މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ނަޝީދާ ގުޅޭ ގޮތުން ދެ މެންބަރުން ދޮގު ވާހަކައެއް ނުދައްކާ: ބްރޯޑްކޮމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ދޮގު ވާހަކަތަކެއް ދައްކާފައިނުވާ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ، އެ ކޮމިޝަނަށް މި ދެ މެންބަރުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ޗެނަލް 13ގެ "ނިވްސް ޓޯކް" ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކަކާ ގުޅޭގޮތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.

މި މައްސަލާގައި ބުނެފައިވަނީ، މެންބަރު މުފީދު ރައީސް ނަޝީދާ ބެހޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަ ދައްކާފައިވާ ކަމަށާއި، މެންބަރު ރިފާއު އެމްޑީޕީއާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އަދި އެމްޑީޕީން ރާއްޖޭގެ ރައިސޫލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައިސްފައި ވަނީ "ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާގެ ދަޅަ ދައްކައިގެން، ރާބޮވޭނެ ގޮތްތަކެއް މަގުފަހިކޮށްދޭނެ ކަމަށް ބުނެ މިކަހަލަ ވަރަށް އެހެންކަހަލަ ނުލަފާ ޖައްބާރު ވިސްނުންތައް" މިހެން ބްރޯޑްކާސްޓްކޮށްފައި ވާކަމަށް މި މައްސަލާގައި ބުނެފައިވެ އެވެ.

މައްސަލަ ބަލާ ނިންމާ އެ ކޮމިޝަނުން ބުނެފައިވަނީ، "ނިވްސް ޓޯކް" ޕްރޮގްރާމުގައި ގެނެސްދިން ކޮންޓެންޓްގައި، ރައީސް ނަޝީދާ ބެހޭގޮތުން ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، ކަމެއް ހިނގާފައިވާ ގޮތެއް ހާމަ ކުރުމަށް ޝަރުއީ ކޯޓުތަކުގެ ހުކުމަށް ރިއާޔަތްކޮށް މިފަދަ އިބާރާތްތައް ބޭނުންކުރެވޭނެ ކަމަށް ފެނުނު ހިނދު، އެ ކޮންޓެންޓްގައި ގެނެސްދިން ވާހަކަތައް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވާ މިންވަރަށް ހުރި ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމާފައިވާ ކަމަށެވެ.