ކުނި މެނޭޖް ކުރުން

މާލޭގެ ކުނި މެނޭޖްކުރާނެ ނިޒާމެއްގެ ކޮންސެޕްޓް ތައްޔާރު ކުރަން ހުޅުވާލައިފި

ވެރިރަށް މާލޭގައި އުފައްދާ ކުނި އެކަށީގެންވާ ގޮތުގައި މެނޭޖްކުރާނެ ނިޒާމެއްގެ ކޮންސެޕްޓް ތައްޔާރުކުރާނެ ފަރާތެއް ހޯދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތުގެ ބޭނުމަކީ މާލެއަށް އެންމެ އެކަށީގެންވާ ވޭސްޓް ކަލެކްޝަން، ޓްރާންސްޕޯޓް، އިންޓަމީޑިއަރީ ޓްރީޓްމަންޓް ނުވަތަ ޕްރޮސެސިންގް އެންޑް ޓްރާންސްފާ ނިޒާމަކީ ކޮބައިތޯ ބެލުން ކަމަށެވެ. އަދި ބުނީ މި ނިޒާމު ފަރުމާކޮށް އޭގެ ކޮންސެޕްޓް ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއްގެ އެހީތެރިކަން މިނިސްޓްރީއަށް ބޭނުންވާ ކަމަށެވެ.

ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ކުނި އުފެދޭ މިންވަރާއި ކުނީގެ ބައިތަކުގެ ސާވޭއެއް ހަދަންޖެހެ އެވެ. އަދި ކުނި މެނޭޖުކުރާ ފެސިލިޓީގެ ކޮންސެޕްޓް ޑިޒައިންތައް ތައްޔާރުކޮށް، ޕްލިމިނަރީ، ޑީޓެއިލް ޑިޒައިން އާއި ޓެންޑާ ޑޮކިއުމަންޓްސް ތައްޔާރުކުރަންޖެހެ އެވެ.

މިނިސްްޓްރީން ކުރި އިއުލާންގައި ބުނަނީ މި މަސައްކަތްކުރަން ޝައުގުވެރިވާ ކޮންސަލްޓަންސީ ކުންފުނި، އަދި ފާމުތަކަށް ރިކުއެސްޓް ފޯރ ޕްރޮޕޯސަލް އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާ ކަމަށާއި ޝައުޤުވެރިވާ ފަރާތްތައް މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން އަންނަ މަހުގެ 12 ގައި ހުށަހެޅުމަށް އެދޭ ކަމަށެވެ.