ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ބޮން ގޮއްވި މައްސަލާގައި އަދީބުގެ ފަރާތުން ހެކިންގެ ގޮތު މައުމޫނާއި މެޑަމް ފާތުން ހުށަހަޅައިފި

ރައީސްލް ޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި ރައީސް އަބްދުﷲ ޔާމީން އަވަރާކޮށްލަން ދިން ބޮމުގެ ހަމަލާގައި ޓެރަރިޒަމް ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމްދު އަދީބާއި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހުސައިން ރިކާޒާއި އަހުމަދު އާމިރު، އެމީހުންގެ ދިފާއީ ހެކިންގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކނަބަލުން މެޑަމް ފާތުމަތު އިބްރާހިމް ގެ ނަން ޝަރީއަތަށް ހުށަހަޅައިފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންގެ ނަންފުޅު ހެކީންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވަނީ އަދީބު ފަރާތްޕުޅުންނެވެ. މީގެ އިތުރުން ސިފައިންގެ އިސްވެރިންތަކެއްގެ ނަންތައް ވެސް ހުށަހަޅާފައި ވެއެވެ.

މި މައްސަލާގައި މިއަދު ކުރިއަށްދިޔަ ދެގަޑިއިރެއްހާ ދިގު އަޑުއެހުމުގައި ދައުލަތުންނާއި ދައުވާ ރައްދުވާ ތިން ފަރާތުން ވެސް ވަނީ ހެކިހުށަހަޅާފަ އެވެ. އެގޮތުން ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ އަދީބު އިސްވެހުރެކަން ސާބިތުކޮށްދިނުމަށް ދައުލަތުން ވަނީ އަދީބާ ދެކޮޅަށް ސިއްރު 13 ހެއްކެއް ހުށަހަޅާފަ އެވެ. ދައުލަތުން ހެކި ހުށަހެޅީ ޖުމްލަ 16 ކަމެއް ސާބިތުކޮށްދިނުމަށެވެ. ރައީސް ޔާމީންގެ ދަރިކަލުން

ލޯންޗްކޮޅުގެ ހަމަލާ ނާކާމިޔާބުވެ، އަދީބުގެ މައްޗަށް ތުހުމަތުކުރެވޭނަމަ ފިއްލަވައިގެން ރާއްޖެ ދޫކޮށްދިޔުމަށް އަދީބު މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ މިއަދު ވަނީ އަދީބުގެ މޯބައިލް ފޮރެންސިކް ރިޕޯޓެއް ހުށަހަޅާފަ އެވެ.

މީގެއިތުރުން އަދީބާ ދެކޮޅަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފައިވަނީ ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ އުފެއްދީ އަދީބު އިސްކޮށް ހުންނަވައިގެން ކަމާއި އަދީބު ރާވާފައިވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށްފަހު ރައީސްކަމާ ހަވާލުވުމަށް ކަމާއި ލޯންޗްކޮޅުގެ މައްސަލާގައި ހިމެނޭ މީހަކު ސަލާމަތްކުރުމަށް އަދީބު މަސައްކަތްކުރި ކަމާއި އަދީބު ދިރިއުޅުނު ރެހެންދި ފްލެޓްގައި ހަތިޔާރު ގެންގުޅުނު ކަމާއި ހަތިޔާރުތައް ހިބަޅިދޫއަށް ގެންދިޔަ ކަމާއި އައިއީޑީ އުފެއްދުމުގައި އަދީބުގެ ދެ ބޮޑީގާޑުން ބައިވެރިވެފައިވާކަން ސާބިތުކޮށްދިނުމަށް ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

މީގެއިތުރުން ވެސް ކިތާބީ ހެކީގެ ގޮތުގައި ވެސް ދައުލަތުން އަދީބާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، އެ ހާދިސާ ތަހުގީގުކުރި ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި އަދީބު ދިރިއުޅުނު ރެހެންދި ފްލެޓުގެ 6 ބީ އެޕާޓްމެންޓުގެ ކްރައިމް އޮފް ސީން ރިޕޯޓާއި ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ފިޒިކަލް އެވިޑެންސް އެގްޒަމިނޭޝަން ރިޕޯޓާއި ސިފައިންގެ އޯޑިނެންސް ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހިމެނެ އެވެ. އޭގެއިތުރަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒާއި ރައީސްގެ ދެ ބޮޑީގާޑުންނާއި ސެކެރެޓްރީ ފާތުމަތަށާއި އިތުރު މީހަކަށް ލިބިފައިވާ އަނިޔާތައް ސާބިތު ކުރުމަށް މެޑިކޯ ލީގަލް ރިޕޯޓް ވެސް ވަނީ ހުށަހަޅާފަ އެވެ. މި މެޑިކޯ ލީގަލް ރިޕޯޓްގައި މެޑަމް ފާތުމަތުގެ ނަން ނެތްކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ މެޑަމް ފާތުންނަށެވެ.

ދައުވާއިން ދިފާއުވުމަށް ހެކި ހުށަހަޅަން އަދީބަށް ލިބުނު ފުރުސަތުގައި ރައީސް މައުމޫނާއި މެޑަމް ފާތުމަތުގެ ނަން ހުށަހަޅާފައިވާއިރު، ރައީސް މައުމޫންގެ ނަން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ފިނެފެންމާ ލޯންޗްކޮޅުގައި ދަތުރުފުޅު ކުރެއްވިކަން ސާބިތުކޮށްދިނުމަށެވެ. މެޑަމް ފާތުންގެ ނަން ހުށަހެޅީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީން އަދި އަނބިކަނބަލުން އެއާޕޯޓުން ފިނިފެންމާ ލޯންޗްކޮޅުގައި މާލެ ވަޑައިގެންނެވިއިރު ރައީސްގެ ދަރިކަލުން އެހެން ލޯންޗެއްގައި އެއާޕޯޓުން މާލެ ވަޑައިގެންނެވިކަން ސާބިތުކޮށްދިނުމަށެވެ.

އަދީބު ވަނީ 14 ކަމެއް ސާބިތުކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން އަދީބު ވަނީ އާރަށަށް ދިޔުމަށް އަދީބު ލޯންޗްކޮޅަށް އެރިފަހުން އެ ލޯންޗްކޮޅު ސެކިއުރިޓީ ޗެކްކޮށްފައިވާ ކަމާއި ލޯންޗްކޮޅުގައި ބޮމެއް ހަރުކުރެވޭ ގޮތަށް ވަކިން އަދީބު ހަރަކާތްތެރިވެފައިނުވާ ކަމާއި ނައިބު ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވުމުން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމާއި ލޯންޗްކޮޅުގައި ގޮވާފައިވަނީ އައިއީޑީއެއް ނޫން ކަމާއި ރައީސް މައުމޫން، ފިނިފެންމާ ލޯންޗްކޮޅު އަދީބަށްވުރެ ފަހުން ބޭނުންކުރައްވާފައިވާ ކަމާއި ލޯންޗްކޮޅުން ނެގި ސާންޕަލްތަކުން އެކްސްޕްލޯސިވް ފެނިފައިނުވާ ކަމާއި ލޯންޗްކޮޅުގެ މެއިންޓެނެންސްގެ ކަންތައްތައް ނުކުރާތާ ދެ އަހަރުވެއްޖެކަން ސާބިތުކުރުމަށް އަދީބު ހެކި ހުށަހަޅާފައިވެ އެވެ.

އޭގެއިތުރަށް ވެސް ލޯންޗްކޮޅުގެ އިންޖީނުގެ މައްސަލަތަކެއް ޖެހިގެން އުޅުން ކަމާއި އިންޖީނު މަރާމާތުކުރުމަށް ލޯންޗްކޮޅަށް ބަޔަކު އެރި ކަމާއި ސަރުކާރުން އަދީބު ބޭރުކުރަން ޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމާއި ލޯންޗްކޮޅުގައި އެއްޗެއް ގޮވި ދުވަހު ރައީސްގެ ދަރިކަލުން އެހެން ލޯންޗެއްގައި މާލެ ގެނައި ކަމާއި އަދީބު ހައްޔަރުކުރުމާ ހަމައަށް ބަޑި ގުދަނުން އެއްޗެއް ބޭރުނުވާ ކަމާއި އަދީބުގެ އެޕާޓްމެންޓަށް ހަތިޔާރު ގެންގޮސްފައިވަނީ ފްރޭމްކުރުމަށް ކަން ސާބިތުކުރުމަށް ވެސް އަދީބު ހެކި ހުށަހަޅާފައިވެ އެވެ.

މިކަންކަން ސާބިތުކޮށްދިނުމަށް އަދީބު ވަނީ ސިފައިންގެ ބައެއް އިސް ބޭފުޅުންގެ ނަންތައް ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އަދީބު ވަނީ ހެކީންގެ ގޮތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރަ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބުދުއްރައޫފާއި، ކެޕްޓަން ނަޖީބާއި ކުރީގެ އެސްޕީޖީއާއި ބަޑި ގުދަނާއި ހަވާލުވެ ހުންނެވި ކާނަލް އަހުމަދު ފަޔާޒު(ޕާޕާ)ގެ ނަން ހުށަހަޅާފަ އެވެ. މީގެއިތުރުން ފިނިފެންމާ މައްސަލާގައި ހައްޔަރުކޮށްފައިވާ ސިފައިންގެ މީހެއް ކަމަށްވާ މުހައްމަދު ޖަވާޒުގެ ނަން ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އާމިރާއި ރިކާޒުގެ ފަރާތުން ހުށަހެޅީ އެއް ހެކިތަކެވެ. އެއީ، 11 ކަމެއް ސާބިތުކޮށްދިނުމަށެވެ. އޭގެ ތެރޭގައި، ލޯންޗްކޮޅުގައި އެ ދެ މީހުން ދަތުރުކުރުމަށް ލޯންޗްކޮޅުގެ ސެކިއުރިޓީ ޗެކްކޮށްފައިވާކަން ސާބިތުކޮށްދިނުމަށާއި އަދީބު އާރަށަށް ވަޑައިގަތުމަށް ވަކި ލޯންޗެއް ހަަމަޖެއްސުމަށް އެދިފައިނުވާ ކަމަާއި ރައީސް މައުމޫން އެ ލޯންޗްކޮޅު ބޭނުންކުރެއްވި ކަމާއި އެ ލޯންޗްކޮޅުގައި އެކަހެރި ވަގުތުތަކެއ ހޭދަކޮށްފައިނުވާ ކަމާއި ލޯންޗްކޮޅުގައި އައިއީޑީއެއް ނުވާ ގޮވާ ކަމާއި އެކްސްޕްލޯސިވެއް ނެތް ކަމާއި ލޯންޗްކޮޅު މަރާމާތުނުކުރާތާ ދެ އަހަރުވެފައިވާ ކަމާއި އިންޖީނުގެ މައްސަލައެއް ދިމާވެ އިންޖީނު މަރާމާތުކުރުމަށް ބަޔަކު ލޯންޗްކޮޅަށް އެރިކަން ސާބިތުކުރުން ހިމެނެ އެވެ.