ދީން

ސިޔާސީ ނިޒާމުގައި އަމަލު ކުރާނެ ގޮތްވެސް އިސްލާމީ ޝަރީޢަތުގައި ފުރިހަމަ

Feb 9, 2015
1

އަނެއްކާވެސް އާ ދުވަހެކެވެ. ޤައުމު ސިޔާސީ ގޮތުން މަޑުމަޑުން މިއޮއްދަނީ ކައްކާ ދޮންކުރަމުންނެވެ. ދޮންވަމުން ދަނީ ކޮން ކަމަކަށްކަމެއް ސާފުވާ އެއްވެސް އިންސާނަކު ހުރި ފާޑެއް ނުޖަހައެވެ. ފަހު ތަޅާލުންގަނޑަކަށް ދާންއުޅޭ ފާޑުވެސް ޖަހައެވެ. ޖަމަލު ފޮޑިއެއްހެން، އަޑު ކިޔާފައި ވަހެއް ނުހުރެވެސް ހިނގައިދާނެއެވެ. އަޅުގަނޑު މިއުޅެނީ ސިޔާސީ ކޮލަމެއް ލިޔާކަށް ނޫނެވެ. ނަމަވެސް، މިހިނގާ ސިޔާސީ ހާދިސާތަކުގެ ތަރަޙައިގެ ބޭރުން، އިޖްތިމާޢީ ދާއިރާއަކަށް އަލިއަޅުވާލުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެތީ މިވާހަކަ ލިޔެލަން ހިތަށް އެރީއެވެ.

މިދުވަސްވަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ސިޔާސީ ގޮތުން އެކަކު އަނެކަކާ ދިމާއަށް އެއްޗެތި ކިޔާ ހަދާ ތަނެވެ. އެއްޗެތި ވެސް ކިޔާނެއެވެ. ޖަލްސާވެސް ބާއްވާނެއެވެ. ނުރުހިގެން ވާހަކަވެސް ދައްކާނެއެވެ. އެއީ މިޒަމާނުގެ ސިޔާސީ ޙަރަކާތުގެ ވިރާސީ އެއް ސިފައެވެ.

އަޅުގަނޑުމެންނީ މުސްލިމުންނަށްވާތީ، މިދެންނެވި ޒާތުގެ ސިޔާސީ "ޙަމަލާ" ތައް އައުމުން ކަންތައް ކުރާންވާނީވެސް އިސްލާމީ އުޞޫލުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އިސްލާމީ ޝަރީޢަތް ސިފަވެފައިވަނީ، އަތް ކެނޑުމާއި މަރަށް މަރު ހިފުމާއި، ޖަލްދުކުރުމާއި، މިބާވަތުގެ ކުށްކުށުގެ އަދަބާ ބެހޭ ކަންކަމަށް ޚާއްޞަވެފައިވާ އެއްޗެއްގެ ގޮތުގައެވެ. އެއީ ޙަޤީޤަތެއް ނޫނެވެ. އިސްލާމީ ޝަރީޢަތަކީ އެއަށްވުރެ މާ ބޮޑު، މާ ފުރިހަމަ އެއްޗެކެވެ. އިސްލާމީ ޝަރީޢަތުގައި ޢަދުލު އިންޞާފުގެ ނިޒާމެއްވެއެވެ. އަދަބުގެ ނިޒާމެއްވެއެވެ. އިޤްޠިޞާދީ ނިޒާމަކާއި، އިޖްތިމާޢީ ނިޒާމެއްވެސްމެއެވެ. ސިޔާސީ ނިޒާމެއްވެސް ވެއެވެ.

ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި، ސިޔާސީ މީހުން އެކަކު އަނެކަކާ ދިމާއަށް އެއްޗެތި ކިޔައި އުޅުމުން، އެކަމުގެ ރައްދުގައި މީހުން ދެއްކި ވާހަކަތަކަށް ބަލައިލުމުން، އަޅުގަނޑުގެ ހިތަށް އެރިއެވެ. ސިޔާސީ މީހުންނާއި ސިޔާސީ ނޫންކަމަށް ބުނާ މީހުން ސިޔާސީ ކަންކަމަށް ރައްދު ދިނުމުގައިވެސް އިސްލާމީ ޝަރީޢަތުގައި ކޮންމެވެސް ހަމައެއް، އުޞޫލެއް އޮންނާނެއެވެ. އެކި މީސްމީހުންގެ އަބުރަށާއި، އެމީސްމީހުންގެ ތަޢުލީމީ ފެންވަރާބެހޭ ގޮތުން ކުޑައިމީސްކޮށް ވާހަކަ ދެއްކުން އެއީ އިސްލާމީ ނިޒާމުގެ ތެރޭގައި އޮންނާނެ ގޮތެއްކަމަކަށް އަޅުގަނޑަކަށް ނުވިސްނުނެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު އެއް މަޤްޞަދަކީ މީސްމީހުންގެ އަބުރު ރައްކާތެރިކުރުން ކަމަށްވާތީއެވެ.

އެހެން ވާހަކައެކެވެ. ރަސޫލުﷲ (ޞ) އިންނެވި މަޖިލީހެއްގައި، މީހަކު އަބޫބަކުރުގެފާނާ ދިމާއަށް ވަރަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް އެއްޗެހި ކިޔަން ފެށިއެވެ. އަބޫބަކުރުގެފާނު ބަސްފުޅެއް ވިދާޅެއް ނުވިއެވެ. ރަސޫލާ (ޞ) މިކަމާ ހިނިވަރުނަ ކުރައްވަން އިންނެވިއެވެ. ނަމަވެސް، އެމީހަކު އަބޫބަކުރުގެފާނާ ދިމާއަށް ކިޔަންފެށި އެއްޗެހިތައް ދިގުލައި ދިއުމުން، އެކަމާ ކޯފާވެގެން އަބޫބަކުރުގެފާނުވެސް ރައްދުގައި ބަސްފުޅެއް ވިދާޅުވެއްޖެއެވެ. އަބޫބަކުރުގެފާނު ބަސްފުޅު ވިދާޅުވުމާއެކު ރަސޫލާ (ޞ) ހިތްހަމަޖެހިވަޑައިނުގެތް، އެތަނުން ދުރަށް ވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނު މިކަމާ ސުވާލު އުފެދިގެން ރަސޫލާ (ޞ) ކުރެން އެއްސެވިއެވެ. ތިމަންނާއާ ދިމާއަށް އެއްޗެތި ކިޔުމުން، ހިނިވަރުނަ ކުރައްވަން އިންނަވާފައި، ތިމަންނާ ރައްދުގައި އެއްޗެއް ބުނުމުން ހިތްޕުޅު ހަމަޖެހިވަޑައި ނުގެންނެވީ ކީއްވެގެންތޯއެވެ. އެކަމުގައި އިންޞާފަކީ ކޮބައިތޯއެވެ. ރަސޫލާ (ޞ) ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނާ ދިމާއަށް އެމީހާ އެއްޗެތި ކީ އިރު ކަލޭގެފާނުގެ އަރިހުގައި މަލާއިކަތް ބޭކަލަކު އިންނެވިއެވެ. އެމަލާއިކަތާ އެމީހާއަށް ރައްދުދެއްވިއެވެ. ނަމަވެސް ކަލޭގެފާނު ބަސްފުޅެއް ހަމަ ވިދާޅުވުމާއެކު މަލާއިކަތާ ދުރަށްގޮސް، އެތަނަށް ޝައިޠާނާ އައިސްފިއެވެ. ތިމަން މަނިކުފާނު ޝައިޠާނާއާއެކު އެއް މަޖިލީހެއްގައި އިންނަވަން ބޭނުންފުޅު ނުވީއެވެ.

އިސްލާމީ ޝަރީޢަތަކީ ހަމައެކަނި މީހުން މަރާ، އަތްކަނޑާ ހެދުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ސިޔާސީ ނިޒާމުގައި ޢަމަލު ކުރާނެ ގޮތްވެސް ވެއެވެ. އެނިޒާމަކީ ފުރިހަމަ ނިޒާމެކެވެ. ސިޔާސީ މީހުން އެކަކު އަނެކަކަށް ރައްދު ދީ ހެދުމުގައި ދައްކަންނުޖެހޭ ބޭކާރު ވާހަކަ ދައްކާ ހެދުމަކީ އިސްލާމީ އުޞޫލެއް ނޫނެވެ. އިސްލާމީ އުޞޫލަކީ، ރައްދުދޭން ނުޖެހޭ ޙާލަތުތަކުގައި މަޑުމައިތިރިކަމާއެކު، ރީތިކޮށް 'ސަލާމް' އޭ ބުނުމެވެ.