ރިޕޯޓް

ރޯދައަށް ތައްޔާރުވުން: ނެތެމުންދާ ސަގާފަތް ދިރުވިދާނެތަ؟

ރޯދަ މަހަކީ މުސްލިމުންނަށް އުފާވެރިކަމާއިގެން އަންނަ ބަރަކާތްތެރި މައްސަރެކެވެ. އެއީ އަޅުކަމާއި ސާފުތާހިރުކަމުގެ މައްސަރެވެ. މުސްލިމުން އެ މައްސަރާއި ބައްދަލުކުރަނީ ވެސް އެތައް ތައްޔާރީތަކާއެކު އެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެކަން އޮތީ އެހެނެވެ. ދިވެހިންނަކީވެސް ދާދި އިހަށް ދުވަހާއި ހަމަޔަށްވެސް ވަކި ތަރުތީބެއްގެ މަތިން ރަމަޟާން މަހަށް މަރުހަބާ ކިޔަމުން ދިޔަ ބައެކެވެ. އެއްބައިވަންތަ ކަމާއެކު އެވެ. ދީނީ އަދި އެއްބައިވަންތަ ރޫހާ އެކުއެވެ. ނަމަވެސް ބަދަލުވަމުން ދިޔަ ޒަމާނާއެކު އެ ދުވަސްތައް ހުވަފެނީ މަންޒަރު ތަކަކަށްވެ ނިމިއްޖެ އެވެ. ދިވެހިން ތަރައްގީ ވެއްޖެ އެވެ. މަސްނޫއީ ދުނިޔެއެއްގައި ވަޒަންވެރިވި ގޮތަށް ދިރިއުޅެންވެސް އާދަކޮށްފި އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ރޯދަމަހަށް ތައްޔާރުވަމުންދިޔަ ދުވަހެއްގެ މަންޒަރެއް ސިފަކޮށްލާނަމެވެ. އޭރު ފެންނަނީ ވަލުތެރޭގައި ވިނަ ނޮޅައި ސާފުކޮށްފައިވާ ބޮޑު ސަރަހައްދަކަށް، ގާނާފައި ހުރި ކާށި ހުނި، ދޮލަނގުތަކަށް އަޅައިގެން ގެނެސް އަންހެންވެރިން އެއްތަންކުރާ މަންޒަރެވެ. އެއްބަޔަކު ފިޔަލާއި މިރުހާއި އެނޫންވެސް ސާމާނު ކޮށުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު ދަރު ހިފައިން އައިސް ސަފަކަށް އަތުރާފައިވާ އުނދުންތައް ރޯކުރަން އުޅެނީއެވެ. ރަށުތެރޭގައި ވާހަކައެއް އޮވެއްޖިއްޔާ އެ ހުރިހާ ވާހަކައެއް އެތަނުގައި ފުނި ޖެހިފަ އޮވެއެވެ. ކުދިވެރިން ކުޅުމާއި ސަކަރާތްޖެހުމުގައި ދުވެ ނަގަނީ އެވެ. މިއީ ރޯދަޔަށް ހަފުތާއެއްހައި ދުވަސް ކުރިން ހަވާދު ހަނާކުރާ ދުވަހު ރާއްޖޭގެ ހުރިހައި ރަށެއްގައި ކަހަލަ ގޮތަކަށް މާހައުލު އޮންނަ ގޮތެވެ. ނަމަވެސް މަޑުމަޑުން ނެތެމުންގޮސް އެ އާދަވެސް ލޮލުގެ ކޮޅަށް އޮބައިފި އެވެ. ރޯދަޔަށް ހަވާދު ހަނާކުރާ މީހުން އެކަން މިހާރުވެސް ކުރެއެވެ. ނަމަވެސް ރަށްރަށުންވެސް މިހާރު ފެންނާނީ މި މަސައްކަތުގެ "މޮޑާން" ވާޝަން އެވެ.

ރޯދަޔަށް މާހެފުން ވެސް ހަމަ އެގޮތެވެ. ކުރިން މާހަފަނީ ރަށްރަށުގެ ކުދިބޮޑު އެންމެން ގުޅިގެންނެވެ. މާހެފުމުގައި އޭރު ބޭނުންކޮށް އުޅުނީ ބޮނޑިބަތެއްވެސް ނޫނެވެ. ރޯސްސިރަޕެއްވެސް ނޫނެވެ. އެންމެ ކުރީ ޒަމާނަށް ބަލާއިރު މާހެފުންތަކުގައި ކެއުމަކަށް އޮންނަނީ ބަތާއި ގޮދަނާއި ޒުވާރިފަދަ ތަކެތި މާލެއްވުމަށްފަހު އެތަކެއްޗެވެ. ނުވަދިހައިގެ ފަހުކޮޅަށް ބަލާއިރު ފިހުނު އަލަޔާއި ކާއްޓާއި ވަޅޯމަސް ފަދަ ކެއުންތަކެކެވެ. ތާރީހު ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި މާހެފުމުގެ އަސްލު އައިސްފައިވަނީ އެފަދަ ކެއުންތަކާއެކު އެވެ. މާހެފުމަކީ ކުރީޒަމާނުގައި މީހުން ކައްކަން ގެންގުޅޭ ދަރު އުނދުންތައް، ރޯދަމަސް އަންނަންވާއިރަށް މަރާމާރުކުރާތީ، އުނދުން މަރާމާތުކުރާ ދުވަހު ކެވޭނެ ގޮތެއް ހަމަޖެއްސުމަށް ބާއްވަން ފެށި ކަމެކެވެ. އެހެންވީމާ އޭރު މާހަފަނީ ކޮންމެހެންވެސް ހަފަން ޖެހިގެންނެވެ.

އޭރުވެސް އަދި މިހާރުވެސް ބަދަލުނުވެ އޮތް އެއްކަމެއް އެބަ އޮތެވެ. ގެއާއި ގޯތި ސާފުކޮށް ކުނިކަހައި އާބާތުރަފިލުވައި ޒީނަތްތެރިކުރުމަކީ ޒަމާނަށް އައި ބަދަލާ އެކުވެސް ފޯރިއާކު މިހާރުވެސް ދިވެހިން ކޮށް އުޅޭ ކަމެކެވެ. ހަމަ އެއާއެކު ކާބޯތަކެތީގެ ގޮތުން ތަނަވަސްކުރުމަށް މަސައްކަތްކުރުމަކީވެސް އަދި އަދަށްދަންދެންވެސް ފަނޑުނުވެ އޮތް އާދައެކެވެ. ކުރީގައިވެސް ދިވެހިންނަކީ ރޯދަމަސް އަންނަން ވާއިރަށް ކާބޯތަކެތީގެ ގޮތުން ތަނަވަސްވުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށް އުޅުނު ބައެކެވެ. މިގޮތަށް ބޮޑަށް މަސައްކަތްކުރުމުގެ ބޭނުމަކަށް ވެފައި އޮންނަނީ ރޯދަ މަހުގެ ރޫހާނީ ފައިދާތައް ލިބިގަތުމަށް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ފަސޭހަ ގޮތްތަކެއް ކުރިއާލައި ތައްޔާރުކޮށް އަޅުކަމަށް ގިނަ ވަގުތު ހުސްކުރުމެވެ.

އެގޮތުން އޭރު ރޯދަ މަސް ދިވެހިންނާ ކުރިމަތިލާއިރު އެމީހުން ތިބެނީ ހުރިހައި ކަމެއްކޮށް ނިންމާލައި، ދެ އަތް އުރާލައިގެން ރޯދަ މަހުގެ އިންތިޒާރުގަ އެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރު ތަފާތެވެ. މިހާރު ރޯދަ ޝޮޕިން އަކީ ނިމޭކަމަކަމަށް ނުވެ އެވެ. އަމުދުން ރޯދަމަހުގެ ދުވާލު މާލޭގެ ފިހާރައަކަށް ވަދެ ބޯދިއްކޮށްލައިފިނަމަ އުޅެން ޖެހޭނީ ރޯދަ އަށް ވިޔަފާރިކުރާ މީހުންނާ އެކު ނޭވާ ވެސް ނުލެވިގެންނެވެ.

ކޮންމެއަކަސް ޒަމާންތަކެއް ވަންދެން ދިވެހިންގެ ތެރޭގައި އޮތް ރީތި ސަގާފަތެއް ތާރީހާ އެކުވެ ދަނީ އެވެ. ދެން އޮތީ އެ ސަގާފަތާއި އާދަތައް އަލުން އެނބުރި ރުޖޫއަކުރެވިދާނެތޯ ހިތުގައި އުފެދޭ ސުވާލެވެ.

މަޝްހޫރު ޅެންވެރިޔާ އަދި ދިވެހި ދައުލަތާއި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދާވާ އުތީމް އާދަމް އަބްދުއްރަޙްމާން ވިދާޅުވާގޮތުގައި އެ ގޮތްތަކެއް ދެން ދިވެހިންގެ ތެރެއަށް އަލުން ރުޖޫއަކުރުމަކީ ނާދިރު ކަމެކެވެ. ޒަމާނާއި އެކު ދިވެހިން މިވަނީ މަސްނޫއީ ކަންކަމަށް ލޯބިކުރާ ބަޔަކަށް ވެފައެވެ. މުއްސަނދި ބަޔަކަށް ވެފަ އެވެ. އެކި ކަންކަމުގައި ބިޒީވީ ވީހެން ޓެކްނޮލޮޖީއާއި ނުލައި ކުރެވެންހުރި ކަންކަން މަތިން ހަނދާން ނެތިފަ އެވެ.

"އެ ދުވަސްތަކަކީ، އެ އާދަތަކަކީ ދެން އަނބުރާ ރުޖޫއަކުރެވޭނެ ކަންތައްތަކެއް ކަމަށް އަޅުގަނޑު ގަބޫލުނުކުރަން. އެހެން ނަމަވެސް މިއަދުވެސް ދިވެހިން ރޯދައަށް ތައްޔާރުވާން ގެންގުޅޭ އުސޫލުތައް އެއްގޮތް، އެގޮތަކީ އޭރުވެސް ބޭނުން ވަނީ ސާފުތާހިރުކަން، މިހާރުވެސް ބޭނުން ވަނީ ސާފުތާހިރުކަން. އޭރުގެ ސަގާފަތް ބަދަލު ނުކުރެވޭނެއޭ މިބުނާ ސަބަބަކީ އޭރުގެ ދިރިއުޅުމަކީ އުނދަގޫ ދިރިއުޅުމެއް. މިއަދު މި ތިބީ މަސްނޫއީ ހުރިހާ ފަސޭހައެއް ލިބިފައި. އިންސާނާގެ ހިތަކީ މަތިން ތިރިއަށް ފައިބާން އެދޭނެ ހިތެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތް އުވިގެންދަނީ ޒަމާނަށް އަންނަ ބަދަލުތަކުންނޭ ބުނުމަކީ ދެއްކެން އޮތް ހުއްޖަތެއް ހެއްޔެވެ. މިއަދު އަހަރެމެންގެ ތެރޭގައި މިއޮތް ފަސޭހައާއި ޓެކްނޮލޮޖީ އަވައްޓެރި އިންޑިއާ ފަދަ ގައުމުތަކުގައިވެސް އެބަ އޮތެވެ. އެމީހުން އަހަރެމެންނަށްވުރެ މާ ފުދުންތެރިވެސް މެ އެވެ. ނަމަވެސް އެމީހުންގެ އާދަކާދައާއި ސަގާފަތް އަދިވެސް އޮތީ ދިރި ދިރި އެވެ. މަރެއް ނުވެ އެވެ. ދެން ރާއްޖެއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟

އާދަމް އަބްދުއްރަހްމާން ވިދާޅުވާގޮތުގައި ދިވެހި ސަގާފަތް މަރުވަމުންދަނީ "ދިވެހިންގެ ހިތުގައި ގައުމިއްޔަތަށް އޮންނަންޖެހޭ ލޯބި ނެތުމުން،" ނެވެ. އެހެން ގައުމުތައް ދައްކާ މަންޒަރުތައް ކޮޕީކުރެވޭ ސަބަބަކީ އެއީ ކަމަށާއި އަމިއްލަ ގޮތްތަކަކާއި ސަގާފަތެއް ދެންވެސް ދިރުވޭނީ ގައުމު ދެކެ ހުއްބުލްވަތަންގެ ލޯބި ޖެހިގެން ކުރާ ބުރަ މަސައްކަތަކުން ކަމަށެވެ.

ވީމާ ބަރަކާތްތެރި ރަމަޟާން މަހަކަށް އަނެއްކާވެސް މަރުހަބާކިޔަން ތައްޔާރުވަމުން ދާއިރު އަޒުމް އާކުރަންވީ އެއްކަމެއް އެބައޮތެވެ. އަހަރެމެންނަކީ އިސްލާމުންނެވެ. ޒަމާނުއްސުރެ އަހަރެމެންގެ ކާބަފައިންނަކީ ރޯދަ މަހު އަޅުކަމަށް އިސްކަންދިން ބައެކެވެ. އެކަން އެގޮތުގައި ދަމަހައްޓަމާ ހިނގާށެވެ.