އުމަރު ނަސީރު

ބޮންގޮއްވި ތުހުމަތަށް ބޭނުންވާ މީހުން ތިބީ އިނގިރޭސިވިލާތުގައި: އުމަރު

May 25, 2016
7
  • އެ މީހުން ހައްޔަރުކުރަން އިނގިރޭސިންގެ އެހީއެއް ނުލިބޭ
  • ރެޑް ނޯޓިސްގެ ދަށުން ހޯދަން ބޭނުންވާ ހަތް މީހުން އެބަތިބި
  • އަދީބުގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ

ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގައި ހޯދަން ބޭނުންވެގެން ރެޑްނޯޓިސް ނެރުނު މީހުން ތިބީ އިނގިރޭސިވިލާތުގައި ކަމަަށާއި އެމީހުން ގެނައުމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަަސީރު ވިދާޅުވެއްޖެ އެވެ. އ

ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގަށް ބޭނުންވާ އަށް މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އެ މީހުން ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް އެ މީހުން އަނބުރާ ރާއްޖެ ގެނައުމުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މިނިސްޓަރު އުމަރު ވިދާޅުވީ ކުރިއެރުމެއް ލިބިފައި ނުވަނީ އޭގެ ތެރެއިން ގިނަ މީހުން ތިބި އިނގިރޭސިވިލާތުން އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރަށް އެދެވޭ އެއްބާރުލުމެއް ނުދޭތީ އެވެ. މިނިސްޓަރު ވިދާޅުވީ ރެޑް ނޯޓިސް ތަންފީޒު ކުރަން ޖެހޭނީ އެ ހޯދާ ބަޔަކު ތިބި ގައުމެއްގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށެވެ.

"އެ މީހުން ތިބި އިނގިރޭސިވިލާތަކުން ރެޑް ނޯޓިސް ތަންފީޒު ކުރަން މަސައްކަތެއް އަދި ނުކުރޭ. އަޅުގަނޑުމެން އެކަމަށް މަސައްކަތްތަކެއް ވެސް އެބަ ކުރަން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

އެ މައްސަލައިގައި ހޯދަން ބޭނުންވެގެން އިއުލާން ކުރި މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ ލަންކާގައި ހުއްޓާ، މުހައްމަދު އަޝްރަފު ސުމްބާގޮންގެވެ. ދެން ބާކީ ތިބި މީހުން ރާއްޖެ ނައިސްފި ނަމަ، މައްސަލަ ތަހުގީގުކޮށް އެ މީހުންގެ ޣައިރު ހާޒިރުގައި ދައުވާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އުމަރު ވިދާޅުވީ އަދީބުގެ މައްޗަށް މައްސަލަ ސާބިތު ކުރެވޭ ވަރަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޝަރީއަތުގައި ސާބިތުވެ ހައްގު އަދަބު ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.