ލައިފްސްޓައިލް

ޒުވާބު ކުރިއަސް ތި މައްސަލަ ހައްލެއް ނުވާނެ!

"މަ ބޭނުމެއް ނޫން އެއްވެސް އެއްޗެއް އަޑުއަހާކަށް، ތިއީ ހުސް ބަހަނާ"

"ނޫނެކޭ އަޑުއަހާބަލަ، ތިއެއް ނޫނޭ ކަންތައް ވީ ގޮތަކީ، އަޑުއެހީމަ ނޫންތަ އެނގޭނީ"

"މަ ބޭނުމެއް ނޫން އިތުރު އެއްވެސް އެކްސްޕްލެނޭޝަނެއް"

މިކަހަލ އެއްވެސް ކޮޅެއްްގައި ނުޖެހޭ ޒުވާބުތަކެއް ކޮށް ވަގުތުތަކެއް ބޭކާރު ކޮށްގެން ގުޅުންތައް ނިމި ނިމުމަކާ ގާތްވަނީ ކިތައް ފަހަރު ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް އެތައް ލައްކަ ބަޔަކު މިކަހަލަ ތާކުންތާކު ނުޖެހޭ ޒުވާބުތަކެއްގައި އުޅެ އެވެ. މިހެން އެއްވެސް ވިސްނުމެއް ނެތި ބުނެވޭ އެއްޗެއްގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބެ އެވެ.

އެހެންވީމަ މިކަހަލަ ހަމަނުޖެހުންތަކުގައި ލިބޭ ގެއްލުންތަކުން ދުރުވާން މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެއީ ދެ ފަރާތަށްވެސް އެންމެ ފައިދާ ބޮޑު ގޮތެވެ. ކަމަކާ ދެބަސްވެ އަރާރުންވި ކަމުގައި ވިޔަސް ވަކި ހައްދެއްގައި އެކަން ބާއްވަން ޖެހެ އެވެ. ކިތަންމެ ރުޅި ގަދަވިޔަސް ރުޅި ކޮންޓްރޯލް ކުރަން އެބަޖެހެ އެވެ.

ސާފު ވައިކޮޅެއް ހޯދާ އެކަނިވެލާ

ރުޅި އައިސްގެން ތިހިރަ ހަލާކުވަނީ އެވެ. އެންމެ އިރުކޮޅަކަށްވެސް ތިތާ ހުންނާނެ ކަމެއް ނެތެވެ. ސާފު ވައި ލިބޭ ފަދަ ތަނަކަށް ދާށެވެ. ނޫނީ ހަމަ ޖެހިލައިގެން ހިނގާލާށެވެ. ނޫނީ މީހަކު ނެތް ތަނެއްގައި ގަޑިއެއްހާއިރު މަޑު ކޮށްލާށެވެ. އެތަނަކީ ހިތް ފަސޭހަ ތަނަކަށް ވެއްޖެނަމަ އިތުރަށް ފަސޭހަވާނެ އެވެ. ނުވަތަ މޫދު ފެންނަ ހިސާބަކަށް ގޮސްލާށެވެ. އެފަދަ ތަނަކަށް ނުދެވިއްޖެނަމަ އެކަހަލަ ތަނެއް ހިޔާލަށް ގެންނާށެވެ. ފުންކޮށް ދެތިން ފަހަރަކު ނޭވާ ލުމުން ސިކުނޑިއަށް ލުއިވެ ރުޅި މަޑުވެދާނެ އެވެ. ސްޓްރެސް ހޯމޯން ކަމަށްވާ ކްރިސްޓޮލް މަދުވެ ހަށިގަނޑުގެ މަސްތައްވެސް ރިލެކްސް ވާނެ އެވެ. އަދި މިއީ ބްލަޑް ޕްރެޝާ ދަށްކޮށްދޭނެ ކަމެއް ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އެއަށްފަހު ޕޮޒިޓިވް މައިންޑެއްގައި ދެންމެ ހިނގާދިޔަ ކަންތައްތަކާ ދޭތެރޭ ވިސްނާލާށެވެ. ބުނެވުނު ބަސްތަކާއި ބުނަން އެންމެ ރަނގަޅު ބަސްތައްކަން ވިސްނާލާށެވެ. ނުވަތަ އެވަގުތު އެއްޗެއް ނުބުނެވުނުކަން އެއީ އެންމެ ރަނގަޅު ނިންމުންކަން އިހުސާސް ކުރެވިދާނެ އެވެ. ފަހަރުގައި ވަރަށް މޮޔަ އެއްޗެއްވެސް ބުނެވިފައި އޮވެދާނެ އެވެ. ރަނގަޅަށް ހަމަޖެހިލައިގެން ވިސްނާލީމަ ތި ވާހަކަ ތިއަށްވުރެ ހަމަޖެހޭ ގޮތަކަށް ގެންދެވޭނެ ކަހަލަ ވިސްނުމެއްވެސް އައިސްފި ނޫން ހެއްޔެވެ؟

މަޝްހޫރު ސައިކޭޓްރިސްޓް ޑރ. ޖުޑިތު ވިދާޅުވަނީ މިފަދަ ބަހުސްތައް ނުވަތަ ޒުވާބުތައް ކުރިއަށް ގެންދާއިރު ވާހަކަ ދައްކާ ރާގަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ބުނެވޭ ބަސްތަކަށްވުރެ އެބަސްތައް ބުނާ ޓޯންގެ އަސަރު މާގަދަ ކަމަށެވެ. އެހެންވީމަ ހަމަޖެހިލައިގެން ވިސްނަލީމަ މާ "ފްރުޓްފުލް" ހިޔާލެއް ލިބިއްޖެ އެއް ނޫން ހެއްޔެވެ؟

ހަމަޖެހިގެން ވިސްނާލަން ކުރެވިދާނެ އެހެން ކަމެއްވެސް އެބައޮތެވެ. ހޫނު ސައިތައްޓެއް ބޯލާށެވެ. ހޫނު ސަޔަކީ މީހާ ރިލެކްސް ވާން އެހީތެރިވެދޭ އެއްޗެކެވެ. ވިސްނާލަން އިތުރު ވަގުތުވެސް ލިބޭނެ އެވެ. ނޫނީ ދެމީހުންނާ ގުޅިފައި ހުރި އުފާވެރި ހަނދާންތައް ހަނދާން ކޮށްލާށެވެ.

އަމިއްލަ ކޮޅަށް މޮޅު ކުރަން ވާހަކަ ނުދައްކާތި

ތިއުޅެނީ ދެމީހުން ގުޅިގެންނެވެ. އެހެންވީމަ ކޮން އަހަރެންނެއް ކިޔާކަށް ހެއްޔެވެ؟ ތިއީ ދެ މީހުންނެވެ. އެހެންވީމަ "އަހަރެމެން" އެވެ. "އަހަރުމެން މި މައްސަލަ ހައްލު ކުރާނީ ކިހިނެއް ހެއްޔެވެ" މިހާރު ފުރިހަމަ އެއް ނޫން ހެއްޔެވެ؟ އަހަރެން ބުނުމަށްވުރެ އަހަރުމެން ބުނީމަ ދެ މީހުންގެ ގުޅުމާމެދު ވިސްނާކަން ބައިވެރިޔާ އަށް އިހުސާސް ކުރެވޭނެ އެވެ. މައްސަލަ ހައްލުކުރަން ބޭނުންވަނީ ދެމީހުންނަށް ޓަކައި ކަންވެސް އިހުސާސް ކުރެވޭނެ އެވެ. މައްސަލަ އިތުރަށް ގޯސްވުމުގެ ބަދަލުގައި ހައްލުކުރަން ފަސޭހަވާނެ އެވެ.

މައްސަލަ ހައްލުކުރަން ވާހަކަ ދައްކާއިރުވެސް ލޯބިން ވާހަކަ ދައްކާށެވެ. ދެމީހުންނަށްވެސް އިހުތިރާމް ކޮށްގެން ވާހަކަ ދައްކާނަމަ ހައްލުކުރަން ވަރަށް ފަސޭހަ ވާނެ އެވެ. މައްސަލަ އުފެދެން ދިމާވި ހިސާބުން ފެށިގެން މައްސަލަ ހައްލުކުރެވެން އޮތް ގޮތްވެސް މި ޓޯންގައި މަޑުމައިތިރި ކަމާއެކު ބުނެވިއްޖެނަމަ މައްސަލަ ތިއޮތީ ގާތްގަނޑަކަށް ހައްލުކުރެވިފަ އެވެ.

އޭނަ ދައްކާ ވާހަކަވެސް އަޑު އަހާށެވެ. ކޮންމެ އެއްޗެއް ބުންޏަސް ކަނުލާ އަޑުއަހައިފިނަމަ އަވަހަށް މައްސަލަ ހައްލުވެސް ވާނެ އެވެ.