ވިޔަފާރި

ދިވެހި އުފެއްދުންތައް އަރަބި މާކެޓަށް ތައާރަފުކުރަން އެންސިސްއިން ފެއާގައި ބައިވެރިވެއްޖެ

May 24, 2016

އަރަބި މާކެޓަށް ދިވެހި އުފެއްދުންތައް ތައާރަފު ކުރުމަށް އެންސިސް ފިޝަރީޒުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފެއާގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭން އެންމެ ގިނައިން މަސް ބޭރުކުރާ އެއް ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒްގެ ސީނިޔަ މެނޭޖަރު ކޯޕަރޭޓް އެފެއާޒް އެންޑް އެޑްމިނިސްޓްރޭޝަން އިބްރާހިމް މަސްދޫގު ވިދާޅުވީ މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ އެ ކުންފުނިން އާ މާކެޓުތަކެއް ހޯދުން ކަމަށެވެ.

"ފެއާގައި ބައިވެރިކޮށްފައިވަނީ އެންސިސް އިން ލޯކަލް މާކެޓަށް ހާއްސަކޮށްގެން ވިއްކާ އެންޒީ ބްރޭންޑުގެ ޕްރޮޑަކްޓްތައް. މީގެ ބޭނުމަކީ އާ މާކެޓެއް ހޯދުން،" މަސްދޫގު ވިދާޅުވި އެވެ.

އެންސިސް އިން "އެންޒީ" ބްރޭންޑުގެ ނަމުގައި ތަފާތު ގިނަ ބާވަތްތަކެއް އުފެއްދަ އެވެ. މީގެ ތެރޭގައި ރިހާކުރުގެ އެކި ވައްތަރުތަކާއި ފިޝް ޗިޕްސް އާއި މަސް މިރުސް ފަދަ ގިނަ ބާވަތްތަކެއް ހިމެނެ އެވެ.

އޯއައިސީގެ މެންބަރު ގައުމުތަކުގެ ތެރޭގައި އަރަބި، އިސްލާމީ 57 ގައުމެއް ހިމެނެ އެވެ.

މަސްދޫގު ވިދާޅުވީ އެންސިސްގެ އުފެއްދުންތައް ތައްޔާރު ކުރަނީ "ހަލާލް" ލޯގޯއާއެކުގައި ކަމަށާއި، އެހެންކަމުން އޯއައިސީގެ ބާޒާރުން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކަލްޗަރަލް ގޮތުން ބެލިއަސް އޯއައިސީގެ ގައުމުތަކާއި ރާއްޖެ ވަނީ ގުޅިފައި. އެހެންވެ މި މާކެޓު ދިވެހި އުފެއްދުންތަކަށް ފުރުސަތު އޮންނާނެ،" މަސްދޫގު ވިދާޅުވި އެވެ.

އެންސިސް އިން ދަނީ ރާއްޖޭން ބޭރަށް ބޭރުކުރާ ރޯމަހުގެ އަދަދު މަދު ކުރުމުގެ ގޮތުން ފެކްޓްރީއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފެކްޓްރީ އަންނަ އަހަރު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މި ފެކްޓްރީއަކީ 25 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ފެކްޓްރީއެކެވެ.