ރިޕޯޓް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އިންޑިއާގެ ނުފެންނަ އަތް!

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދިޔައިރު އެ އިންތިހާބު ކާމިޔާބުކުރުން އެންމެ ގާތީ ކޮން ކެންޑިޑޭޓެއްތޯ އަދި ތާއީދުކުރާނީ ކޮން ކެންޑިޑޭޓަކަށްތޯ ބެލުމަށް ރާއްޖޭގައި ބިދޭސީންގެ ބަޔަކު ހަރަކާތްތެރިވި އެވެ. މި ބައްދަލުވުންތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭ ސިޔާސީ ބައެއް ބޭފުޅުން ވެސް އެ ވާހަކަ ފާޅުކޮށް ދައްކަވަން ޖެހިލުންވެ ވަޑައިިގަންނަވަ އެވެ. އެހެންވެ އެ ފަރާތްތަކުގެ ވާހަކަ ޖުމްލަކޮށް، ހުލާސާކޮށްލާނަމެވެ.

އެއީ އިންޑިއާގެ މަތީ ފެންވަރުގެ ޓީމެކެވެ. އެހެން ބުނަން ޖެހެނީ އެ ޓީމުގެ މެންބަރުންނަށް އާދަޔާ ހިލާފް އިހްތިޔާރު ތަކާއި ބާރުތައް ލިބިދީފަައި ވުމުންނެވެ. އެ ބޭފުޅުން ގެންދެވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކެންޑިޑޭޓުންނާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ. ބޭނުމަކީ ކެންޑިޑޭޓުންގެ ސިޔާސަތާއި ފިކުރު ދެނެގަތުމެވެ. އިންޑިއާގެ މަސްލަހަތަށް އެންމެ ރަނގަޅީ ކޮން ކެންޑިޑޭޓެއްތޯ ބެލުމެވެ. އެކަމަކު އެ ޓީމުގެ މެންބަރުންނާ ބައްދަލުކުރައްވަން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ދެކޮޅުހެއްދެވި ކަމަށްވެ އެވެ. އެހެންވެ ޔާމީންގެ ހަގީގަތް ދެނެގަތުމަށް އޭރުގެ ބާރުގަދަ ވަޒީރަކާ ބައްދަލުކުރި އެވެ. އެ ބައްދަލުވުން ބޭއްވީ މެލޭޝިއާގައި ކަމަށް އެނގިފައިވެ އެވެ.

މި ބައްދަލުވުންތަކަށް ފަހު އައި ނިންމުމަކީ އިންޑިއާ އިން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް އެއްގޮތަކަށް ވެސް ތާއީދު ނުކުރުމެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގި ޖީއެމްއާރް ރާއްޖެއިން ބޭރުކޮށްލި މައްސަލާގައި ހިނގި ކަންކަމަށް ބަލައި، ވަހީދު ހޮވުނަ ނުދޭން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ނިންމި އެވެ. ޔާމީނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކޮއްކޮއެއް ކަމަށް ވެފައި މައުމޫނަކީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވެވި ވެރިޔަކަށް ވުމުން ޔާމީން ވެރިކަމަށް ގެނައުމުގައި މައްސަލައެއް ނެތް ކަމަށް ބެލި އެވެ. ޔާމީން ވެރިކަން ކުރައްވާނީ މައުމޫންގެ ލަފާގެ މަތިން ކަމަށް ބަލައި ފުރަތަމަ ހޮވުމަކީ ޔާމީން ކަމަށް ނިންމި އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮވުނަސް މައްސަލައެއް ނެތް ކަމަށް ނިންމިޔަސް އެ މަނިކުފާނު ދެ ވަނަ ހޮވުމަކަށް ހެދީ ޑިޕްލޮމަސީގެ ހަމަތަކުގެ ބޭރުން ނަޝީދު ބައެއް ކަންކަން ކުރައްވާ ކަމަށް ފާހަގަކުރެވޭތީ އެވެ.

ރާއްޖެ އަކީ އިންޑިއާ އަށް ވަރަށް މުހިންމު ގައުމެކެވެ. އެހެންވެ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ މެދު އެ ގައުމުން އަޅާނުލައި ތިބޭނެ ކަމަށް ނިންމާނީ މޮޔައެކެވެ. ގައުމުގެ ވެރިކަމަށް ކޮންމެ މީހަކު ހޮވުނަސް މައްސަލައެއް ނެތޭ ބުނެ ކުޅިބަލަން އިންޑިއާ އޮންނާނެ ކަމަށް ގަބޫލުކުރުމަކީ ވެސް އެހާ މޮޔަ ވިސްނުމެކެވެ.

ޑިޕްލޮމެޓިކް ހިމާޔަތް ހޯދުމަށް އިންޑިއާ އިން ރާއްޖެ އަށް ހުށަހަޅާ މީހުންގެ އަަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން "އަވަސް" އަށް އެނގިފައިވެ އެވެ. އެކަމަކު އިންޑިއާ އަށް ވުމުން ދިވެހި ސަރުކާރުން އެކަން އެހާ ބޮޑު ކަމަކަށް ނުހެދިޔަސް ސަލާމަތީ ބާރުތަކުން އެކަމާ ފިކުރުބޮޑުވާ ކަމަށް އެނގިފައިވެ އެވެ. މިގޮތަށް ޑިޕްލޮމެޓިކް ހިޔާމަތް ލިބިފައިވާ ހާއްސަ ބައެއް މީހުން ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ ކުރީގެ ބައެއް އޮފިސަރުންނާ ވަރަށް ގާތް ގުޅުންތަކެއް ވެސް ބާއްވަ އެވެ. އަޑިނޭނގޭ "މަސައްކަތްތަކެއް" ގުޅިގެން ކުރެ އެވެ. ބައެއް ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވައި ހާއްސަ ކެއުންތައް ބާއްވަ އެވެ. މި ބާއްވާ ހާއްސަ ގުޅުންތަކުގެ ތެރެއިން މުޅިންހެން އަންނަނީ ސިޔާސީ ވާހަކަތަކެވެ. މީގެ ތެރެއިން ބައެއް ދިވެހިން އަގަށް ވެސް މަސައްކަތް ކޮށްދެ އެވެ.

މިއީ ހިނގަމުން އަންނަ ކަންކަމެވެ. މި ނުފެންނަ އަތްތަކުން ރާއްޖޭގެ ސިޔާސީ ކަންކަން ބައްޓަން ކުރުމަށް އެކި ގޮތްގޮތުން ހަރަކާތްތައް ހިންގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޖިނާއީ މައްސަލައިގެ ޝަރީއަތަށް ހާޒިރުވެ ވަޑައިގަތުމަށް އިންކާރު ކުރައްވައި އިންޑިއާ ހައި ކޮމިޝަންތެރެއަށް ވަދެވަޑައިގަތުމުން އިންޑިއާ އިން އަމަލުކުރި ގޮތް އެއީ ދެ ގައުމުގެ "އެކުވެރި ގުޅުމުގެ" މިސާލެކެވެ. ކޯޓަށް ފިއްލަވަން ނަޝީދު އިންޑިއާ ހައި ކޮމިޝަނު ތެރެއަށް ވަދެވަޑައިގަންނަވާނީ ސަޕްރައިޒެއްގެ ގޮތުގައެެއް ނޫނެވެ. ދިވެހި ދައުލަތަށް ގޮންޖެހުމަށް ފަހު އިންޑިއާ އިން އިސްކުރީ ނަޝީދެވެ. ސަބަބު ސާފެވެ. އޭރު ވެރިކަމުގައި ހުންނެވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް ގޯސްވި ނިންމުންތައް ނިންމެވި ވަހީދެވެ!

ދެން މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރާ ދެކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމުގައި ވެސް ނުފެންނަ އަތްތަކެއްގެ ބާރު އުޅޭ ކަމުގެ އަޑުތައް އިވެ އެވެ. އެކަަމަކު އެހެން ގައުމުތަކުން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނައިގެން ހިންގާ މިފަދަ ކަންކަމުގެ ސާބިތު ހެކި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ މިފަދަ ކޮންމެ ތުހުމަތަކާ އެކު ވެސް ތިޔައީ ދޮގެކޭ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމަކާ ނުބެހެމޭ ބުނާނެ އެވެ. މިސާލަކަށް ބުނާ ނަމަ ލަންކާގައި ތަމަޅައިން ވަކިވެގަތުމަށް ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ޖާސޫސުން ލަންކާގައި ހިންގި ހަރަކާތްތައް ނަގަމާ ހިނގާށެވެ. ޓެރަރިސްޓުންނަށް ހަތިޔާރާއި ތަމްރީނު އަދި އެހެނިގެން އެހީތައް ވެސް އިންޑިއާ އިން ދިނެވެ. ނަތީޖާއަކަށްވީ ލަންކާ އަކީ ނުރައްކާތެރި ގައުމަކަށް ބަދަލުވުމެވެ. އިންޑިއާއާ ދުރުވެ ޗައިނާކޮޅަށް ޖެހުމާ އެކު ލަންކާގެ ރައީސްކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ ދުރުކުރުމަށް ވެސް އިންޑިއާ އިން ސިއްރު ހަރަކާތްތައް ހިންގި ކަމުގެ އަޑުތައް ވަނީ އަރައިފަ އެވެ.

ރާއްޖެ ފަދަ އާރެއް ބާރެއް ނެތް ގައުމަކާ ދެކޮޅަށް ސަރަހައްދީ ބާރަކުން ސިއްރު ކަންތައްތަކެއް ހިންގި ނަމަވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ބޭރުފުުށުން ކިތަންމެ ރީތި މަންޒަރުތަކެއް ދައްކައި އަތާއި އަތް ޖޯޑުކޮށް ސަލާމްކޮށް ފޮޓޯ ނަގައި މީޑިއާ އަށް ދެއްކިޔަސް ނުފެންނަ ހިސާބުގައި ހީލަތްތެރި ރޭވުންތަކެވެ.

އެއްވެސް ގައުމަކުން އަނެއް ގައުމަކަށް ޖާސޫސްކުރާ ކަމަކަށް އަދި ދާހިލީ ކަންކަމުގެ ތެރެއަަށް ވަންނަ ކަމަކަށް ދުވަހަކު ވެސް އެއްބަހެއް ނުވާނެ އެވެ. އެހެންވެ ދޭދޭ ގައުމުތަކުން ހިންގާ ޖާސޫސީ ހަރަކާތްތައް ވެފައި ވަނީ އެންމެން ދަންނަ ބޮޑު ސިއްރަކަށެވެ.