އިނގިރޭސީންނާއި ދިވެހި ސަރުކާރާ ދެމެދު މައްސަލަތައް އުފެދި ދެކުނުގެ ބަޣާވާތް ފެށީ ޖެނުއަރީ 1، 1959 ގަ އެވެ. އިނގިރޭސީން ފަހަތުގައި ތިބެގެން މާޗް 1959 ގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި އެވެ. ޣައިރު ގާނޫނީ އެ ދައުލަތުން މިނިވަންކަން އިއުލާންކުރީ ޖަނަވަރީ 3، 1959 ގައެވެ. އަދި އެ ދައުލަތް އުވާލީ ސެޕްޓެމްބަރު 23، 1963 ގައެވެ.
އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު، (ގއ. ގދ) ހިމެނޭ ގޮތަށް އުފެއްދި ދައުލަތަކީ ޔުނައިޓެޑް ސުވާދީބް ރިިޕަބްލިކް ނުވަތަ އެކުވެރި ސުވާދީބް ޖުމްހޫރިއްޔާ އެވެ. ސުވާދީބަކީ އިހުޒަމާނުގައި އެންމެ ދެކުނުގެ ތިން އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ދިވެހިން ކިޔައި އުޅުނު ޖުމްލަ ނަމެކެވެ. ސުވާދީބު ސަރުކާރުގެ ރައީސަކީ އަބްދުﷲ އަފީފު ދީދީ އެެ އެވެ. އޭނާއަކީ އިނގިރޭސީން ހިންގި ސިއްރު ކުރެވިފައިވާ "އޮޕަރޭޝަން ކޮންކިއުބައިން" ގެ ތެރެއިން އުފެއްދި އިނގިރޭސީންގެ އެޖެންޓެކެވެ.
ވަރު އަރައިގެންފައި އޮތް އެ ބަޣާވާތުގައި އެންމެ ފަހުން އިނގިރޭސީން ވަނީ ދިވެހި ދައުލަތަށް އެނގުމަކާ ނުލައި އަފީފް ގެންގޮސް ހިމާޔަތްދީ ޝީސެލްސްގައި ވަޒަންވެރި ކުރުވާފަ އެވެ.
މި ހާދިސާއަށް ފަހު އިނގިރޭސި އޮފިޝަލުންނާއެކު ދިވެހި ސަރުކާރުން ކުރި މަޝްވަރާތަކުގައި ބޮޑު ވަޒީރު އިބްރާހިމް ނާސިރު ތަކުރާރުކޮށް އިނގިރޭސި އޮފިޝަލުންނާ އެއް ސުވާލެއް ކުރެއްވި އެވެ. ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވި ގޮތުގައި ނާސިރު ކޮންމެ ވާހަކަފުޅެއް ފައްޓަވަނީ ވެސް އަދި ނިންމަވާލައްވަނީ ވެސް އެ ސުވާލާއެކު އެވެ. އެއީ "ދިވެހި ދައުލަތަށް ނޭނގި ދިވެހި ރައްޔިތަކު ވަގަށް ނަގައިގެން ގެންދިޔައީ ކީއްވެގެން ހެއްޔޭ" އެވެ. އެ ސުވާލަށް ޖާބެއް ނުދެއްވީމާ އަނެއްކާވެސް ތަކުރާރުކޮށް އައްސަވަނީ ރާއްޖެ ބައިބައިކޮށް ދިވެހި ރައްޔިތަކު ވަގަށް ނެގީ ކީއްވެގެން ހެއްޔޭ އެވެ.
އެ ސުވާލަށް މިހާތަނަށް ޖާވާބެއް ނުލިބެ އެވެ. (ރާއްޖެއަށް އަމާޒުކޮށް އިނިގިރޭސި ކޮންޒަވޭޓިވް ޕާޓީ އާއި ކްރިސްޓިއަން މިޝަނަރީތަކުން ހިންގި އޮޕަރޭޝަން ކޮންކިއުބައިންނާއި އިނގިރޭސި ސިއްރު ރޭވުންތަކުގެ މައްޗަށް އަވަސް އޮންލައިން އިން ތައްޔާރުކޮށްފައިވާ އިންޓަރެކްޓިވް ޑޮކިއުމެންޓްރީއެއް ވަރަށް އަވަހަށް ގެނެސްދޭނެ އެވެ. މި ޑޮކިއުމެންޓްރީން އެ ޖަވާބު ލިބޭނެ އެވެ)
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ވެރި ކަމުގައި ގާޒީއަކު ވަގަށް ނަގައި ހިންގެވި ޓެރަރިޒަމް އަމަލުގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލެވުނެވެ. އެމަނިކުފާނު ޖަލަށްލުމާ ގުޅިގެން އިނގިރޭސީންނަށް ހީވީ ބޮލަށް "އުޑު ވެއްޓިއްޖެ" ހެނެވެ. ރާއްޖެއަށް އެތައް ޕްރެޝަރެއްކޮށް ހެދުނުހާ ގޮތެއް ހަދައިގެން ރައީސް ނަޝީދު "އުރާލައިގެން" ގެންގޮސް އެންމެ ފަހުން އެވަނީ ސިޔާސީ ހިމާޔަތްދީފަ އެވެ. މި ހިމާޔަތާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ "ސިޔާސީ މަސައްކަތް ކުރަން އެނޫން އެހެން ގޮތެއް ނެތީ" ކަމަށެވެ.
އެެހެން ކަމުން މި މައްސަލައިގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލައިލުން ރަނގަޅެވެ. ފުރަތަމަ ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކައަށް ބަލައިލާމާ ހިނގާށެވެ. އޭގެ ކުރިން ކުޑަކުޑަ ކަމެއް ކޮށްލާން ޖެހެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދަށު ކޯޓްގައި ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެފަ އެވެ. އެ މައްސަލައިގެ ޝަރުއީ މަތީ މަރުހަލާތަކެއް ނުނިމެ އެވެ. ނުނިމޭކަން ނަޝީދު ވެސް ގަބޫލްފުޅު ކުރައްވަ އެވެ. ސަބަބަކީ ނަޝީދުގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓްގައި އެ މައްސަލަ އިލްތިމާސްކޮށްފައިވާތީ އެވެ. – ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރުން ކިޔަސް ، އިސްތިއުނާފު ކުރުން ކިޔަސް މި ދެގޮތް ވެސް ގާނޫނީ އިސްތިލާހުގައި އެންމެ ރަނގަޅެވެ --
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭހަށް ބޭރަށް، ވަޑައިގެން ފަރުވާ ނުހޯއްދަވައފިނަމަ ޕެރަލައިޒް ވެދާނެ ކަމުގެ ބިރު ހީވެގެނެވެ. ބޭރަށް އެ ވަޑައިގެންނެވި ގޮތަކަށް ވަޑައިގަތީ އެވެ. ކުރެއްވި އޮޕަރޭޝަނެއް ހޯއްދެއްވި ފަރުވާއެއް މިހާތަނަށް ސާފު ނުވާއިރު އިނގިރޭސީ ވިލާތުގައި ސިޔާސީ މަސައްކަތް ކުރައްވާ ފުޓްބޯޅަ ބައްލަވާ ހައްދަވަ އެވެ. ރާއްޖެއަށް ފާޑުވެ ވިދާޅުވެ އިންޓަވިއު ދެއްވައެވެ. ލީޑަރުންނާ ބައްދަލު ކުރައްވަ އެވެ. ރާއްޖެ ވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. އަނެއްބައި ފަހަރަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. އެހެން ގޮސް މިހާރު އެވަނީ އިނގިރޭސީ ސަރުކާރުން ރައީސް ނަޝީދަށް ހިމާޔަތްދީފަ އެވެ.
އިނގިރޭސި ސަރުކާރަށް އޮތް ސުވާލުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ރާއްޖޭގެ ގާނޫނު އަސާސީ ގަބޫލް ކުރަން ހެއްޔެވެ؟ އިނގިރޭސީ ސަރުކާރުން ރާއްޖޭގެ ކޯޓްތަކާއި ފަނޑިޔާރުންނާބެހޭ ގާނޫނު ގަބޫލް ކުރަން ހެއްޔެވެ؟ އިނގިރޭސި ސަރުކާރުން ރާއްޖޭގެ ޖުޑިޝަރީގެ މަރުހަލާތައް ގަބޫލް ކުރަން ހެއްޔެވެ؟ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނު ގަބޫލް ކުރަން ހެއްޔެވެ؟
ރާއްޖޭގެ މި ދެންނެވި ގާނޫނުތަކާއި އުސޫލްތައް އިނގިރޭސީން ގަބޫލް ނުކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ކަމެއް ކޮށްލާން އެބަޖެހެ އެވެ. ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ބައިބައިކޮށް ޣައިރު ގާނޫނީ ސަރުކާރެއް އެކުލަވައިލާ އިއުލާން ކުރުމާއެކު އެ ސަރުކާރު ގަބޫލުކުރާ ކަމަށް ބުނެ، ބީބީސީން ގަޑި އެއްހާއިރުގެ ތެރޭގައި އެ ހަބަރު ބްރޯޑްކާސްޓްކުރި ގޮތަށް މި ދެންނެވި ކަންކަމުން ކުރެ އެއްވެސް ކަމެއް ގަބޫލު ނުކުރާ ވާހަކަ ރަސްމީކޮށް އާންމު ކުރުމެވެ. މިހާތަނަކަށް އެފަދަ ބަޔާނެއް ނުނެރެ އެވެ.
އެހެން ހެދުމަށްފަހު އަފީފު "ވަގަށް" ނެގި ގޮތަށް ނަޝީދު "ފޮރުވައިގެން" ތިބުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ އޭރުން ނިންމައިގެން ތިބި ގޮތް ސާފުވާނެތީ އެވެ. އޭރުން ރާއްޖެއަށް އެ ސުވާލެއް ކުރަން ފަސޭހަ ވާނެއެވެ. މިހާރު އެއިން އެއްވެސް ކަމެއް ނުކޮށް ރައީސް ނަޝީދަށް ހިމާޔާތް ދިނުމަކީ ފިތުނަ އުފައްދާ ރާއްޖެ ބައިބައި ކުރަން އެޅި ފިޔަވަޅަކަށް ނޫނީ ނުވާނެ އެވެ.
ދެން އޮތީ ރައީސް ނަޝީދު ވިދާޅުވި ވާހަކަ އެވެ. "ސިޔާސީ މަސައްކަތް ކުރަން އެނޫން އެހެން ގޮތެއް ނެތީ" އޭ ވިދާޅުވި ވިދާޅުވުމެވެ.
ރާއްޖޭގެ ކުރީގެ ޑިޕްލޮމޭޓަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އެ ވާހަކައަކީ ވަރަށް "ހެއްވާ" ވާހަކައެވެ. ސަބަބަކީ ރައީސް ނަޝީދު ކުރައްވަންޖެހޭ ސިޔާސީ މަސައްކަތެއް މިވަގުތު ނޯންނާނެތީ އެވެ. އޭގެ ބަދަލުގައި ނަޝީދު ކުރައްވަން އޮތް މުހިންމު ދެ މަސައްކަތަކީ ބޭސްފަރުވާ ކުރެއްވުމާއި ދަށު ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައި ހުކުމާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައި އޮތްއޮތުން ޝަރުއީ މަތީ މަރުހަލާތަކުގައި ވަކި ގޮތަކަށް ނިންމަން ކުރަންޖެހިވަޑައިގަންނަވާ މަސައްކަތްކުރެއްވުމެވެ. ޝަރުއީ އެ މަރުހަލާ ނުނިންމޭހާ ހިނދަކު ސައްހަ ހުކުމެއް އެބައޮތެވެ.
އިނގިރޭސި ބޮޑު ވަޒީރަށް ތިމަންނާއަކީ ރާއްޖޭގެ ރައީސޭ ވެސް ބުނެވިދާނެ އެވެ. އެއީ ތެދެކޭ ބުނާނެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު އެއީ ހަގީގަތަކަށް ވާނެ ހެއްޔެވެ؟ ނަޝީދަށް ވެސް ސިޔާސީ މަސައްކަތް ކުރަންޖެހެޔޭ ވިދާޅުވެވިދާނެ އެވެ. އެކަމަކު އެކަން ކުރައްވަން އޮތް މަގު ސާފުވާންދެން ކުރަންޖެހޭ މަސައްކަތްނުކުރައްވާ އެކަން ކުރެއްވޭނެ ގާނޫނީ ހަމައެއް ނެތެވެ.
މިއީ ގާނޫނީ ގޮތުން ބަލާއިރު ވާހަކަ ދެކެވި ދާނެ ނުކުތާއެކެވެ. މިސާލަކަށް ރައީސް ނަޝީދަކީ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއްގެ ރައީސެއް ނޫނެވެ. ރަސްމީ ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫނެވެ. ޝަރީއަތުގައި ކުށް ސާބިތުވެފައިވާ ބޭފުޅެކެވެ. ކުށްވެރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރައްވަންޖެހޭނެ މަސައްކަތެއް ނޯންނާނެ އެވެ. އެހެންކަމުން ސިޔާސީ މަސައްކަތް ކުރަން މިނޫން ގޮތެއް ނެތޭ ވިދާޅުވެ، ރައީސް ނަޝީދު އިނގިރޭސީންގެ އުނގަށް ވެއްޓި ވަޑައިގަތުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ހެއްވާ ކަމެކެވެ.
"ދަގަނޑު ދަހަނާ" ގެ ނަމުގައި ރައީސް ނަޝީދު ފޮތެއް ލިޔުއްވާފައި ވެއެވެ. އެ ފޮތުގެ މައިގަނޑު ހުލާސާއަކީ 1800 އިން 1900 އަށް ހޭދަވި 100 އެއްހާ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމްތަކުގައި އިންޖެހި ފުރޮޅެމުން ދިޔަ ގޮތުގެ ގޮތާއި ފޮތެވެ. ބޭރުގެ އިސްތިއުމާރީ ބާރުތައް ރާއްޖޭގެ މައްޗަށް ހާއްސަކޮށް ރާއްޖޭގެ ސިޔާސީ ވެރިންގެ މައްޗަށް ނުފޫޒު ފޯރުވައި އެމީހުން ބޭނުން ގޮތަކަށް ރާއްޖެ ބައްޓަން ކުރި ގޮތެވެ.
ވަކީން ހާއްސަކޮށް ރާއްޖޭގައި ހިނގި ސިޔާސީ ބޮޑު ހުޅުގެ ފަހަތުގައި ތިބި ސިޔާސީ ލީޑަރުންނަށް އިނގިރޭސީން އެހީވެދީ އޭގެ ތެރޭގައި އެންމެ ނުރައްކާތެރި ފިތުނަ އުފައްދަައި އެމީހުންނަށް އެކި ގޮތްގޮތުން ހިމާޔަތްދީ އެމީހުންގެ މައްޗަށް ރާއްޖޭގެ ވެރިކަމުގެ ބާރުތައް ފުރޮޅައިލުމަށް އިނގިރޭސީ ކޮށްފައިވާ މަސައްކަތްތަކެވެ. ރާއްޖޭގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މާޝައްލޯ ހިންގާން ޖެހުނީ ވެސް މި ފިތުނައިގެ ސަބަބުންނެވެ.
ނަޝީދު، އެމަނިކުފާނުގެ ފޮތް ދަގަނޑުދަހަނާގައި މިހެން ލިޔުއްވައެވެ: "އިނގިރޭސީންގެ ކޮލޯނިއަލް ސިޔާސަތު ހިންގަމުން ގެންދިޔަ ޒަމާނުގައި އިނގިރޭސީން އެބައި މީހުންނަށްވުރެ ބާރުގެ ގޮތުން ދެރަ ގައުމު ތަކުގެ އެދޭ ކަންކަން ކުރުމަށް "ގަން ބޯޓް ޑިޕްލޮމަސީ" ގެ ގޮތުގައި ކިޔާން ފެށުނު އުސޫލެއް ގެންގުޅުނެވެ. މިގޮތަށް ކަންތައް ކުރާއިރުގައި މަތިފުށް ރީތި ސިޓީ ބިޓީ ބަހައްޓައިގެން އަސްލު ކަން ކުރަމުން ގެންދާނީ ބިރު ދައްކައިގެނެވެ. ދިވެހި ރާއްޖެ އިނގިރޭސީންގެ ބެލެނވެރި ކަމުގެ ދަށުގައިވި ރާއްޖެއަކަށްވީ ގަންބޯޓް ޑިޕްލޮމަސީ އޭގެ އެންމެ އަނިޔާވެރި ގޮތުގައި ބޭނުން ކުރީތީ އެވެ"
އިނގިރޭސީން ރާއްޖެއާމެދު ކަންކޮށްފައިވާ ގޮތް ދިރާސާކޮށް އެއަށް ފާޑުވިދާޅުވެ އެގޮތް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި ބޭފުޅަކު އިނގިރޭސީންގެ ޖީބަށް ވެއްޓިގެން އިނގިރޭސީންނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ "ކާލާ މަންނަ" ކަމަށް ހީކޮށްގެން މަސައްކަތް ފަށައި އެމީހުންގެ ހިމާޔަތުގެ އުނގަށް ވެއްޓި ގަތުމަކީ ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އައި ދުވަހު އަމިއްލަފުޅަށް ލިޔުއްވައި ޑަބްކޮށްގެން ނެރުއްވި ތަގުރީރާ ވެސް މުޅިން ހިލާފު ކަމެކެވެ. ކެތް ކުރައްވައިގެން އެމަނިކުފާނު ޖަލުގައި އޮންނަވާނެ ކަމަށާއި ފުރާނަ އަތްމައްޗަށް ލައިގެން ނުކުތުމަށް ގޮވާލި ގޮވާލުމާ ވެސް ދިމާ އިދިކޮޅެވެ.
"އެންމެ ހައިރާންވާ ކަމަކީ އެހުރިހާ ވާހަކައެއް ރިސާޗް ކުރައްވައިގެން ދަގަނޑުދަހާނާގައި ލިޔުއްވާފައި އޭނާގެ [ނަޝީދުގެ] ވެރި ކަމުގައި ވެރިކަން ހިންގެވީ ވެސް ހަމަ އެގޮތަށް، އަދި އެކަމުގައި އޭނާއަށް [ނަޝީދަށް] ވާގިވެރިވީ ވެސް އިނގިރޭސީން. އެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސީންގެ ބާރައި ނުފޫޒު ރާއްޖޭގެ ހުރިހާ ދިމާއަކަށް ފަތުރައިލި، ނާދީގެ ރައީސްކަން އިނގިރޭސި ސަފީރު [އާތިންޓަން ޑޭވީ] ކުރި ފަދައިން ރާއްޖޭގެ ރައީސް އޮފީހުގައި އިނގިރޭސީންގެ ވެރިކަން އޮތް، އެހެންވީމާ ރައީސް ނަޝީދު ކަން ކުރެއްވީ އިނގިރޭސީން ބޭނުންވާ ގޮތަށް. މިހާރު އެނާއަށް [ނަޝީދަށް] ހިމާޔާތް ދިނުމުން އެއީ ހައިރާންވާންޖެހޭ ވަރު ކަމެއް ވެސް ނޫން،" ނަޝީދާއެކުގައި ނޫސްވެރިކަން ކުރެއްވި، ޖަލުގައި ވެސް ދުވަސް ހޭދަ ކުރެއްވެވި ރާއްޖޭގައި އުފެދުނު ވަރަށް މަޝްހޫރު ކުރީގެ ނޫސްވެރިޔަކު ވިދާޅުވި އެވެ.
މުޅި ދުނިޔެ އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ އެއް ބޭފުޅަކީ މަހާތުމާ ގާންދީ އެވެ. އެހެންނަމަވެސް އިނގިރޭސީންނަކަށް މަހާތުމާ ގާންދީ ކަމަކު ނުދެ އެވެ. އެމީހުން އެންމެ ރުޅި އަރާ މީހުންގެ ތެރޭގައ މަހާތުމާ ގާންދީ ހިމެނެ އެވެ. އިނގިރޭސީ އިސްތިއުމާރާ ދެކޮޅަށް ގާންދީ ކާމިޔާބު ހޯއްދެވި ނަމަވެސް އިނގީރޭސީން އިންޑިޔާގައި އުފެއްދި ފިތުނަ އާއި އެމީހުން ފެތުރި ބައިބައި ކުރުންތަކުގެ ސަބަބުން އަދިވެސް އިންޑިއާއަށް އަރައި ނުގަނަވެ އެވެ.
މިއަދުވެސް އިންޑިޔާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިނގިރޭސީން އަޑީގައި ތިބެ އެމީހުންގެ "ޑިވައިޑް އެންޑް ރޫލް" ޕޮލިސީގައި ބައިބައި ކުރުމާއި ހަންފެތުރުމުގެ ތެރެއިން އުފަން ކުރުވި ކަޝްމީރުގެ ފިތުނަ އެވެ. އަދިއަދަށް ވެސް އިންޑިޔާ އަށާއި ޕާކިސްތާނަށް އެވަނީ ކަޝްމީރުގެ ފިތުނައިން މިންޖު ނުވެވި އެވެ. އެ އަލިފާންގަނޑަށް ދަރުއަޅާ ބަޔަކީ އަދިވެސް އިނގިރޭސީންނެވެ. މިއީ ސީދާ އިނގިރޭސީން އަޑީގައި ތިބެެގެން ރާވައި ހިންގި ބޮޑު ޖަރީމާއެކެވެ.
އިނގިރޭސީންނަށް ފައިދާވާ ކޮންމެވެސް ސަބަބުތަކަކާހުރެ އިނގިރޭސީންނަކީ އަބަދުވެސް ރާއްޖޭގައި ފިތުނަ އުފައްދަން ބޭނުންވާ ބައެކެވެ. ބައެއް ކަންކަން ކުރާން އުޅޭ ގޮތުން އިނގިރޭސީން އުޅެނީ ރާއްޖެއާ ފާޑަކަށް "ހިތާވެގެނޭ" ހެންވެސް ހީވެ އެވެ.
ސްއޭޒް ކެނަލް ހާދިސާއަށް ފަހު ރާއްޖެއަށް ނިސްބަތްކޮށް "ގާހިރާގެ ހިރަފުހޭ" ކިޔައި ރާއްޖޭގެ އިލްމުވެރިންނަށް މަލާމާތްކޮށް ރާއްޖޭގައި ބޮޑު ވަޒީރު ނާސިރަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު ތިއްބެވި ސިޔާސީ ލީޑަރުންނަށް ޖާސޫސް ކުރަން ފެށި ހިސާބުން ފެށިގެން އިނގިރޭސިން ރާއްޖޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރަނީ ފާޅުގަ އެވެ، އޭގެ ކުރިން ހިސާބަކަށް ފޮރުވައިގެން ސިއްރުންނެވެ.
ރާއްޖޭގައި 1800 އިން މިއަދާ ހަމަޔަށް ފެންމަތިވި ބޮޑެތި ހުރިހާ ފިތުނަ އަކާއި ބައިބައިވުމެއްގެ އަސްލަކީ ވެސް އަދި އެކަން ކަމުގެ ފަހަތުގައި ތިބީ އިނގިރޭސީންނެވެ. އެ މީހުން އުފެއްދި އެންމެ ބޮޑު ފިތުނައަކީ ދިވެހި ދައުލަތުގެ އެންމެ ދެކުނަށް އޮތް ހަތަރު އަތޮޅު ބައިބައިކޮށް ފިތުނަ އުފައްދާ ދިވެހި ދައުލަތުން ވަކިކުރުމެވެ. އެ ޒަހަރުގެ ވިހަ އަދިވެސް ރާއްޖެއިން ފިލައި ނުދެ އެވެ.
ފެށުނީއްސުރެ އިނގިރޭސީން ރާއްޖެއާ "އަޅައިގަނެގެން" އުޅޭ އިރު ރާއްޖެ ބައިބައިކޮށް ފިތުނަ އުފެއްދުން ފިޔަވައި ކޮށްދިން ކަމެއް ނެތެވެ. އައްޑު އަތޮޅުގައި އެމީހުންގެ އަސްކަރީ މަރުކަޒެއް ހަދައި އެމީހުން ބޭނުންހާ ކަމެއް ކުރުމަށްފަހު ފައިބައިގެން ދިޔައިރު ތަރައްގީކޮށްފައި ހުރި ހުރިހާ އެއްޗެއް ދިމާއަށް ގަސްދުގައި ހަލާލުކޮށްލީ އެވެ. ނުއުފުލޭ އަދި އުފުލޭ ހުރިހާ މުދަލެއް ގަތުމަށް ރާއްޖޭގެ ސަރުކާރަށް ހުށަހެޅީ ބޮޑު އަގެކެވެ.
އެތަކެތި އެއީ ރާއްޖޭގެ އިހްތިސޯސްގައި ހުރި ތަކެތި ކަމަށާއި އެ ތަކެތި ދިވެހި ސަރުކާރުން ގަންނަން ނުޖެހޭނެ ކަމަށް ބޮޑު ވަޒީރު ނާސިރު ވިދާޅުވުމުން އިނގިރޭސީން ކުރީ ޖެއްސުމެވެ. ހުރިހާ މުދަލެއް އަރުވައި ފެތިފައި އޮތް ބޯޓުގަނޑަކަށް އަރުވައި ދުރުގައި ތިބެ މެޝިން ބަޑިން ހަމަލާދީ ހުރިހާ އެއްޗެއް ކަނޑަށް ފައްތާލީ އެވެ.
މަންޒަރު ރީތިކޮށްލަން މާލޭގައި ކުޑަ ހޮސްޕިޓަލެއް އަޅައިދީ ފައިސާކޮޅެއް ދިނީ ފާޑަކަށް މަޖުބޫރުވެގެނެވެ. އެކަން ކުރުމުގައި ވެސް "ޓޮންގާގެ މަގުތައް ހަދައިދީ ތަރައްގީ ކުރިޔަސް ރާއްޖޭގައި އެކަން ކޮށްދެވޭކަށް ނެތޭ" ސީދާ ދިމާއަށް ބުންޏެވެ.
އެހެން ކަމުން އެއްވެސް އިރެއްގައި އިނގިރޭސީންނަކީ ރާއްޖެއަށް އެހީއެއްވި ބައެއް ނޫނެވެ. އައްޑޫ، 100 އަހަރަށް ހިފަން އިނީޝިއަލް އެގްރިމެންޓެއްގައި އިބްރާހިމް ފާމްލަދޭރި ކިލެގެފާނަށް މަޖުބޫރު ކުރުވައި ސޮއި ކުރެއްވުމާއި ހަމައަށް ވެސް އޭގެ ފަހަށާއި ކުރިންވެސް އެ މީހުންގެ މަނަވަރުތަކުގެ މެޝިން ބަޑިތައް ރާއްޖެއާ ދިމާއަށް އަނބުރާލައި ބިރުދެއްކުމާއި ސިޔާސީ ގޮތުން ނުފޫޒު ފޯރުވުން ފިޔަވައި ކުރި ކަމެއް ނެތެވެ.
ނަޝީދުގެ ސަރުކާރަކީ "އިނގިރޭސީންގެ ގޮނޑިކޮއްކޮ ސަރުކާރެ" ކެވެ. އެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އިނގިރޭސިން ރާއްޖެއަށް ކޮށްދީނީ ކޮން ކަމެއް ހެއްޔެވެ؟
"އެއްވެސް އެހީއެއް ނުވޭ، ހަމައެކަނި ކުރިކަމަކީ ސިޔާސީ ގޮތުން ކަރެސްމެޓިކް ކަރެކްޓާއަކަށް ނަޝީދު ބަަދަލު ކުރައްވަން ކުރި މަސައްކަތް އެ ނޫން ކަމެއް ކޮށްދީފައެއް ނެތް، އިތުރަށް ކަމެއް ކުރިޔަށް ކުރީ ފަސާދައި ކަންކަން، އޭގެ އަސަރުތައް ފެނޭ، މިއަދު، މިސާލަަކަށް ޑރ. ޝަހީދުގެ ކަންކަން، އަރަބި ދުނިޔެ އާއި ރާއްޖެ ލެޑޭ ގޮތްވުން،" ކުރިން ވާހަކަ ދެއްކެވި ޑިޕްލޮމޭޓް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އިނގިރޭސި ސިޔާސީ ހިމާޔަތް ދިނުމުން، ރައީސް ނަޝީދަށް ތާއީދު ކުރާ ބައެއް މީހުން "އޭޝިއާގެ މަންޑޭލާ އަށް ހިމާޔަތް އެރުވީ" އޭ ބުނެ އެވެ. މިއީ ވަރަށް ހިނގާ ޓްވީޓެކެވެ. ނެލްސަން މަންޑޭލާ އާއި ނަޝީދާ ވަރުން އަޅުވާނީ ކޮން ގޮތަކުން ހެއްޔެވެ؟ މަންޑޭލާ ލޯބި ކުރެއްވީ މުޅީން ސުލްހަ އަށެވެ. އެހެން ބަޔަކު ކަމަކާ އެއްވެސް ގޮތަކުން ފިކުރެއް ބޮޑުވެދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ބޭޅެކެވެ.
އެއާ ހިލާފަށް ނަޝީދު ބައިވެރިވަޑައިގެންނެވި ސުލްހަވެރި ޕްރޮޓެސްޓެއް އެބައޮތް ހެއްޔެވެ؟ ފޯންކޯލެއް ލީކްވިޔަަސް އޮންނަނީ މީހުންގެ ގައިގައި ތަޅާ އަނިޔާވެރިވާން ވިދާޅުވާ ވިދާޅުވުމެކެވެ. މުޒާހަރާއަކަށް ނުކުންނެވެވިޔަސް އަމަލު ކުރައްވަނީ އެގޮތަށެވެ. އިންތިހާބަކުން ބައްޔެއް ވެސް ވިޔަސް ޖަހަނީ ހުޅެވެ. ޕޯޑިއަމެއްގައި ވާހަކަފުޅު ދަައްކަވަން ޖެހުނަސް ވިދާޅުވަނީ އެހެން މީހުންނަށް ނުބައިކަން ދައްކަވާނެމޭ އެވެ. ދެން މަންޑޭލާއާ ވަރުން އަޅުވާނީ ކިހިނެއްތޯ އެވެ؟
މަންޑޭލާ 27 އަހަރު ޖަލުގައި އޮންނެވި އެވެ. އެ އޮންނެވި އިރު އޭއެންސީގެ ސުލްހަވެރި މުޒާހަރާތައް ގަދަވެ ރަކަރަކަ ލައިގަތުމުން ދެކުނު އެފްރިކާގެ ސަރުކާރު އޮފިޝަލުން ޖަލަށް ވަޑައިގެން އެކަން ހުއްޓުވައި ދެއްވާށޭ އޭރަށް ހިމާޔަތް އެބައޮތޭ ދެންނެވި އެވެ. ޖަވާބުގައި މަންޑޭލާ ވިދާޅުވީ ތިމަން މަނިކުފާނު އެކަމާ އަޅާ ނުލައްވައިފިއްޔާ އޮތީ ކޮންގޮތެއް ތޯއެވެ؟ އޮފިޝަލުން ވިދާޅުވަނީ ހުކުމުގައިވާ ގޮތަށް 27 ތަންފީޒު ކުރުމެވެ. މަންޑޭލާ ވިދާޅުވީ ދޮގެއް ހެދުމުގެ ބޭނުމެއް ނެއްތާ އެވެ. އެހެންވިއްޔާ ތިމަން މަނިކުފާނު އިހުތިޔާރު ކުރައްވާނީ 27 ގެ ގޮޅި އެވެ. އެއްވެސް ހިމާޔަތެއް ބޭނުންފުޅެއް ނުވެއެވެ.
މިނިވަންވެ ވަޑައިގެން ރައީސްކަން ލިބި ވަޑައިގެންނެވި ފަހުން ދޮން މީހުން އަރާ ފުރިފައިވާ ފްލައިޓެއްގައި ދަތުރުފުޅެއް ކުރައްވަނިކޮށް ބޯޓްގެ އިންޖީނަށް މައްސަލައެއް ދިމާވެ އިމަޖެންސީ ލޭންޑިންއަކަށް ދާން ޖެހުނެވެ. އެ ހާލަތުގައި ބޯޓްގެ ކެޕްޓަން ވަޑައިގެން އަރިހުގައި އެވާހަކަ ދެންނެވި އެވެ. އޭރު އިންނެވީ ނޫސް ވިދާޅުވާށެވެ. އެކަމާ މާބޮޑަށް ފަރުވާލެއް ނުބެހެއްޓެވި އެވެ. ދަތުރު ނިމިއްޖެ އެވެ. ނިމިގެން ބޯޓްގެ ކެޕްޓަނަށް ގޮވާލައްވާފައި ވިދާޅުވި އެވެ. ތިމަން މަނިކުފާނު އެވަގުތު އެއްޗެއް ވިދާޅުވެ ހަރަކާތެއް ނުގެނައީ ތިމަން މަނިކުފާނަށް ކަން ކުރެއްވޭ ގޮތަކުން އެހެން މީހުން، ހާއްސަކޮށް ބޯޓްގައި ތިބި ދޮން މީހުން އަދި މުޅި ދެކުނު އެފްރިކާ އެކަމާ ބިރުން ތެޅިގެންފާނެތީ އެވެ. އެއްވެސް މީހަކު ވެސް އަދި ގައުމުވެސް ހާސްވެ ބިރު ގަތުމަކީ ތިމަން މަނިކުފާނަށް އުފާވާ ކަމެއް ނޫނެވެ. ތިމަން މަނިކުފާނުގެ ހިމާޔަތަށްވުރެ އެހެން މީހުންނަށް އޮންނަންޖެހޭ ހިމާޔަތް މާ ބޮޑެވެ. ގައުމު އެއީ ގައުމެވެ.
ނަޝީދަކީ ދޮގެއް ހައްދަވަން ޗާންސެއް ލިބިއްޖެއްޔާ ތެދެއް ހައްދަވާ ބޭފުޅެއް ނޫނޭ ބައެއް މީހުން ބުނެ އެވެ. އެމަނިކުފާނު ހައްދަވާ ދޮގަކަށް މީހަކު ޗެލެންޖެއް ކުރިޔަސް ވިދާޅުވަނީ އެއީ ފަލްސަފާ އެވެ. އެއީ ސީދާ އިނގިރޭސީންގެ ވިސްނުމެވެ. އެހެންކަމުން އިނގިރޭސީންގެ ފަލްސާފާއާ އެއްގޮތަށް ބޭސް ކުރައްވަން ވަޑައިގެންނެވި ގޮތަށް ދަގަނޑު ދަހަނާ އަޅުއްވައިގެން "ނަޝީދު އިނގިރޭސި ހިމާޔަތުގެ އުނގަށް ވެއްޓި" ވަޑައިގަތީ އެވެ. އެއީ ހައިރާންވާވަރުގެ ކަމެއް ވެސް ނޫނެވެ.
ކުށުގެ އިސްލާހު
މި ރިޕޯޓްގައި އިނގިރޭސީން ގަން ދޫކޮށްލި އިރު ހުރިހާ މުދަލެއް އައްޑު އަތޮޅުަގައި ޖަޕާނުގެ ސަބްމެރީންތަކުން ހަމަލާދީ ފޫދުއްވަލާފައި އޮތް ތެޔޮ ބޯޓް، "ބްރިޓިޝް ލޯޔަލްޓީ" އަށް އަރުވާ އަޑިއަށް ދުއްވާލީ ކަމަށް ލިޔެވެފައި ވަނީ މައުލޫމާތު އެއްކުރުމުގައި އެރި އޮޅުމަކުންނެވެ. މުދާތައް އެރުވި ބޯޓަކީ ބްރިޓިޝް ލޯޔަލްޓީއެއް ނޫނެވެ. ވީމާ އެ ކުށަށްޓަކައި ކިޔުންތެރިންގެ އަރިހުން ވަރަށް ބޮޑަށް މާފަށް އެދެމެވެ. މިހާރު އެ އިބާރާތް ވާނީ އިސްލާހުކޮށްފަ އެވެ.