އެލައިޑް އިންޝުއަރެންސް

އެލައިޑްގެ މުވައްޒަފެއްގެ ހިޔާނާތުގެ މައްސަލައެއް ބަލަން ފަށައިފި

  • ހިޔާނާތް ވެފައިވާ ކަމަށް އެނގިފައިވަނީ 128،000ރ
  • މައްސަލަ ހޯދީ އެލައިޑުގެ މަސައްކަތުން
  • ހިދުމަތުގެ ފެންވަރާމެދު ޔަގީންކަމެއް ނުގެއްލޭ

އެލައިޑް އިންޝުއަރެންސުގެ މުވައްޒަފަކު އެއްލައްކަ އަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެލައިޑް އިންޝުއަރެންސުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހު އެ ކުންފުންޏަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެލައިޑުން އެ މައްސަލަ ބެލިބެލުމުން ކުންފުނީގެ ލެޓަހެޑް ބޭނުންކޮށްގެން ހަލް އިންޝުއަރެންސެއް ފޯޖުކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެލައިޑުން ބުނި ގޮތުގައި މި މައްސަލާގައި ފޯޖުކޮށްފައިވާ ޕްރިމިއަމްގެ އަގަކީ މިހާތަނަށް ބެލިބެލުމުން 128،000ރ. ކަމަށާއި، މި މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމުން އިތުރު ތަފުސީލް ދޭން އުޒުރުވެރިވާކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެލައިޑުން ބުނީ މި މައްސަލައާ ގުޅިގެން "އެއް މިލިއަން ރުފިޔާ" ހިޔާނާތްތެރިވެފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި، އަދި އެ ހަބަރު ގެނެސްދީފައިވަނީ އެ ކުންފުނީގެ ބަހެއް ހޯދުމެއް ނެތި ކަމަށް ވެސް އެލައިޑުން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްކާތެރިކަން ކަށަވަރުކުރެވި ދެމުންގެންދާ ހިދުމަތްތަކެއް ކަމަށާއި، އެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭކަމަށެވެ.

"... މި ކުންފުނިން އަބަދު ވެސް އަމަލުކުރަނީ އިންޑަސްޓްރީގެ ބެސްޓް ޕްރެކްޓިސް މިންގަނޑުތަކާ އެއްގޮތުގެ މަތިންކަން ފާހަގަ ކުރުރަމެވެ. މީގެ އިތުރުން މިދެންނެވި މައްސަލައިގެ ތަހުގީގު ހިންގަމުންދާ ވަރަކުން މި ކުންފުނިން ހާމަކުރެވެން ހުރި މިންވަރަކަށް ހާމަކުރެވެން ހުރި މައުލޫމާތެއް މި ކުންފުނީގެ ކަސްޓަމަރުންށާއި އާއްމު އެންމެހައި ފަރާތްތަކަށް އާއްމު ކުރެވެމުން ގެންދާނެ ކަމުގައި ވެސް ދަންނަވަމެވެ،" އެލައިޑުން ބުނެފައިވެ އެވެ.