ލައިފްސްޓައިލް

އެންމެ އަލިގަދަ ތަރި ކާމިޔާބުކުރާނީ މިހެން!

މިއީ ށ. ޅައިމަގަށް އުފަން، 37 އަހަރުގެ އިބްރާހިމް އަލީގެ އާދަޔާހިލާފު ވާހަކަ އެވެ. އޭނާގެ މިވާހަކައެއް މުހިންމު ވަނީ ކިހިނެތް ހެއްޔެވެ؟ އިބްރާހިމް އަލީ އަކީ "އެންމެ އަލިގަދަތަރި" އެވެ. ޓީވީއެމްގެ "އެންމެ އަލިގަދަ ތަރި" ރޯދަ މަހަށް ވިދަން ފަށައިފައިވާއިރު އިބްރާހީމް ތިޔަ އެންމެނަށް ކިޔައިދޭނީ މި މުބާރާތް ކާމިޔާބުކުރާނެ ގޮތެވެ.

މި ފެންވަރުގެ މުބާރާތެއްގައި ވާދަކުރާއިރު ވާން ޖެހޭ ތައްޔާރީ އާއި ގެންގުޅެން ޖެހޭ އުކުޅުތަކެވެ.

އިބްރާހީމް ބުނަނީ އެ އަހުލާގު ދަމަހައްޓައިފި ނަމަ "އެންމެ އަލިގަދަ ތަރި" ކާމިޔާބުނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންވީމަ މި ވާހަކައެއް ހަމަ އެންމެ ރަނގަޅުވާނީ އިބްރާހީމް އޭނާގެ ރަށުގެ މިސްކިތުގައި މީގެ ތިރީހަކަށް އަހަރު ކުރިން ގުރުއާން ކިޔަވަން އުޅުނު ރަން ހަނދާނުގެ ދުވަސްތަކުން ފަށައިގަތިއްޔާއެވެ.

އޭނާގެ މި ވާހަކައިގެ ޓްވިސްޓަކީ ޅައުމުރުގައި މަންމަ އާއި ބައްޕައާ ވަކިވާންޖެހުނު ހިތްދަތިކަމެވެ.

"އޭރު ރަށްފުށުގައި އޮންނަ ކަމެއް މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުން އެއީ. ރަށުގެ ހުރިހާ ކުދިން ގުރުއާން ކިޔަވަން މިސްކިތަށް ދާނެ. ލަފާކުރެވޭ ގޮތުގައި އޭރު އަޅުގަނޑަށް ވާނީ ހަތް އަހަރު،" ގުރުއާނާ ބެހޭ މަރުކަޒުގައި ވަޒީފާ އަދާކުރަމުން އަންނަ އިބްރާހީމްގެ ވާހަކަ ފެށީ މިހެންނެވެ.

"އޭރު ވެސް ދަސްވެފައި ހުންނަ ތަނެއްވެއްޖެއްޔާމު ވަރަށް ރީއްޗަށް ކިޔަވާ ލެވޭނެ. އޭރު ވެސް ހިތަށް އަރާ ގުރުއާންކަން ނޭނގެއޭ އަޅުގަނޑުގެ ފީލްޑަކަށްވާނީ. އަދި އެއީ ބައްޕަގެ ވެސް އަޑެއް ހުރީމަ، ބައްޕަގެ ފަރާތުންނޭ ވާރުތަވެފައި މިހުރީ. އެކަހަލަ ގޮތަކަށް ބައްޕަގެ ފަރާތުން ގާތްގަނޑަކަށް މިކަން އައިސްފައި މިހުރީ."

އެކަމަކު ކުއްލިއަކަށް އޭނާގެ ދިރިއުޅުން މައިންބަފައިންނާ ދުރަށް ބަދަލުކުރަން ޖެހުނީ އެވެ.

"ކުޑައިރު ރަށު ސްކޫލުން ކިޔަވަމުން އައިސް ކުއްލިއަކަށް މާލެ ބަދަލުވީ ކިޔަވަން. ދެން ކާފަ ވިދާޅުވީ ކިޔަވަން ބޭރަށް ބަދަލުވާންނޫންހެއްޔޭ،" އިބްރާހީމް ކިޔައިދިނެވެ.

އެހިސާބުން، ގުރުއާނުގެ އިލްމު އުނގަންނައިދިނުމަށް އޭނާ ފޮނުވާލީ ޕާކިސްތާނަށެވެ. އުމުރުން ގާތްގަނޑަކަށް 12 އަހަރެވެ.

"އެގޮތަށް ގޮސް އެންމެ ފުރަތަމަ ތަކްލީފުތަކެއް އުފުލަން ޖެހުނީ މައިންބަފައިންނާ ދުރުގައިވީމަ. އެކަހަލަ ކަންތަކާއި މާހައުލަށް ނުހޭނުން ކަހަލަ ކަންތައް،" އިބްރާހީމް ބުންޏެވެ.

އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ދަތުރަކީ އެއީ އެވެ. ގުރުއާނުގެ އިލްމު އުނގެނުމަށް ދިޔައީ ޕާކިސްތާނުގެ ފައިސަލް އާބާދަށެވެ. އެއަށް ފަހު ގުރުއާން ހިތު ދަސްކުރީ ލާހޯރުގައި ހޭދަކުރި ތިން އަހަރު ދުވަސް ތެރޭގަ އެވެ. އެއަށް ފަހު ގާރީ ކޯސް ފުރިހަމަކޮށް މާލެ އަށް އެނބުރި އައީ އެވެ. އެނބުރި އައިއިރު 22 އަހަރެވެ.

އަމިއްލަ ހުވަފެން ދޫކޮށް ހަގީގަތަކަށް ހެދީ ބައްޕަގެ ހުވަފެން

ޕާކިސްތާނުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު ގާރީއެއްގެ ގޮތުގައި އެނބުރި އައި ނަމަވެސް އޭނާގެ ޝައުގުވެރިކަން އޭރު ދަމައިގަތީ މުޅިން އެހެން ދާއިރާއަކަށެވެ. ގައުމަށް ހިދުމަތްކުރުމުގެ ފޯރިގަނޑެއްގައި ޖެހި ސިފައިންގެ ވަޒީފާ އަށް ހިތްޖެހުނީ އެވެ. އެކަމަކު އިބްރާހީމް ބުނީ ސިފައިންގެ ޔުނީފޯމް އެޅުމަކީ އެންމެ ކުޑައިރުގެ ވެސް ހުވަފެނެއް ކަމަށެވެ.

ނަމަވެސް އެންމެފަހުން އޭނާ އެ ހުވަފެން ދޫކޮށްލީ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކަ އެވެ.

"ޕާކިސްތާނުން އެނބުރި އައިއިރު ހުރީ ވަރަށް ތަފާތު ވިސްނުމެއްގައި. އައިސް ބޭނުންވީ ސިފައިންގެ އަށް ވަންނަން. އެކަމަކު ބައްޕަ އެހާ ލައިކެއް ނުވި އެކަމަކާ. ބައްޕަ ވިދާޅުވަނީ ގުރުއާން ކިޔަވައިގެން އައިސް ސިފައިންގެ އަށް ނުވަންނާށޭ. ގުރުއާނުގެ ދާއިރާ އިހްތިޔާރުކުރާށޭ،: އިބްރާހީމް ކިޔައިދިނެވެ.

"މިހާރު ހިތަށް އަރާ އަސްލު ވަދެވުނު ނަމަވެސް ރަނގަޅޭ. ސިފައިންގެ ތެރޭގައި ވެސް ފުރޭވަރަކަށް ގިނަ ގާރީންނާއި ގުރުއާނުގެ މީހުން އެބަ އުޅޭ. އެކަމަކު ވެސް ރަނގަޅު، ބައްޕަގެ މަގުން މި ދެވެނީ ހިނގާފައި."

"ވަރަށް ކުޑައިރުއްސުރެން ފެށިގެން ވެސް ބޭނުންވާންކަމެއް އެއީ. ކުޑައިރުއްސުރެން ފެށިގެން ވެސް ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަކު އެ ނަސީބު ނުލިބުން ދެން އޭގައި މައްސަލައެއް ނެތް."

އެންމެ ބޮޑު ހިތްވަރެއް ހޯދީ މުދައްރިސުގެ އަދަބުން!

އިބްރާހިމް އަލީ އަކީ ފެންނަ ފެނުމަށް ޖާނުން ވަރުގަދަ، ގަދަފަދަ ޒުވާނެކެވެ. އޭނާ ބޭނުންވި ގޮތަށް ސިފައިންގެ މީހަކަށް ނުވެވުނު ނަމަވެސް ބަލާ ބެލުމަށް "ސިފައިންގެ މީހަކާ" މާ ބޮޑު ތަފާތެއް ވެސް ހަގީގަތުގައި ނެތެވެ. އެެކަމަކު ހަޔާތުގެ ވާހަކައިގެ ވަކި ހިސާބަކަށް ދިޔަތަނުން އޭނާ ބަޑިފަޅައިގެން ގޮސް ބަސް ހުއްޓުނީ އެވެ.

ކާމިޔާބީ އަކީ ފަސޭހައިން ހޯދޭ އެއްޗެއް ނޫނެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ފަހުން އަލުން ހިތްވަރު ހޯދައިގެން ހަމަޖެހިލައިގެން އޭނާ ކިޔައިދިން ވާހަކަ އަކީ މިއީ އެވެ.

"އަސްލު ހަގީގަތުގައި އަޅުގަނޑުމެންނަށް ކިޔަވައިދީފައި ހުރީ ވަރަށް ރަނގަޅަށް (ޕާކިސްތާނުގައި). އެހެން މިދެންނެވީ މިސާލަކަށް ބުނާ ނަމަ ހަރުކަށި ތަނެއް އެއީ. ކިޔަވައި ދިނުމުގައި ހަރުކަށި ތަނެއް އެއީ،" އިބްރާހީމް ކިޔައިދިނެވެ.

"މިކޮޅުގައި ކިޔަވައިދޭއިރު ޓީޗަރުންނަކީ ގައިގައި އަތްލާ އަނިޔާކުރާ ބައެއް ނޫން. އެކަމަކު އެކޮޅަށް ދިއުމުން ވާ ގޮތަކީ، ދަސްނުކުރުމުން އަދަބު ލިބޭ. އެމީހުން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭ. އެމީހުން، އެމީހުން ބުނާ ގޮތަކަށް ކަންތައްކުރޭ. އެމީހުން ނުބަލާނެ ކުއްޖާއަކަށް."

އިބްރާހީމް ބުނީ އޭނާގެ ހަޔާތް ބަދަލުކޮށްލީ ޕާކިސްތާނުގެ އެ ތަޖުރިބާ ކަމަށެވެ. ގުރުއާނުގެ އިލްމު އުނގެނުމުގެ މަރުހަލާގައި ލިބުނު އަނިޔާ ނުވަތަ އަދަބެވެ.

"ގުރުއާން ހިތުދަސްކުރަން އަޅުގަނޑަށް ނެގި ތިން އަހަރު. އަޅުގަނޑަކީ އެހާ ހިތްއަލި މީހެއް ނޫން އަޅުގަނޑު ގަބޫލުކުރާގޮތުގައި. ވަރަށް އުނދަގުލުން މިހިސާބަށް އާދެވިފައި މިހުރީ،" އިބްރާހީމް ބުންޏެވެ.

އޭނާ ބުނީ އެކޮޅުގައި ތައުލީމު އުނގަންނައިދިނުމަށް ބޭނުންކުރި ފަތިގަނޑުގެ ދިލައިން ލިބުނު ހިތްވަރާއި ތަޖުރިބާގެ ފައިދާ މިއަދު އޭނާ އަށް ވަރަށް ވެސް ބޮޑު ކަމަށެވެ. އެންމެ އަލިގަދަތަރި މުބާރާތުގައި ބައިވެރިވިއިރު އެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ތަކުރާރުކޮށް އޭނާ ބުނަމުން ގެންދިޔައީ ވެސް ހަޔާތުގެ އެ ތަޖުރިބާއިން ހޯދި ހިތްވަރާއި އިތުބާރުންނެވެ.

"އަޅުގަނޑު މިކޮޅަށް އައިއިރު ގުރުއާން ރީއްޗަށް މޮޅަށް ކިޔެވުމުގެ ހުނަރު ހުރި މީހުން ވަރަށް މަދު. އެ އިލްމު އުނގަންނައިދޭން، ފޯރުކޮށްދޭން ތިބީ ވެސް މަދުބައެއް. ދެން މިކޮޅަށް އައިސް ބަލައިލިއިރު އަޑުތަކެއް ނެތް. އަޅުގަނޑުމެންނާ ވާދަކޮށްލެވޭ ވަރުގެ އަޑުތައް މަދު، އަސްލު ކެރި ހުރެގެން މި ބުނަނީ. މިހެން ބުނުމަކީ އެހާ ރަނގަޅު ގޮތެއް ވެސް ނޫން. އެކަމަކު ވެސް އެގޮތަށް ވާދަކޮށްލެވޭ ފެންވަރުގެ ވަރަށް މަދު ބަޔަކު މިތިބީ،" އިބްރާހީމް ބުންޏެވެ.

"އެހެންވީމަ އެ ޔަގީންކަމާ އެކު މުބާރާތްތަކުގައި ބައިވެރިވަނީ ވެސް."

މިއީ އެންމެ އަލިގަދަ ތަރި ކާމިޔާބުކުރާނެ ގޮތް!

"އެންމެ ފުރަތަމަ ކަމަކަށް އޮންނަން ޖެހެނީ އެ ކުއްޖާގެ އަހުލާގު. އެތައް ބައެއްގެ ކުރިމައްޗަށް މި ދާން ޖެހެނީ. ދާއިރު ބަސްމަގު ހުންނަން ޖެހޭނީ ރީއްޗަށް. އެހެން މީހުންނާ މުއާމަލާތުކުރަން ޖެހޭނީ ރަނގަޅުގޮތަކަށް. ހިނިތުންވުމާ އެކު މުއާމަލާތުކުރަން ޖެހޭނީ،" މި އަހަރުގެ އަލިގަދަ ތަރި އަށް ވުމަށް ބޭނުންވާ އެންމެނަށް މިދިޔަ އަހަރުގެ އަލިގަދަ ތަރި ދޭން އޮތް ފުރަތަމަ ނަސޭހަތަކީ މިއީ އެވެ.

މި އަހަރުގެ އަލި ގަދަ ތަރިއަށް ހުށަހަޅާފައިވާ އިނާމު ފާއިތުވި ތިން އަހަރުގެ އިނާމުތަކަށް ވުރެ ބޮޑެވެ. އެއް ވަނަ އަށް ދާ ފަރާތަކަށް ބައި މިލިއަން ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ. އިބްރާހީމް ބުނަނީ މި ފައިސާގެ އިނާމް ކާމިޔާބުކުރުމަކީ ހަގީގަތުގައި އެއްވެސް ކަމެއް ނޫން ކަމަށެވެ. އެންމެ ކަމެއް ރަނގަޅުކޮށްލަނިކޮށް ވެސް އަލިގަދަ ތަރީގެ ގޮތުގައި ވިދައި ބަބުޅަން ފަށައިފާނެ ކަމަށެވެ.

"މުބާރާތެއްގައި ބައިވެރިވާން ބޭނުންކަމުގައިވާ ނަމަ ނުބަލައި، ހިތުދަސްކުރަން އޮންނަ ބައި ދުރާލައި ދަސްކުރަން ޖެހޭނެ. އެހެން ނޫނިއްޔާމު އެ އެއްޗެއް ކާމިޔާބެއް ނުވާނެ،" އިބްރާހީމް ބުންޏެވެ.

"މިސާލަކަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ވުރެ ރަނގަޅަށް ކިޔެވި ކުއްޖަކު ހުރި ނިމިގެން ދިޔަ މުބާރާތުގައި. އެކަމަކު އޭނާ އަށް މުބާރާތް ކާމިޔާބުނުކުރެވުމުގެ މައިގަނޑު އަސްލަކީ ނުބަލާ ކިޔަން ޖެހޭ ބައި ހިތުދަސްކޮށްފައި ނެތުން."

"އެހެންވީމަ އަލަށް ބައިވެރިވާ ކުދިންނަށް ވެސް ބުނެލަން ބޭނުންވަނީ، މުބާރާތުގައި ބައިވެރިވުމުގެ ކުރިން، އޮޑިޝަނުގައި ބައިވެރިވުމުގެ ކުރިން ވެސް، އޭނަ ޖެހޭނެއޭ ނުބަލާ ކިޔަން ޖެހޭ ބައި އެއްކޮށް ދަސްކުރަން. މުބާރާތްތެރެއިން ދަސްކުރަން އުޅެގެންނެއް އެކަން ކާމިޔާބެއް ނުވާނެއޭ."

އޭނާ ބުނަނީ ކެތްތެރިކަމަކީ ވެސް އޭގެ ފައިދާފަހުން ކުރާނެ ކަމެއް ކަމަށެވެ.

"ބަޔަކާ އެކީ އެއް މަސް ހޭދަކުރާއިރު އަންނާނެ ހިތްހަމަޖެހޭ ކަންތަކާ ހިތްހަމަނުޖެހޭ ކަންތައް ވެސް. މިސާލަކަށް ކޮމެންޓްކުރާއިރު ވެސް އަންނާނެ ހިތްހަމަނުޖެހޭ ކަންތައްތައް. އެކަމަކު ނުރުހުންތެރިކަން ފާޅުކޮށް އެއްޗެކޭ ބުނާކަށް ނުޖެހޭނެ. އެކަން ޖެހޭނީ ހިތުން ރުހުމުން ބަލައިގަންނަން،" އިބްރާހީމް ބުންޏެވެ.

މިދިޔަ އަހަރުގެ އަލިގަދަ ތަރި އަކީ އޭނާ ބައިވެރިވި އެ ފެންވަރުގެ ފުރަތަމަ މުބާރާތެވެެ. އޭގެ ކުރިން ގައުމީ ފެންވަރުގެ އެފަދަ މުބާރާތްތަކެއްގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

"މީގެ ފުރަތަމަ މުބާރާތް ބާއްވަން އުޅުނުއިރު ވެސް ވަރަށް ގިނަ އެކުވެރިންނާއި ރަހުމަތްތެރިން އެދުނު މުބާރާތުގައި ބައިވެރިވާން. އޭރު ދެން އަޅުގަނޑުގެ އެހާ ޝައުވެރިކަމެއް ނުހުރޭ މުބާރާތްތަކުގައި ބައިވެރިވާކަށް. އެދެން އަނެއްހެން ވަކި ކަމެއްވެގެންވެސް ނޫން. އަސްލު ފީލް ވަނީ ލާރި ލިބޭތީ ބަޔަކު ހީކޮށްފާނެއޭ ލާރި ހޯދަންށޭ މުބާރާތުގައި ބައިވެރިވަނީ. އަސްލު އެކަން ދައްކަން ބޭނުންނުވާތީ ބައިވެރިނުވަނީ،" އޭނާ ކިޔައިދިނެވެ.

"ދެން އަނެއްކޮޅުން ރޯދަ މަހު ބާއްވާތީ އަސްލު އަޅުގަނޑަކަށް އެހާ ފަސޭހައެއް ވެސް ނޫން. އަޅުގަނޑު ތަރާސްވީސްކޮށް ހަތިމުކުރާއިރު ވަރަށް އުނދަގޫވާނެ ވަރަށް ބިޒީވާނެ. ދަސްކުރުމަށް ވަގުތުދޭން ޖެހޭނެ. އެހެންވީމަ ތަރާވީހަށް ވަގުތުނުދެވިދާނެތީ ކުރިން ބައިވެރިނުވީ."

"އެކަމަކު މިދިޔަ އަހަރު އަންހެނުންނާއި ކުދިން ވަރަށް ބޮޑަށް އެދެން ފަށައިފި ބައްޕަ ދެކެން ބޭނުމޭ އެގޮތަށް ކިޔަވާތަން. އެގޮތުގެ މަތިން، އެ ކުދިންގެ އެދުމުގެ މަތިން މުބާރާތުގައި ބައިވެރިވީ. މުބާރާތުގައި ބައިވެރިވީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ތަރާވީސް ވެސް ދޫކޮށްލާފައި."

އެންމެ އަލިގަދަ ތަރީގެ ގޮތުގައި އިބްރާހިމް އަލީ އަށް ލިބުނީ 223،000ރ. އެވެ.

އޭނާ ބުނަނީ ގަދައަޅައި މަސައްކަތްކުރެވޭ ނަމަ ކޮންމެ ދިވެހި ދަރިވަރަކީ ވެސް އެންމެ އަލިގަދަ ތަރިއަށް ވެވޭހާ ހިތް އަލި ކުދިންތަކެއް ކަމަށެވެ.