯނެއް ގެންގުޅޭ މީހެއް. ނުވަ ދިހަ ނުވަތަ ނުވަ ދިހަ ފަސް ޕަސެންޓް މީހުން ސްމާޓް ފޯނު އެބަ ގެންގުޅޭ،" ވަހީދު ބުންޏެވެ.
"ރަޖިސްޓްރީ ކުރަން ބޭނުންވަނީ ފޯނު ނަމްބަރާ ނަމާ އެކަނި. ދެން ޖެންޑާ."
"ދެން އެޕް ހުޅުވާލުމާ އެކު ކައިރީގައި ހުންނަ ލޮކޭޝަންސްތައް ފެންނާނެ. އެޕް ހުޅުވާލާފައި ބުނަންވީ މިސާލަކަށް މިވެނި ތަނެއްގައޭ މިހުރީ ދާން ބޭނުންވަނީ މިވެނި ތަނަކަށޭ. ދެން އެ ހިސާބުން އެޕުން މެސެޖު ގެންގޮސްދޭނެ އެންމެ ކައިރީގައި ހުސްކޮށް ހުރި މީހަކަށް. ދާން ޖެހޭ މަގު ވެސް ދައްކައިދޭނެ އޮޓޮމެޓިކުން"
"ދެން އެ ހިސާބުން ޑްރައިވަރު އެއަށް ރެސްޕޮންޑްކުރާ ހިސާބުން އޭނާއާ ބެހޭ މައުލޫމާތު ކަސްޓަމަރަށް ލިބޭނެ. އޭނަ ބަލާ އެބަ އަންނަ ކަމާއި ކޮން ކަހަލަ ސައިކަލެއްކަން އަދި ކިހާ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ އަރާ ހަމަކުރާނެކަން ވެސް އެޕުން ދާނީ ވަގުތުން ދައްކަމުން."
"ދެން އެ ދަތުރު ނެގީމަ، އެޕުން ބުނާނެ އެ ޑްރައިވަރަކު ރޭޓްކުރުމަށް. އެ ރޭޓިންސް އެއީ އަޅުގަނޑުމެންގެ ޑްރައިވަރުން ރިވިއުކުރުމަށް ކުރާ ކަމެއް."
ކުރުގޮތަށް ކިޔައި ދެނީ ނަމަ ރައިޑްއެމްވީގައި ވާގޮތަކީ މިއީ އެވެ. ނުވަތަ އެ ހިދުމަތަކީ މިއީ އެވެ.
އެހެންވީމަ ބަޔަކު ރުޅިގަދަވީ ކީއްވެގެން ހެއްޔެވެ؟
އެއީދެން ދިވެހިންގެ ވައްތަރެއް ނޫން ހެއްޔެވެ؟ ސަރަހައްދުގައި އެންމެ ރުޅިގަދައީ ކޮން ބައެއްތޯ ނުވަތަ ވާއެއްނުވާއެއް ބަލައިލުމެއް ނެތި ފާޑުކިޔައިގަންނަ މީހުން އެންމެ ގިނައީ ކޮން ތަނެއްގައިތޯ ބެލިޔަސް އެ ޝަރަފް ދިވެހިން ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.
ވަހީދު ބުނީ ސައިކަލް ޓެކްސީގެ ހިދުމަތަށް ނުވަތަ އެނަމުގައި އެމީހުން ފެށުމަށް ތައްޔާރުވަމުން އަންނަ ރައިޑްއެމްވީގެ ހިދުމަތަށް މިހާތަނަށް ފާޑުކީ ބަޔަކު ފާޑުކިޔާފައި ވަނީ އެއާ ބެހޭ އެއްވެސް އެއްޗެއް އެންމެ ރަނގަޅަށް އެނގިތިބެގެން ނޫން ކަމަށެވެ.
"ނެގެޓިވް ވައިބަކަށް ފެނިފައި ހުރި މީހުންނަށް މިހާތަނަށް އިނީ ހަމަ އެއްގޮތަކަށް ވެސް މިއީ ކޯއްޗެއްކަން ނޭނގިގެން އައިސްފައި ހުރި ކޮމެންޓްސް. އަސްލު މި ޕްރޮޑަކްޓް މިއީ އެންމެން ހެޕީވާ ކަހަލަ އެއްޗެއް،" ވަހީދު ކިޔައިދިނެވެ.
"ދެން އަޅުގަނޑުމެން މީތި އިއުލާނުކުރީމަ ބައެއް މީހުން ބުނެފައި އެބަހުރި އަނެއްކާވެސް މާލެ ތެރެއަށް ސައިކަލްތަކެއް އިތުރުވަނީޔޭ. ހަމަ މިހާރު ވެސް ހުރި އެއްޗެހި އަހަރެމެން ބޭނުންކުރާނީ. އާ އެއްޗެހިތަކެއް ނުއެއް ގަންނާނަން. މިތަނުގައި ހުރި އެއްޗެއް ނެރޭނީ."
އެކަމަކު މި ހިދުމަތަށް އަމާޒުވެފައިވާ އެންމެ ބޮޑު ފާޑުކިޔުމަކީ އަދި މިއެއް ނޫނެވެ. އެ ބުނާ ގޮތަށް ގިނަ ބަޔަކު ރުޅިގަދަވެގެން އުޅެނީ މިއީ ކިހިނެތްދޭ ހިދުމަތެއްކަން ނޭނގޭތީއޭ ވެސް ބުނެވިދާނެ އެވެ.
ސައިކަލުގައި ޓެކްސީކޮށްދޭ ވާހަކައެއް ދެއްކި ހިސާބުން ވަރަށް ގިނަ ބަޔަށް ހީވެފައި އޮތީ މިއީ "ބިޓު ހިއްލުން ކަހަލަ ކަމެއް" ކަމަށެވެ. މުޖުތަމައުގެ ވިސްނުން ވެއްޓިފައި އޮތް ދަރަޖައަކީ މިއީ އެވެ. --- ވަރަށް ގިނަ ބަޔަކު ބުނަން ފެށީ ސައިކަލުގައި ޓެކްސީކުރުމަކީ ދެ ޖިންސު މަސްހުނިކޮށް ފިނި ބުރަކުން ޕާޓީކުރުމެއް ކަމަށެވެ.
މިހެން ކިޔައި މިއެންމެން ވެސް މާ މަޖާވެގަނެގެން މިއަށް ޖޯކު ޖަހަން ފެށީ އެވެ. އެކަމަކު ތަންކޮޅެއް ސީރިއަސް ނަޒަރަކުން މުޅި މި މައްސަލައަށް ބަލައި ފިކުރުކޮށްފި ނަމަ ރައިޑްއެމްވީ 2016ގެ އެންމެ "ސަޅި" ހިދުމަތަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
ސައިކަލު ފަހަތަށް ހިލޭ އަންހެނުން އެރުވުމެއް ނޫން!
ނުވަތަ ދީނީގޮތުން މާ ބޮޑު މައްސަލަތަކެއް ވެސް ފެންމަތިކުރުމާ ހިދުމަތެއް ވެސް ނޫނެވެ. ރައިޑްއެމްވީ ޑިވެލޮޕްކުރި ޓީމުން ބުނަނީ އެމީހުން މީގެ އަހަރެއްހާ ދުވަސްކުރިން މި މަސައްކަތެއް ފެށިއިރު ދިވެހިންގެ ހުރިހާ އިހްސާސްތަކަކަށް ވިސްނި ކަމަށާއި ހިލޭ ފިރިހެނެއްގެ ސައިކަލުގެ ފަހަތަށް އަންހެނަކު ލައިގެން ދިއުމުން ނުކުމެދާނެ ނަތީޖާއަކަށް ވެސް ވިސްނި ކަމަށެވެ.
"މިއީ ވަރަށް ކުރިން ވެސް ވިސްނާފައި ހުރި ކަންތައް. މިއަދަކު ނޫން. މާލޭގެ އާންމު ދިރިއުޅުމަށާއި ޓެބޫތަކަށް ވިސްނައިގެން އެ އެއްޗިއްސަށް ބޭސްކޮށް މީތި ހަދާފައި މި ވަނީ ވެސް. މީގައި ނީންނާނެ ރަނގަޅުކުރާނެ މައްސަލައެއް،" ހިނިގަނޑެއް ޖަހާލާފައި ވަހީދު ބުންޏެވެ.
"މިއީ ހަމަ މިހެން ތިބެފައި ނިންމާލި ކަމެއް ނޫން. މިއީ ވަރަށް ގިނަ ދުވަހުގެ ދިރާސާ އާއި މީހުންގެ މަސައްކަތް. ބައިވަރު މީހުންގެ ހިޔާލުން ސޮލިއުޝަނެއް މި ހޯދަނީ."
އޭނާ ބުނީ ރައިޑްއެމްވީގެ ހިދުމަތުގައި ހިލޭ ފިރިހެނުންގެ ފަހަތަށް އަންހެނުން އަރަން ނުޖެހޭނެ ކަމަށާއި އެމީހުންގެ ސާވިސް އެޕް ތަރައްގީކޮށްފައި ވަނީ ވެސް އެފަދަ އަހުލާގަކަށް ފުރުސަތު ދެވޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
"މީގައި ބައި ޑިފޯލްޓް ލައްވާލާނީ ސޭމް ޖެންޑާއަށް. މިސާލަކަށް ފިރިހެން ބޭފުޅަކު އައިސް ޑްރައިވަރަކަށް ރިކުއެސްޓްކުރާ ނަމަ ފިރިހެން ޑްރައިވަރަކު އޭނާ އަށް ދައްކާނީ. އަންހެން ބޭފުޅަކަށް ދައްކާނީ އަންހެން ޑްރައިވަރުން،" ވަހީދު ކިޔައިދިނެވެ.
"އެކަމަކު މިސާލަކަށް ބިޒީ ގަޑިއެއްގައި ސޭމް ޖެންޑާގެ ޑްރައިވަރެއް ލިބެން ނެތިއްޔާމު އެޕް މެދުވެރިކޮށް އެމީހަކަށް އަންގާލަނީ މި ސަރަހައްދުން މި ވަގުުތު ލިބެން ހުރީ ފިރިހެނެކޭ ކިޔާފައި. އޯކޭ ނަމަ ކުރިއަށް ގެންދަމޭ ކިޔާފައި. އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެ ހާލަތުގައި އެ މީހަކަށް ފޯސްއެއް ނުކުރާނެ."
ހީކުރާ ވަރަށް ވުރެ ރައްކާތެރި ހިދުމަތެއް!
"ސޭފްޓީ އަށް ބަލާއިރު ހމަ ކޮންމެ މީހަކު ވެސް އައިސް ބުނެފާނެ ދޯ މިއީ ރައިޑުން އައި މީހެކޭ އަރާށޭ ވެސް. ގިނަފަހަރު ފޮޓޯއިންފެންނަ ގޮތާ އާންމުކޮށް ހުންނަ ގޮތް ވެސް ތަފާތު،" ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ އަޅާފައިވާ ފިޔަވަޅުތަކުން ފަށައިގަންނަމުން ވަހީދު ބުންޏެވެ.
"އަހަރެމެން ބަލަނީ އެގޮތަށް ދާ މީހާ ފާހަގަކުރެވޭނެ ގޮތެއް ހަދަން. އެގޮތުން އަޅުގަނޑުމެން މި ބަލަނީ ޖެކެޓެއް ލައްވަން. ވެސްޓެއް ނުވަތަ ކެޕެއް އަޅުވާފައި ހުންނާނީ. ދެން އައިޑީ ނަމްބަރެއް ދީފައި ލޯގޯ ޖަހާފައި އެމީހަކު ހުންނާނީ.
މީގެ އިތުރުން ރައިޑްއެމްވީ އަކީ ކަމާ ބެހޭ ރަސްމީ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބިގެން ކުރިއަށް ގެންދާ ރާވަމުން އަންނަ ހިދުމަތެކެވެ.
"އަންނަ މީހާގެ ބެކްގްރައުންޑް ޗެކްއަޕް ވެސް އެބަހަދަން. އެއީ ވަރަށް ބޮޑު އެއްޗެއް. ބެކްގްރައުންޑް ޗެކްކޮށްލަންވެގެން މިހާރު އޯލްރެޑީ ޕޮލިސްއާ ވާހަކަ ދެކެވިއްޖެ އަދި ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކާ ވެސް ބައްދަލުކުރެވިއްޖެ. އެހެންވީމަ ސަރުކާރުން އަޅުގަނޑުމެންނަށް ސަޕޯޓް ދޭ ގޮތަށް އޮތީ،" ވަހީދު ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން މި އުޅެނީކީ ކޮންމެހެން ކްރިމިނަލް ރިކޯޑް ހޯދާކަށް ނޫން. އަޅުގަނޑުމެން ބަލަން ބޭނުންވަނީ ޓްރެފިކް ވައިލޭޝަން އަދި ސީރިއަސް ކްރައިމްއެއްގައި ނެތް މީހަކުތޯ ބަލަން. އަދި އެންމެ ބޮޑު ބޭނުމަކީ މީތި މި އޮތީ މި ހިސާބަށް ވެސް ގެންގޮފައިކަން ކަސްޓަމަރުންނަށް އެންގުން."
"ވެހިކަލް ރެޖިސްޓްރޭޝަން އާއި އަހަރީ ފީ އަދި އިންޝުއަރެންސް އަށް ވެސް ބަލަން އަޅުގަނޑުމެން. ބޭސިކަލީ މީގައި ވާގޮތަކީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ރިކޯޑެއް އެމީގެއްގެ ކިބައި އޮވެއްޖެ ނަމަ އެމީހަކަށް އަޅުގަނޑުމެންނަކާ އެކު ކުރިއަކަށް ނުދެވޭނެ."
މީގެ އިތުރުން ރައިޑްއެމްވީގެ ބެޖުގައި ގޮސް ޖެހުނު ކޮންމެ ގޯޅިއަކުން މީހުން ސައިކަލަށް އަރުވައިގެނެއް ވެސް އަދި ނުދެވޭނެ އެވެ.
"އެޕުން ނަގަން ޖެހޭނީ މީހުން. އެއީ ވަރަށް ބައިވަރު ރީޒަންސް އެބަހުރި މިކަމުގައި. އެއް ކަމަކީ މަގުމަތިން ނަގައިގެން ދަންޔާމު އަޅުގަނޑުމެންނަކަށް ޓްރެއިލްއެއް ނުކުރެވޭނެ. އިންކޭސް ކަމެއްވިޔަސް ނޭނގޭ ހޯދާކަށް ވެސް،" ވަހީދު ބުންޏެވެ.
"އެކަމަކު އެޕުން ނެގީމަ އަހަރެމެންނަށް އެނގޭ މިވެނި ނަމްބަރަކުން މިވެނި ކުއްޖަކު މިވެނި ޑްރައިވަރަކާ އެކީ މިވެނި ތަނަކަށް، މިވެނި ސްޕީޑެއްގައި މި ވެނި މަގަކުން އެބަދާކަން. އިންކޭސް ކަމެއްވިޔަސް އަޅުގަނޑުމެންނަށް ބުނެވޭނެ ދޯ ވީގޮތް."
"ދެން މިސާލަކަށް ރައިޑެއް ނަގައިގެން ގެއަށް ދަމުން އަންގާލެވިދާނެ ދެން ހުންނާ މީހާ އަށް ޓްރެކްކުރަން ވެސް. ސްކޫލަށް ކުއްޖާ ފޮނުވާލާ މީހާ ވެސް ސްކޫލަށް ދެވެންދެން ފޯނުން ބަލަން އިނދެވޭނެ. ފޯނުން ފެންނަން ހުންނާނެ."
ޓެކްސީއަކަށް ސައިކަލެއް އިހްތިޔާރުނުކުރަންވީ ސަބަބެއް ނެތް؟
ފަހަރެއްގައި މި ހިދުމަތެއް ތައާރަފްކުރުމުން އެންމެ ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެދާނެ ބަޔަކީ ކާރުތަކުގައި ޓެކްސީ ކުރާ މީހުންނަށެވެ. ނަމަވެސް ރައިޑްއެމްވީ އިން ބުނަނީ އެމީހުންނަކީ ޓެކްސީކުރާ ފަރާތްތަކަށް އޮތް ބިރެއް ނޫން ކަމަށެވެ.
"އަސްލަށް ބުނަނީ ނަމަ ޓެކްސީ ރާއްޖެއަކުން ދުވަހަކު ވެސް ނުދާނެ. ފުރަތަމަ ކަމަކަށް އެމީހުން ބިރު ގަންނާކަށް ވެސް ނުޖެހޭނެ. އެއީ އަޅުގަނޑުމެންގެ ވެސް އެބަހުރި ވަރަށް ބައިވަރު ލިމިޓޭޝަންސްތައް. މިސާލަކަށް އަންހެނަކާއި ދަރިއަކު ހުރިތަނަކަށް އަޅުގަނޑުމެން މި ދެނީ އެއް ސީޓް،" ވަހީދު ބުންޏެވެ.
"ދެ ވަނަ ކަމަކަށް ވިއްސާރަވުން. ކޯޓު ލައިގެން ހުރި ކުއްޖާއަށް ދެވޭނީ. ކާރުގެ (ވިޔަފާރި) ނެތިގެނެއް ނުދާނެ. ކާރުތަކުގައި ޓެކްސީކުރާ ފަރާތްތަކަށް ލިބޭ ސަޕޯޓަކަށް ވާނީ މިކަންތައް."
"ދެން އަޅުގަނޑުމެންނެއް ވެސް ނޫޅެން ސައިކަލުގެ ބޮޑު ފްލީޓެއް ހަދާކަށް ވެސް. މިކޮޅުން މި ބަލަނީ މީތި ލިމިޑެޓްކޮށްި ބަހައްޓައިގެން ކޮލިޓީކޮށް ގެންދެވޭތޯ."
ކޮންމެގޮތެއް ވިޔަސް ރައިޑްއެމްވީ އަކީ ދިވެހިންގެ ލައިފްސްޓައިލަށް އިންގިލާބެއް ގެނެސްދެވޭ ވަރުގެ ހިޔާލެކެވެ. އަދި ޖީބަށް ލުއިކޮށް މާލޭގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އޮތް ބޮޑު ފަސޭހައެކެވެ.
"ޖީބަށް ލުއިވުން. އެއީ އެންމެ ބޮޑު އެކަތި. މިސާލަކަށް ކުއްޖަކު ކާރެއްގައި ސްކޫލަށް ފޮނުވާލަން 25 ރުފިޔާ. އޭތި މީގެ ސަބަބުން ކުޑަކޮށްލަދެނީ 10ރ. އަށް. އޭތި އެވަރަށް ކުޑަވުވުން ވެސް އެލިބެނީ ސޭވިންއެއް،" ހުރި ފަސޭހަތަކާ ބެހޭ ގޮތުން ވަހީދު ބުންޏެވެ.
"ދެން އަނެއް ކަމަކީ، މާލޭގައި އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށް ދާން ބަލާއިރު ކޮންޖެސްޓްކަމުން، ކާރަކަށްވުރެ ތަންކޮޅެއް ފަސޭހަކޮށް ސައިކަލެއްގައި ދެވޭ."