ކުނި މެނޭޖް ކުރުން

ތިން ރަށެއްގެ ކުނި މެނޭޖްކުރަން މިލިއަނަކަށްވުރެ ގިނަ ރުފިޔާ

އއ. ތޮއްޑޫ ކުނި މެނޭޖްކުރާ މަރުކަޒަށް ޖެނެރޭޓަރެއް ސަޕްލައިކޮށް، ޑެލިވާކޮށް އަދި އިންސްޓޯލްކުރުމަށާއި، މ. މުލީ ކުނި މެނޭޖްކުރާ މަރުކަޒުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކުނި އަންދާ އިންސިނެރޭޓާ ބިނާކުރުމަށް އަދި ބ. ދަރަވަންދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓްތަކަށް ހަރަދުކުރަން ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) އިންނެވެ. މި ތިން ޕްރޮޖެކްޓަށް ޖުމްލަ 140،207،4 ރުފިޔާ ހަރަދުކުރަން ނިންމާފައިވެ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ ތޮއްޑޫ ކުނި މެނޭޖްކުރާ މަރުކަޒަށް ޖެނެރޭޓަރެއް ސަޕްލައިކޯށް، ޑެލިވާކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތަކީ 380،000 ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް އަށް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ.

މުލީ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓާ ބިނާކުރަން ހަވާލުކޮށްފައިވަނީ އިންޓާލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓަކީ 843,655.11 ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 45 ދުވަސް ތެރޭގައި ކަމަށް އާމިރު ވިދާޅުވި އެވެ.

ދަރަވަންދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރާ ޕްރޮޖެކްޓާ ބެހޭގޮތުން އާމިރު ވިދާޅުވީ މިއީ 15 ދުވަސް ތެރޭ ނިންމަން ޖެހޭ ޕްރޮޖެކްޓެއް ކަމަށާއި އަދި އެއީ 178،419 ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިނީވަ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އާމިރު ވިދާޅުވީ މުޅީގެ އިތުރުން އިންސިނިރޭޓަރު ބަހައްޓަން އިތުރު ދެރަށެއްގެ ޓެންޑާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިން ހަދާފައިހުރި ކުނިކޮށި އަޕްގްރޭޑް ކުރަން މިހާރުވެސް އިތުރު ދެރަށެއް ހަވާލުކޮށްފައިވާ ކަމަށާއި ހަ ރަށެއްގެ ބިޑިން ޕްރޮސެސް ކުރިއަށްދާ ކަމަށެވެ.